ފަޖުވާގެ ބަދަލުގައި ޕެންޝަން އޮފީހަށް އާ ޗީފް ފައިނޭންޝަލް އޮފިސަރެއް ހޯދަނީ ފަޖުވާގެ ބަދަލުގައި ޕެންޝަން އޮފީހަށް އާ ޗީފް ފައިނޭންޝަލް އޮފިސަރެއް ހޯދަނީ

ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު ހައްވާ ފަޖުވާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރާނެ މީހަކު ހޯދަން އިއްޔެ އިއުލާނުކޮށްފި އެވެ.
ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން އުޅޭ މައްސަލަ ފެންމަތިވެފައި އޮއްވައި ފަޖުވާ އިސްތިއުފާ ހުށަހެޅުއްވީ ނޮވެމްބަރު 4، ގަ އެވެ. ފަޖުވާގެ އިތުރުން ބޯޑު މެންބަރު އަޝްރަފް ރަޝީދު އާއި އަހުމަދު ސަރުވަޝް އާދަމް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ފައިނޭންސް މިނިސްޓްރީ ތަމްސީލު ކުރައްވަން ބޯޑުގައި އިންނެވި އަޝްރަފް އިސްތިއުފާ ދެއްވީ މިއަދެވެ. ޝަރުވަސް އިސްތިއުފާ ދެއްވީ އޮކްޓޯބަރު 22، ގަ އެވެ. އެ ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ ފައިސާ ޗާޕު ކުރަން އުޅޭތީ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ފަޖުވާ އިސްތިއުފާ ހުށަހެޅުއްވީ ފައިސާ ޗާޕު ކުރަން ބޭނުންވާ ލިޔުމެއްގައި ސޮއި ކުރަން ބޭނުންވެވަޑައިނުގަންނަވާތީ އެވެ. އެ ލިޔުމުގައި ސޮއި ކުރަން ބައެއް އެހެން މުވައްޒަފުން ވެސް ދެކޮޅު ހެދިކަން އެނގިފައިވެ އެވެ.
ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމަކީ ޒިންްމާ ބޮޑު އަދި ބުރަ މަގާމެކެވެ. މަގާމަށް އަންނަން ބޭނުންވާ މީހެއްގެ އަތުގައި މާސްޓާސް ޑިގްރީއެއް އޮތުމާއެކު މަދުވެގެން އަށް އަހަރުގެ ތަޖުރިބާ ލިބިފައި ހުންނަންޖެހެ އެވެ. އެ މަގާމުގެ މުސާރައަކީ މަހަކު 50،000 ރުފިޔާ އެވެ.
ސަރުކާރުން މަސައްކަތް ކުރަނީީ 2.3 ބިލިއަން ރުފިޔާ ޗާޕު ކުރާށެވެ. އެކަން ކުރަން އުޅޭ ގޮތަކީ، ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑުތަކަކަށް އިންވެސްޓުކޮށްގެންނެވެ. އެ އިޖުރާއަތްތައް ކުރިއަށްގެންދާ ގޮތުން އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ