އެފްއޭއެމް އަތޮޅު މުބާރާތަށް ފީފާ އިން 4.1 މިލިއަން ރުފިޔާގެ އެހީއެއް އެފްއޭއެމް އަތޮޅު މުބާރާތަށް ފީފާ އިން 4.1 މިލިއަން ރުފިޔާގެ އެހީއެއް

އަންނަ މަހު އެއް ވަނަ ދުވަހު ފަށާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށް ފީފާ އިން ބުނެފި އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ ދައުވަތަކަށް ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ، އިއްޔެ ވަނީ ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ.
އެ ދަތުރާ ދިމާކޮށް، އެފްއޭއެމް އިން ވަނީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އަތޮޅުތަކުގެ ޓީމުތަކަށް އާދެވޭ ގޮތަަށް އެކުލަވާލި އެޓޯލް ޗެމްޕިއަންޝިޕަށް ފީފާގެ ސަޕޯޓަށް އެދިފަ އެވެ.
އެ ގޮތުން، އިންފަންޓީނޯ، ރާއްޖެ އަށް ކުރެއްވި ދަތުރުގެ މައުލޫމާތު ހިއްސާކުރުމަށް، ފީފާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ބުނެފައިވަނީ، އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ.
އެފްއޭއެމް އިން އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓް ރާވާފައިވާ ގޮތަކީ ފީފާ ފޯވާޑްގެ ރުހުން ލިބިފައިވާ އޮނިގަނޑެކެވެ. އެ ގޮތުން، އަތޮޅު ބުރު ނިމުމަށް ފަހު، 18 ދަނޑެއްގައި، ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅެވިގެންދާނެ އެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ ސީޒަން ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.
މި ސީޒަނުން ފެށިގެން، ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.
އެފްއޭއެމް އިން ވަނީ އެޓޯލް ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގެ މެޗުތައް ކުޅޭނެ ގިނަ ރަށްތަކެއް ކަނޑައަޅައިފަ އެވެ. އެ ގޮތުން، ހއ. އާއި ހދ. ގެ މެޗުތައް ކުޅޭނީ ކުޅުދުއްފުށި ސިޓީގަ އެވެ. ކ. އަތޮޅުގެ މެޗުތައް ގުރައިދޫގައި ކުޅޭއިރު، ނ. އަތޮޅުގެ މެޗުތައް ހޯސްޓްކުރާނީ ކެނދިކުޅުދޫގަ އެވެ. އއ. އަތޮޅުގެ މެޗުތައް ތޮއްޑޫގައި ކުޅޭއިރު، އދ.ގެ މެޗުތައް މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި ކުޅެން ވަނީ ނިންމައިފަ އެެވެ. އަދި، ގދ.ގެ މެޗުތައް ހޯސްޓްކުރާނީ ގައްދޫގަ އެވެ.
މިހާރު އޮތްގޮތުން، ބައިވެރިވެފައިވާ ޓީމުތަކުގެ ނިސްބަތަށް ބަލައި، ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ނިންމާފައިވާ އަތޮޅުތަކަކީ، ޅ. ވ، ފ، އަދި ދ، އަތޮޅެވެ. ހޯސްޓްކުރާނެ ރަށެއް ކަނޑަނޭޅި އޮތް އަތޮޅުތަކަކީ، ލ، ގއ، އަދި ސ. އަތޮޅެވެ. އަދި، އެއް ޓީމު ބައިވެރިވެފައިވާތީ، އަތޮޅު ތަމްސީލްކުރުމުގެ ފުރުސަތާ އެކު، އޮޓޮމެޓިކުން އަނެއް ބުރުގެ ޖާގަ ލިބިފައިވަނީ، ބ. އަތޮޅާއި ޏ. ފުވައްމުލަކު ސިޓީގަ އެވެ.
މިހާރު އޮތްގޮތުން އެޓޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކުޅުދުުއްފުށި ސިޓީގަ އެވެ. އެ ދުވަހު ކުޅޭ މެޗުގައި، ބައްދަލުކުރާނީ ކުޅުދުއްފުށްޓާއި ނެއްލައިދޫ އެވެ.
އެޓޯލް ޗެމްޕިއަންޝިޕްގެ ގުރުއަތުލުން ނިންމުމަށް ފަހު، އެފްއޭއެމުން ބުނެފައިވަނީ، މުޅި މުބާރާތުގެ ޝެޑިއުލް ފުރިހަމަ ކުރުމަށް ފަހު ހިއްސާކުރާނެ ކަމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ