މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ގާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މި ފިއުލް ސްކިޑް ހުޅުއްވައިދެއްވާފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރ. ދުވާފަރަށް ވަޑައިގެންނެވެ.
އެގޮތުން ރައީސްއޮފީހުން ބުނީ މި ފިއުލް ސްކިޑަކީ، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަވާ، އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް ހޯއްދަވައިދެއްވުމުގެ ގޮތުން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރެވިފައިވާ ފިއުލް ސްކިޑެއް ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން 18 ފިއުލް ސްކިޑެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށާއި، ސަރުކާރުން އިއުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދުވާފަރުގައި ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ދުވާފަރު ބަނދަރު ބޮޑުކުރުމާއި، ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް އަދި ދަނާލެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް ވަޑައިގެންފައިވާއިރު، މަސްވެރިންގެ ދުވަހާއި ގުޅިގެން "ދެން ނުވަނެ، ދެން ނުފުރޭނެ". ނަމުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަންއިން އިންތިޒާމްކޮށްގެން މުޒާހަރާއެއްވެސް ވަނީ ކޮށްފައެވެ.
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ހެދި ފުރަތަމަ ފިއުލް ސްކިޑް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ