ރިސޯޓް މުވައްޒަފުންނަށް ސާވިސް ޗާޖް ޑޮލަރުން ދޭން ލާޒިމް ކުރަން އިސްލާހެއް

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސް ޗާޖް ވަޒީފާ ދޭ ފަރާތުން ރުފިޔާއަށް މާރު ކުރުން ހުއްޓުވައި އެ ފައިސާ މުވައްޒަފުންނަށް ޑޮލަރުން ދޭން ނުވަތަ ސާވިސް ޗާޖު ފަތުރުވެރިންގެ އަތުން ނެގި ބާވަތަކުން  ދޭން ލާޒިމް ކުރާ ގޮތަށް ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ގާނޫނު މިހާރު އޮންނަ ގޮތުން ސާވިސް ޗާޖު ސީދާ ޑޮލަރުންދޭން ލާޒިމް ނުވާތީވެ އެކަން މަގުފަހިކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އެމްޑީޕީގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
ތަފްސީލު - ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގައިވާ ގޮތުން، ފަތުވެރިވެރިކަމުގެ ސިނާއާތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، %10އަށްވުރެ މަދު ނޫން އަދަދަކަށް ސާވިސް ސާޖެއް ނަގަން ވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން އިދާރީ ފީގެ ގޮތުގައި %1 ވަޒީފާ ދޭ ފަރާތުން ނެގުމަށްފަހު، މުވައްޒަފުންނަށް ހަމަހަމަކަމާއެކު އެ ފައިސާ ބަހަން ޖެހެ އެވެ. ނަމަވެސް ސީދާ ޑޮލަރުން ދޭން ލާޒިމްކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ، މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މައުރޫފް އިސްލާހު ހުށަހެޅުއްވީ، 52 ވަނަ މާއްދާ (ށ)ގެ ދެވަނަ ނަންބަރުގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރުމަށެވެ. 
ފުރަތަމަ އިސްލާހުގައި ބުނަނީ:
ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން، މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށް
އަދި ސާވިސް ޗާޖު ބެހުމުގައި މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތަކުން
އެ އިސްލާހާ ގުޅިގެން މައުރޫފް 'ދައުރު'އަށް ވިދާޅުވީ، މިހާރު ގާނޫނު އޮންނަ ގޮތުން މުވައްޒަފުންނަށް ޑޮލަރުން ސާވިސް ޗާޖު ދިނުން ސީދާ ލާޒިމް ނުވާތީވެ، ބައެއް ރިސޯޓުތަކުން އެ ފައިސާ ރުފިޔާއަށް މާރުކޮށްގެން، ރުފިޔާއިން އެ ފައިސާ މުވައްޒަފުންނަށް ދެމުންދާ ކަމަށެވެ. އެހެންވެ އިސްލާހުގެ ބޭނުމަކީ، ގާނޫނުގައި ސާފުކޮށް އެކަން އެގޮތަށް ނުކުރެވޭނެކަން ބަޔާންކޮށް، ސާވިސް ޗާޖް ނަގާ ފައިސާއަކުން އެ ދޭން ލާޒިމް ކުރުމެވެ.
ފާހަގަކޮށްލެވޭ ކަމެއް - ފަތުވެރިވެރިކަމުގެ ހިދުމަތް ދޭ ގިނަ ތަންތަނުގައި ސާވިސް ޗާޖު، ޓޫރިސްޓުންގެ އަތުން ނަގަނީ ޑޮލަރުންނެވެ. ޑޮލަރުން އެ ފައިސާ ނެގުމަށްފަހު، މުވައްޒަފުންނަށް ދިވެހި ރުފިޔާއިން އެ ފައިސާ ދޭތީވެ ބައެއް ފަރާތްތަކުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 
އެ ކަންބޮޑުވުންތައް ބޮޑުވީ، ރިސޯޓުތަކުން އެމްއެމްއޭއަށް ވަކި އަދަދަކަށް ޑޮލަރު މާރު ކުރަން ލާޒިމް ކުރާ ގޮތަށް ހެދި ފަހުންނެވެ.
މި ބިލުގައި ދެން އޮތް އިސްލާހަކީ:
ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި ވިޔަސް އެފަދަ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ
"އެ އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ، މިސާލަކަށް ރިސޯޓެއްގައި ތާޑް ޕާޓީއަކުން ހިންގާ ޑައިވް ސެންޓަރެއްގައި ވަގުތީ ގޮތުން [ނުވަތަ] ވަގުތީ ކޮންޓުރެކްޓެއްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސާވިސް ޗާޖު ދޭތީވެ، އެކަން ހުއްޓުވުމަށް. އެ މުވައްޒަފަށްވެސް ސާވިސް ސާޗު އެހެން މުވައްޒަފުންނެކޭ އެއްގޮތަކަށް ޑޮލަރުން ލިބޭ ގޮތް ހެދުމަށް،" ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް)ގެ ޖެނެރަލް ސެކެްޓްރީގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ މައުރޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ