'ޑީޑީއެލްޖޭ'އަށް 30 އަހަރުވިކަން ޝާހަށް ގަބޫލު ނުކުރެވޭ

ބޮލީވުޑްގެ އެންމެ ވަރުގަދަ ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން ރީތި ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖައެގޭ" (ޑީޑީއެލްޖޭ) ރިލީޒްކުރިތާ މިދިޔަ ހޯމަ ދުވަހު 30 އަހަރު ފުރިފައިވާއިރު ފިލްމަށް އެހާ ދުވަސް ވެއްޖެކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޝާހްރުކް ޚާން ބުނެފިއެވެ. ފިލްމު 'ޑީޑީއެލްޖޭ' ރިލީޒްކުރިތާ 30 އަހަރުވެފައިވީ ނަމަވެސް، އެ ފިލްމުގެ ހަނދާންތައް އަދިވެސް ބެލުންތެރިންގެ ހިތުން ފިލައިގެނެއް ނުދެއެވެ. ފިލްމުގެ މިއުޒިކާއި ޑައިލޮގްތައް މިހާރު ވެސް ދޭތެރެދޭތެރެއިން ޓްރެންޑްވަމުން އަންނައިރު އެފަދަ ރީތި ލޯބީގެ ވާހަކައެއް މިފަހުން އައިސް ހިންދީ ސިނަމާއިން ނުފެންނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެ ފިލްމުގައި ރާޖްގެ ކެރެކްޓަ ކުޅުނު ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ބުނީ، މިއަދާ ހަމައަށް ވެސް ޝާހު ކުޅުނު ރޯލަށް ލިބެމުން އަންނަ ލޯތްބަށް ޝުކުރު އަދާކުރާ ކަމަށެވެ. ފިލްމު "ޑީޑީއެލްޖޭ"ގެ މަންޒަރެއްގައި ޝާހު އާއި ކާޖޮލް--ފޮޓޯ/ޕިންކްވިލާ ފިލްމު "ޑީޑީއެލްޖޭ"އަކީ ބެލުންތެރިންގެ ހިތްތަކާ ގުޅިލާމެހިދާނެ ފިލްމެއްކަމަށް އޭރު އެއްވެސް މީހަކު ގަބޫލުނުކުރާ ކަމަށާއި އެ ފިލްމު ރިލީޒްކުރިތާ 30 އަހަރުވެފައިވާ ކަމަށް ގަބޫލުކުރަން އެކްޓަރަށް ދަތި ކަމަށް ޝާހު ވަނީ ބުނެފައެވެ. ޝާހުގެ ކެރިއަރުގެ ވެސް އެންމެ މަގުބޫލު އަދި ކާމިޔާބު ފިލްމުތަކުގެ ތެރޭ ހިމެނޭ "ޑީޑީއެލްޖޭ"ގެ ކާމިޔާބީގެ ހަގީގީ ހައްގުވެރިންނަކީ ފިލްމުގެ ޑައިރެކްޓަރު އަދިތިޔަ ޗޯޕްރާ އާއި ޕްރޮޑިއުސަރު ޔަޝް ޗޯޕްރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. މިހާތަނަށް ރީތި ލޯބީގެ ފިލްމުތަކެއް ހިންދީ ސިނަމާއަށް އުފައްދައިދިން ކުރީގެ ލެޖެންޑްރީ ޕްރޮޑިއުސަރު/ޑައިރެކްޓަރު ޔަޝް ޗޯޕްރާގެ އިރުޝާދުގެ ދަށުން އުފެއްދި "ޑީޑީއެލްޖޭ" ހިމެނެނީ ވައިއާރްއެފް ސްޓޫޑިއޯގެ ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭއެވެ. ޝާހާ އެކު ބަތަލާގެ ރޯލްއިން ކާޖޮލް ފެނުނު މި ފިލްމަކީ ހަމައެކަނި ފިލްމެއް ނޫން ކަމަށާއި އެއީ ގިނަބައެއްގެ ޖަޒުބާތާއި އިހުސާސްތަކާއި ގުޅި ލާމެހިފައިވާ ފިލްމެއް ކަމަށް ޝާހު ވަނީ ބުނެފައެވެ. މި ފިލްމު މުމްބާއީގެ މަރާތާ މަންދިރު ތިއޭޓަރުގައި މިހާރު ވެސް ދައްކަމުން އަންނައިރު މިހާރު ވެސް ތިއޭޓަރުގައި ދައްކަމުން އަންނަ އެންމެ ދުވަސްވީ ފިލްމުގެ ރިކޯޑު އޮތީ ވެސް "ޑީޑީއެލްޖޭ" އަތުގައެވެ. އެންމެ ހަތަރު ކްރޯޑު ރުޕީސް (ހަތަރު ލައްކަ އަށްޑިހަހާސް ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ފިލްމު "ޑީޑީއެލްޖޭ" ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 12.3 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ