އައްޑޫ ސިޓީ ކައުންސިލްގެ ހިތަދުއަށް ނިސްބަތްވާ އަންހެނުންނަށް ހާއްސަ ގޮނޑިތައް ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ބަދަލު ނުކުރާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކޮންމެ ކައުންސިލެއްގައި ވެސް %33 ގޮނޑި އަންހެނުންނަށް ހާއްސަކުރަން ޖެހެ އެވެ.
އެގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިދިޔަ އަންގާރަ ދުވަހު ވަނީ އައްޑޫ ހިމެނޭހެން ސިޓީތަކުގައި އަންހެނުންނަށް ހާއްސަ ދާއިރާތައް ކަނޑައަޅައި އިއުލާންކޮށްފަ އެވެ.
ތަފްސީލު - އެ އިއުލާންގައިވާ ގޮތުން، އަންނަ 4 އެޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބުގައި ހިތަދޫން މިފަހަރު ވެސް އިންތިހާބު ކުރާ އަންހެނުންގެ ހާއްސަ ގޮނޑިތަކަކީ މިހާރު ވެސް އެ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ގޮނޑިތަކެވެ. އެއީ:
ހިތަދޫ ދެކުނު ދާއިރާއިން، މާމެންދޫ ދާއިރާ
ހިތަދޫ މެދު ދާއިރާއިން، ބޭރުމަތި ދާއިރާ
މިއީ ގާނޫނަަށް 2019ގައި ގެނައި ބަދަލާ އެކު 2021ގައި ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބުގައި ވެސް އަންހެނުންނަށް ހާއްސަ ކުރި ދެ ދާއިރާ އެވެ. އެހެންވެ، އެ ދެ ދާއިރާއަށް މިފަހުން ވެސް ފިރިހެން ކެންޑިޑޭޓުންނަށް ކުރިމަތިނުލެވުމަކީ މިކަމާ އަޑުއުފުލާ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ. އަދި ހިތަދޫގެ ދެން ހުރި ދާއިރާތަކުގެ އަންހެނުންނަށް ވެސް މި ފުޅާ ފުރުސަތު ލިބުން ހަނިވުމަކީ ވެސް ކަންބޮޑުވުމެވެ.
އަންހެނުންނަށް ކައުންސިލްގެ %33 ގޮނޑިތައް ހާއްސަކޮށްފައިވަނީ 19 ވަނަ މަޖިލީހުގައި އޭރު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކާ އެކު އެވެ. އޭރު ގާނޫނުގެ 41 ވަނަ މާއްދާގެ (ނ)އަށް ގެނައި އިސްލާހުގައި ބުނަނީ:
ގާނޫނުގެ ދަށުން ފުރަތަމަ ބާއްވާ ސިޓީ ކައުންސިލްގެ އިންތިހާބުގައި އަންހެން މެންބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅަން ވާނީ ގުރުއަތުލައިގެން
އަދި "އޭގެ ފަހުން އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ" ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން
އެހެންކަމުން، އެ މާއްދާގައިވާ ގޮތުން، މި ދައުރުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތައް ބަދަލުވާން ޖެހެ އެވެ. ނަމަވެސް މިފަހުން މިހާރު އޮތް 20 ވަނަ މަޖިލީހުގައި އެ މާއްދާއަށް ކުޑަ ބަދަލެއް ގެނެސް، އީސީގެ މައްޗަށް އެ ބާރު ދޫކޮށްލާފައިވެ އެވެ.
އެ މާއްދާ މިހާރު އޮތް ގޮތަކީ:
މި ގާނޫނުގެ ދަށުން ބާއްވާ ސިޓީ ކައުންސިލްގެ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް
ގާނޫނަށް އެ ބަދަލު ގެނެއި ނަމަވެސް ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި، ހަމަހަމަ އުސޫލުން، ދައުރުވާ ގޮތަށް އަންހެނުންގެ ހާއްސަ ގޮނޑިތައް ކަނޑައަޅާ ނަމަ، މިފަހަރު ކަނޑައަޅަންވާނީ ކުރިން ކަނޑަނާޅާ އެހެން ދެ ދާއިރާއެކެވެ.
އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ ސްޓިއަރިން ކޮމިޓީން ވަނީ އެ ކޮމިޝަންގެ ނިންމުން މުރާޖައާ ކުރުމަށް އެދި ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ޕެޓިޝަން މަސައްކަތުގައި އިސްކޮށް އުޅުއްވާ އެއް ބޭފުޅެއް ކަމަށްވާ އެ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް ހުސައިން ރަޝީދު 'ދައުރު'އަށް ވިދާޅުވީ، މިހާރު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު ކޮމިޝަނަށް އެ ޕެޓިޝަން ހުށަހަޅުއްވާނެ ކަމަށެވެ.
"ދެވަނަ ފަހަރަށް މިގޮތަށް ޖެހިޖެހިގެން މި ކަނޑައެޅީ [އެ ދެ ދާއިރާގެ ގޮނޑި އަންހެނުންނަށް ހާއްސަކުރަން]. މިއީ އެ ދެ ދާއިރާގެ ފިރިހެން ބޭފުޅުންނަށް އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު 10 އަހަރަށް ގެއްލިގެންދާނެ ކަމެއް. އަޅުގަނޑުމެންގެ މެޖޯރިޓީ ރައްޔިތުން ގަބޫލު ކުރަނީ މިއީ މިކަން ވެގެން ވާނެ ގޮތެއް ނޫން ކަމަށް،" ހުސައިން ރަޝީދު ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި، އެ ގޮތަށް 10 އަހަރަށް ދެ ދާއިރާއެއް އެކަނި އަންހެނުންނަށް ހާއްސަކޮށްފައި ބޭއްވުމަކީ އެ ގާނޫނު ތަސައްވުރު ކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ފުރުސަތު ދެން ހުރި ދާއިރާތަކަށް ލިބެން ވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގާއި އަމިއްލަ ފަރާތަކުން ވެސް އީސީއަށް ސިޓީއެއް ފޮނުއްވާފައިވެ އެވެ. އެ ދެ ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ލިބިފައިވެ އެވެ. އެ ދެ ބޭފުޅުން ވެސް އެދިވަޑައިގެންފައިވަނީ އީސީގެ ނިންމުން މުރާޖައާކޮށްދިމނުމަށެވެ.
އީސީގެ ބަސް - އީސީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އުނައިސްއާ މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، 41 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައި ވަނީ އަންހެނުންނަށް ހާއްސަ ކުރާ ގޮނޑި ކަނޑައެޅުމަށް އީސީން އުސޫލެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
"އަންހެނުންނަށް ހާއްސަ ގޮނޑި ކަނޑައަޅާފައި އެ ވަނީ އެގޮތުން ގެޒެޓުކޮށްފައިވާ އުސޫލުގެ ދަށުން ކޮމިޝަނުގެ ޖަލްސާއަކުން ހާއްސަ އެޕްލިކޭޝަން ރެންޑަމްކޮށް ނަގައިގެން،" މެސެޖަކުން ފޮނުއްވި ކުރި ޖަވާބެއްގައި އުނައިސް ވިދާޅުވި އެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން އުނައިސް އަދި އީސީގެ ތަރުޖަމާނުކަން ކުރައްވާ އެ ކޮމިޝަންގެ ނައިބު ރައިސް ސަލާހު ރަޝީދުއާ އިތުރަށް ސުވާލު ކުުރުމުން މި ހަބަރު ޖެހުމާ ހަމައަށް އެ ދެ ބޭފުޅުންގެ އިތުރު ޖަވާބެއް ނުލިބެ އެވެ.
އެ ދެ ބޭފުޅުންނާ 'ދައުރު'ން ކުރި ސުވާލުތަކުގެ ތެރޭގައި "ރެންޑަމްކޮށް" ދާއިރާތައް ކަނޑައެޅީ ކޮން ގޮތަކުންތޯ އާއި ކުރިން އަންހެނުންނަށް ހާއްސަ ދާއިރާތައް އަނެއްކާވެސް ކަނޑަޅުމަކީ ހަމަހަމަ އުސޫލަކަށް ވަނީ ކޮން ހަމައަކުންތޯ ހިމެނެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އައްޑޫ ކައުންސިލަށް މިފަހަރު ވެސް މޭޔަރާ އެކު ޖުމްލަ 11 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެެއިން އަންހެނުން ތަމްސީލު ކުރާނެ އަދަދަކީ ހަަތެރެކެވެ.
އޭގެ ތެރޭގައި ހިތަދުއަށް ނިސްބަތްވާ އަންހެނުންގެ ދެ ގޮނޑީގެ އިތުރުން ދެން ހިމެނެނީ، އެ ކައުންސިލް ތަމްސީލު ކުރާ އަނެއް ދެ އަވަށުގެ ގޮނޑިތަކެވެ. އެއީ މަރަދޫ ދާއިރާ އާއި ފޭދޫ މަގުއްދޫ ދާއިރާ އެވެ.
އެ ދެ ދާއިރާއަކީ މިހާރު އޮތް ކައުންސިލްގައި އަންހެނުންނަށް ހާއްސަ ދެ ދާއިރާއެއް ނޫނެވެ. އެއީ މުޅިން އަލަށް ކަނޑައެޅި އަންހެނުންގެ ދެ ގޮނޑި އެވެ.
ކަންބޮޑުވުން ފާޅު ކުރާ ފަރާތްތަކުން އެދެނީ އެގޮތަށް ހިތަދުއާ މެދު ވެސް އަމަލު ކުރަމަށެވެ.
އައްޑޫ ކައުންސިލުގެ އަންހެނުންނަށް ހާއްސަ ގޮނޑިތައް ބަދަލު ނުކުރާތީ ޝަކުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ