ހިޔާ ފްލެޓުތަކުން މިދިޔަ ސަރުކާރުން ފްލެޓު ނުލިބޭނެކަމަށް ނިންމި ފަރާތްތަކަށް، މިސަރުކާރުން އެންމެ ފުރަތަމަ ހިންގާ ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓްތައް ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، އެފަރާތްތަކަށް ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާ ކަމަށާއި، އެކަމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މިސަރުކާރުން ކުރިއަށްގެންދާ ސޯޝަލް ހައުސިން ޔުނިޓުތަކަށް ހިޔާ ފްލެޓުތަކުން ފްލެޓު ނުލިބޭނެކަމަށް ނިންމި ފަރާތްތަކުން ހަމައެކަނި ޖެހޭނީ އެ ސްކީމަށް ހުށަހަޅަންކަމަށެވެ. އެބޭފުޅުން އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ކުރީ ސަރުކާރުގެ ނިންމުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ ހައްގު ގެއްލުނު ފަރާތްތަކަށް ދެވޭނެ ވަރަށް ބޮޑު ލުޔެކެވެ.
ރައީސް ވިދާޅުވީ ބީއެމްއެލް ފައިނޭންސްގެ ދަށުން ފަށާ މަޝްރޫއާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަށާ މަޝްރޫޢުގެ އިތުރުން އެކި މަޝްރޫޢުތަކުގެ ތެރެއިން ޖުމްލަ 7500 ފްލެޓު ތަރައްޤީކުރުމުގެ މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ހިޔާ ފްލެޓު ގެއްލުނު ފަރާތްތަކަށް ފްލެޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، "އެއްފަހާރާ އެންމެނަށް ލިބޭގޮތަށް އެއް ޕްރޮޖެކްޓަކުން ފްލެޓުތަކެއް ނުއެއް އެޅޭނެ. ފުރަތަމަ ފަށާ ޕްރޮޖެކްޓުން ވަކި ވަރެއް ކަނޑައަޅާފައި މިވަނީ ފްލެޓު އަތުލި ފަރާތްތަކަށް ދިނުމަށް. އެކަން ކުރިއަށް އެބައޮތް. އެކި ކެޓަގަރީތަކުން". މިއިން ދޭހަވަނީ، އެކި ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން، ހިޔާ ފްލެޓު ގެއްލުނު ފަރާތްތަކަށް އިސްކަންދީގެން ފްލެޓު ދިނުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާނެ ކަމެވެ.
މިދިޔަ ސަރުކާރުން ފެލެޓު ނުލިބޭނެކަމަށް ނިންމި ފަރާތްތަކަށް މިސަރުކާރުން ފްލެޓްތައް ލިބޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ