33 ވަނަ ބަޔާ ގުޅޭ
"ތި ސުވާލަށް އަހަރެން ކުރީ ދުވަހުވެސް ޖަވާބު ދިނީމެއްނު؟ ވަޓް ޑިޑް ޔޫ އެކްސްޕެކްޓް މައިރާ؟ މައިރާގެ އަމިއްލަ ދެއަތުން އަހަރެންގެ ހިތް ފުނޑުފުނޑުކޮށްލީ.. ދެން އަހަރެން މައިރާދެކެ ލޯބިވާންވީ ނެތް ހިތަކުންތަ؟" އިވާންގެ ސުވާލާއެކު މައިރާގެ ދުލުގައި ގޮށެއް ޖެހުނެވެ. އެ ސުވާލު އޭގެ އެންމެ އަސަރު ގަދަކަންމަތީ އައިސް މައިރާގެ މުޅި ހަށިގަނޑުން ހީބިހި ހިލުވައިލި އެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓައި އިވާން އޭނާއަށް ފަސްދީ ދުރަށް ހިނގައިގެންފި އެވެ.
"ބަންދުކުރާ ގަޑި ޖެހިއްޖެ. އަހަރެންނަށް ހީވަނީ އަމިއްލައަށް ނުކުމެ ޓެކްސީއެއް ހޯދާލައިގެން ދެވޭ ވަރަށް މިހާރު މައިރާ އޯކޭހެން" ހިމޭންކަމުގައި މިނެޓެއްހާއިރުވެސް ފާއިތު ނުވަނީސް އަނެއްކާ އިވާން ވާހަކަ ދެއްކިއެވެ.
މައިރާއަށް އިވާން އެހެން އެބުނީ އޭނާ އެތަނުން ފޮނުވައިލުމުގެ މަގުސަދުގައިކަން ނަގައިގަނެވުނެވެ. ކުރިން އިވާންގެ އަޑުގައިހުރި ޖަޒުބާތުތަކަކާއި ހިތާމައެއް މިހާރަކު ނެތެވެ. ލޮލަށް ބޮނޑިވެގަތް ކަރުނަތައް ފޮރުވައިލުމަށްޓަކައި މައިރާއަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހައިލުމެވެ. މާ ބޮޑަށް ރޮވިދާނެހެން ހީވުމުން އަށިމަތީގައި އޮތް ދަބަސް ހިފައިގެން ގޮސް ގަރާޖުން ބޭރަށް ނުކުތެވެ. ވެހެމުންދިޔަ ބޯ ވާރެއަށް ބަލައިލުމަށްފަހު އަސްކަނިދޮށުގައި މަޑުކޮށްލި އެވެ. ޓެކްސީއެއް ހޯދުމަށްޓަކައި ދިހަވަރަކަށް މިނެޓުވަންދެން ކުރި މަސައްކަތް ދިޔައީ ފަނު ފުލުންނެވެ.
"އަދިވެސް ނުދަންތަ؟" އިވާންގެ އަޑަށް މައިރާ ސިހިފައި ދުރަށް އެނބުރިލަމުން މޫނު ފޮހެލި އެވެ.
"މި.. މިއީ ޓެކްސީއެއް ނުލިބޭތީ.." މައިރާ އިސްޖަހައިލަމުން ބުންޏެވެ. އިވާންއަށް އަދިވެސް އެއްފަހަރު މައިރާގެ މޫނަށް ބަލައިލެވުނެވެ. ހަމުގެ ކުލަ މާ އަލި ނޫންކަމުން މައިރާގެ މޫނުމަތިން ރަތްކަމެއް ނުފެނުނަސް އެ ލޮލުގައިވާ ރަތްކަމުން އިވާންއަށް މައިރާ ރޮއެފަހުރިކަން އެނގޭހާވެ އެވެ.
އިވާންއަށް ގަދަކަމުން ކަހަލަގޮތަކަށް ހިންދިރުވައިލެވުނެވެ. އިރުކޮޅަކު ވިސްނަން ހުރެލާފައި ވާރޭގެ ތެރެއަށް ހިނގައިގަތެވެ. އޭނާ ގޮސް ހުއްޓުނީ އެތަނުގައި ޕާކުކޮށްފައިހުރި އައުޒަމްގެ ސައިކަލު ކައިރިއަށެވެ. އޭގެ މަޑިދަށުން ނެގި ކަޅުކުލައިގެ ވާރޭކޯޓެއް ހިފައިގެން އައިސް އަނެއްކާވެސް މައިރާގާތު ހުއްޓިލި އެވެ.
"ލެޓްސް ގޯ" އިވާން އެ ވާރޭކޯޓު މައިރާއަށް ދިއްކޮށްލި އެވެ. "އަހަރެން ގެންގޮސްދޭނަން" އޭނާ ބުންޏެވެ.
އިވާން އިސްވެ އެފަދަ އެހީގެ އަތެއް ދިއްކޮށްލުމުން އެ އަތުގައި ނުހިފައި ހުންނާކަށް މައިރާ ބޭނުމެއް ނުވިއެވެ. އެހެންނޫނަސް އެއީ އޭނާއަށް އިވާންއާއެކު ކުޑަވެސް ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެއް ތާއެވެ. އަވަސްއަވަހަށް ބޯ ޖަހައިލަމުން މައިރާ އެ ކޯޓުގައި ހިފި އެވެ. އިވާން މަޑުކޮށްލީ މައިރާ އެ ކޯޓުލައި ނިމެންދެނެވެ. ހަށިގަނޑުގައި ހަރުލާފައިހުރި ތަދުތަކުގެ ސަބަބުން މައިރާއަށް އެކަން މާ ފަސޭހަކަމަކަށް ނުވި އެވެ. އިވާންއަށް އެކަން ނަގައިގަނެވުނީ ކަހަލަ އެވެ. އިރުކޮޅަކު މައިރާގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު ޗޮކެއް ކަނޑައިލަމުން މައިރާގެ ގާތަށް ޖެހިލައި، އެ ކޯޓު ލާން އެހީތެރި ވެދިނެވެ. އިވާން ސައިކަލާ ދިމާލަށް ހިނގައިގަތުމުން މައިރާވެސް އިވާންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ހިނގައިގަތެވެ.
"އިވާން އެއްކޮށް ތެމުނީނު" މައިރާއަށް އިވާން ކޯޓެއް ނުލައި ހުރިކަން ރޭކައިލީ ސައިކަލަށް އެރި ފަހުންނެވެ.
"އޯކޭވާނެ.. އެހެންނޫނަސް އަހަރެން ހުރީ ދަލުން ފޯވެފަ އެއްނު" މައިރާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އިވާން ސައިކަލު ދުއްވައިލި އެވެ. މައިރާގެ ހާލަތަށް ބަލައި މަޑުމަޑުން، ފަރުވާތެރިކަމާއެކުގަ އެވެ. އެވަގުތު މައިރާ އިވާންގެ މެދުހަށީގައި ދެއަތް ވަށައިލުމާއެކު އިވާންއަށް ސައިކަލުގެ މުށްގަނޑުގައި ހިފަހައްޓައިލައިގެން ހުރި އަތަށް އިތުރު ބާރެއް ލެވުނުއިރު ކުއްލިއަކަށް ސައިކަލުގެ ބުރަކިވެސް ޖައްސައިނުލެވުނީ ހަމަކިރިޔާ އެވެ. އެހެނަސް ތެމިފައިވާ ޓީޝާޓުގެ މަތިން އިހުސާސް ކުރެވެމުންދިޔަ މައިރާގެ ދެއަތްތިލައިގެ ހޫނުކަމުން އޭނާގެ ހަށީގައިވާ ފިނިކަމަށް ކުޑަވަރެއްގެ ލުޔެއް ލިބެމުން ދިޔައީތީ އޭނާ އެކަމާމެދު އެއްޗެކޭ ނުބުންޏެވެ. ބަދަލުގައި، ހަށިފުރައި ނޭވާއެއްލަމުން ނަފްސު ހަމައަކަށް އަޅުވައިލި އެވެ.
މައިރާމެންގެ ގެއާ ހިސާބަށް ދެވެންދެން އެ ދެމެދުގައި އޮތީ ހިމޭންކަމެވެ. އިތުރަށް ދައްކާނޭ ވާހަކައެއް، ބުނާނެ އެއްޗެއް، އަހާލާނޭ ސުވާލެއް އެކަކަށްވެސް ނޭނގުނީ އެވެ. ހ. ފްލޮރެންސްގެ ކުރިމައްޗަށް ސައިކަލު ހުއްޓައިލުމުން އެ ހިމޭންކަންމަތީގައި މައިރާ ސައިކަލުން ފޭބި އެވެ. އޭރު ވާރޭވެސް ތުނިކޮށްލައިފި އެވެ.
"ތެންކްޔޫ.." މައިރާ އިސްޖަހާލައިގެންހުރެ ބުންޏެވެ. އެއަށްފަހު އިވާންއާ ހަވާލު ކުރުމަށްޓަކައި ކޯޓު ބޭލޭތޯ އުޅުނެވެ. އެކަމުން އެރޭ މައިރާއަށް އިތުރު ތަކުލީފެއް ލިބިދާނެ ކަމަށް ބަލައި އިވާން މައިރާގެ އަތުގައި ހިފެހެއްޓި އެވެ. "އޯކޭވާނެ. ފަހުން ހަވާލުކޮށްލާ.." އޭނާ ބުންޏެވެ. އެއަށްފަހު ކައިރީގައިހުރި އަށް ފަންގިފިލާގެ ބޮޑު ހައިބަތުހުރި އިމާރާތަށް ބީރައްޓެހި ނަޒަރަކުން ބަލައިލި އެވެ.
"ލީން އުޅެނީ ކޮން ބައެއްގަ؟" އިމާރާތުގެ އެކި ބެލްކަނީތަކަށް ބަލައިލަމުން އިވާން ސުވާލުކޮށްލި އެވެ. އެފަދަ ސުވާލަކަށް ތައްޔާރުނުވެހުރި މައިރާއަށް ލިބުނީ ސިހުމެކެވެ. ތެޅިގެންފައި އަވަސްއަވަހަށް ތިންވަނަ ފަންގިފިލާގައިހުރި ނަދާލްގެ އެޕަޓްމެންޓަށް އިޝާރާތްކޮށްލި އެވެ.
"އެބައިގަ.. ލީން މިވަގުތު އުޅެނީ.. އެންޑް ދެޓްސް ވެއަރ އައި ލިވް" އިވާން ނޭހި ކަމުގައިވިޔަސް ހަތަރުވަނަ ފަންގިފިލާގައިހުރި ދެ ބެލްކަނީން ބެލްކަންޏަކަށް އިޝާރާތްކޮށްލަމުން މައިރާ ބުނެލި އެވެ.
އިވާން ވަކި އެއްޗެކޭ ނުބުނެ ބޯ ޖަހައިލުމަށްފަހު އަދިވެސް އެތަނުގައި މަޑުކޮށްލައިގެން އިނީ އެވެ. މަގުގެ މާ ދުރަށް ބަލަހައްޓައިގެން ހިޔާލަކަށް ގެއްލިފަ އެވެ. ފަހަރުގައި މައިރާއާ ދުރަށް ދާން ބޭނުން ނުވެފައި ކަމަށްވެސް ވެދާނެ އެވެ. އޭރު މައިރާގެ ނަޒަރު ބޭއިޙްތިޔާރުގައި އިވާންއަށް ހުއްޓެމުންދިޔަ އެވެ. ތެމިފައިވާ އިސްތަށިގަނޑުން ރެކިގެން ނިތްކުރިމައްޗަށާއި ކަންހުޅި ކައިރިން ފައިބާ ފެންތިކިތަކުން އިވާންގެ މޫނަށް އިތުރު ތާޒާކަމެއް ގެނެސްދެމުން ދިޔައިރު ފިނީގެ ސަބަބުން އެ ތުންފަތަށްވަނީ މަޑު ރަތްކަމެއް ފާއްދައިލާފަ އެވެ. ތެމިގެން ގަޔަށް ހިފާލައިފައިވާ ޓީޝާޓުގެ ސަބަބުން ހާމަވަމުންދިޔަ ބައިމަތިފުޅާ ހަށިގަނޑާއި، ސައިކަލުގެ މުށްގަނޑުގައި ހިފަހައްޓައިގެންހުރި އަތުގެ ނާރުތައް ފުފިލާފައިހުރި ގޮތުން މައިރާގެ ވިސްނުން ދާން ނުޖެހޭ ދިމަދިމާލަށް ދާން ފަށައިފި އެވެ. އޭނާގެ ހިތުގެ އެއްފަޅިން އެދެމުން ދިޔައީ އިވާންއާ ގާތްވެލާށެވެ. ނަމަވެސް ހިތުގެ އަނެއް ފަޅިން އިވާންއާމެދު ކަންބޮޑުވަމުންދިޔަ އެވެ. ތެމިގެން ހުރުމުންނާއެކު ފަޒާގައިވާ ތެތް ފިނިކަމުގެ އަސަރު އިވާންއަށް ކުރާނެކަން އޭނާއަށް އެނގެ އެވެ. ނަމަވެސް އިވާން އެތަނުގައި ހުންނަން ބޭނުންވާހާ ހިނދަކު އޭނާ އިވާން އެތަނަކުން ފޮނުވައެއް ނުލާނެ އެވެ.
"އައި.. އައި ތިންކް ޔޫ ޝުޑް ގޯ ޗޭންޖް.. މިހާރު ހީކަރުވާފައެއްނު ހުންނާނީ" މައިރާގެ ހިތުގެ އެދުމުގެ މައްޗަށް ގަދަވެގަތީ ހިތުގައި އޮތް ކަންބޮޑުވުމެވެ.
"ރަނގަޅުވާނެ.. އައި ހޭވް ހައި އިންޑިޔުރަންސް ފޯރ ހީޓް އެންޑް ކޯލްޑް" އިވާން އާދައިގެ ރާގެއްގައި ބުންޏެވެ.
"އައި ނޯ" މައިރާ ބޯ ޖަހައިލި އެވެ.
"ނޯ ޔޫ ޑޯންޓް.." އިވާން އެއާ ވިއްދާފައި ބުންޏެވެ. "ހުކުމް ނުކުރާ މީހުން ތިބޭކަހަލަ ގޮޅިއެއްގަ ހައެއްކަ މަސް ވޭތުކޮށްލީމަ މައިރާއަށްވެސް އެނގޭނީ"
އިވާން ބޭނުންވީ އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް މައިރާގެ ސިކުނޑިއާ ކުޅެލާށެވެ. މައިރާ ދެރަކޮށްލާށެވެ. އެކަން އޭނާ ވަރަށް ރަނގަޅަށް ކާމިޔާބުކުރި އެވެ. މައިރާގެ ދެލޯ ކަރުނައިން ދަޅައަޅައިލި މަންޒަރު ގޭގެ ބޭރުގައި ޖަހާފައިވާ ފަނޑު ލައިޓުގެ އަލީގައިވެސް އޭނާއަށް ރަނގަޅަށް ފެނުނެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ހިތް މޯޅިވެއްޖެ އެވެ. އަޖައިބެކެވެ. މައިރާ ދެރަކޮށްލެވުނީމާ ނިކަން ހިތްހަމަ ޖެހޭނޭ ހީކޮށް އެއްޗެއް ބުނެލާ ކޮންމެ ފަހަރަކު އޭނާއަށް މި ކުރިމަތިލާން ޖެހެނީ އިތުރު ހިތް ނުތަނަވަސްކަމަކާ އެވެ. މައިރާ ވާ ދެރައިގެ އިހުސާސް އޭނާއަށްވެސް ކުރެވެ އެވެ. މައިރާގެ ކަރުނަތަކުން އަނިޔާ ލިބެނީ އޭނާގެ ހިތަށެވެ. އިވާން އިންޒާރަކާނުލައި ސައިކަލު ދުއްވައިލީ މައިރާގެ ކަރުނަތަކަށް ފިލަން އުޅޭ މީހަކު ފަދައިންނެވެ. މައިރާވެސް އިވާން މަގުކޮޅުން އޮބައިލަންދެން ބަލަހައްޓައިގެން ހުރުމަށްފަހު ގޭތެރެއަށް ވަނެވެ.
---------
ކަރަންޓާ ގުޅައިލި ޖަގުގައި ފެންކައްކަން ޖައްސައިލުމަށްފަހު ނަދާލް ބަދިގޭގެ ކައުންޓަރަށް ލެގިލަމުން ބެލްކަނީގައި އިން އައިލީންއަށް ބަލައިލި އެވެ. ހަރަކާތެއް ނުކޮށް ނެގިމަޑުވެފައި އިން އައިލީންފެނި އޭނާގެ މޫނުމަތިން ކަންބޮޑުވުމާ އެއްވަރުގެ ހިތްހަމަޖެހުމެއްވެސް ފާޅުވާން ހުއްޓެވެ. އައިލީން އޭނާއަށް ފެންނަ ހިސާބުގައި އިނީތީ އެވެ. ހެޔޮހާލުގައި އިނީތީ އެވެ.
ނަދާލްގެ ހަނދާނަށް އަންނަމުން ދިޔައީ އައިލީންއާ އެންމެ ފުރަތަމަ ދިމާވެ، ދެމީހުން އެކުގައި ހޭދަކުރެވުނު ދުވަސްތަކެކެވެ. އެދުވަހު އޭނާއާ ބައްދަލުވީ އުފާވެރި ކުއްޖަކާ އެވެ. ތުއްތުއިރު ކިތަންމެ ވޭނަކާއި އެކަނިވެރިކަމެއް ތަހައްމަލު ކުރިއެއްކަމަކު މުސްތަގްބަލަށްޓަކައި ފޮނި ހުވަފެންތަކެއް ދެކޭ ކުއްޖަކާ އެވެ. ހިނިތުންވުމުން ފުރިފައިވާ ކުއްޖަކާ އެވެ. އޭރު ޙުދު އޭނާއަކީވެސް ޒުވާންކަމުގެ ޖޯޝުގައި، މަޖަލާއި ސަކަރާތުގެ ފަހަތުން ދުވަމުންދިޔަ މީހެކެވެ. ހިމޭންކަމާއި ހުސްވަގުތަކީ އޭރު އޭނާ ބޭނުންވާ އެއްޗެއް ނޫނެވެ. ހަޔާތުގެ ކޮންމެ ސިކުންތަކީވެސް ހަލަބޮލި ސުކުންތަކަށް ވާން ޖެހޭނެ އެވެ. މަސައްކަތެއް ނެތިއްޔާ ކުޅިވަރެއްގައިވިޔަސް މަސްޢޫލުވާން ޖެހޭނެ އެވެ.
ނަދާލް ބޭނުންވި ހަލަބޮލިކަން އެދުވަހު އައިލީން އޭނާގެ ހަޔާތަށް ގެނެސްދިނެވެ. އޭނާގެ ހުސްވަގުތުތައް އެކި މަޖާ ވާހަކަތަކާއި ހުނުމުގެ އަޑުތަކުން ފުރާލައި ދިނެވެ. އޭނާއަށް އެންމެ ކަމުދިޔައީވެސް އައިލީންގެ އެ ހަލަނިކަމާއި، އުފާވެރި މިޒާޖެވެ. ނަމަވެސް މިހާރު އައިލީންގެ މިޒާޖުވަނީ މުޅީން ބަދަލުވެފަ އެވެ. ހިމޭންކަމާއި މާޔޫސްކަމުގެ ސާލަކުން މުޅި ކުއްޖާވަނީ ބަނދެވިފަ އެވެ.
މިއަދު އެތަނުގައި ހުރީ ކުރީގެ ނަދާލްނަމަ އައިލީންގެ އެ އައު މިޒާޖު އޭނާއަށް އެއްވެސް ވަރަކަށް ކަމަކު ނުދިޔައީހެވެ. އައިލީން އުޅޭނެ ހާލެއްގައި އުޅެން ދޫކޮށްލުމަށްފަހު އަނެއްކާވެސް މަޖަލާއި ސަކަރާތުގެ ފަހަތުން ދުއްވައިގަތީހެވެ. އެހެނަސް މިއަދު އެތަނުގައި ހުރީ އައިލީންގެ މިޒާޖަށް އަންނަ ކޮންމެ ބަދަލަކާއެކުވެސް އައިލީން ބޭނުންވާ ނަދާލްއެކެވެ. އައިލީންގެ އެ ހިމޭންކަންވެސް މިއަދު އޭނާއަށް ވެފައިވަނީ ޝައުގުވެރި ކަމަކަށެވެ. ކެކެމުންދިޔަ ފެންޖަގު ހުއްޓުނު އަޑު ނީވުނުނަމަ އެރޭގެ އިރު އަރަންދެންވެސް އައިލީންގެ އެ ހިމޭންކަމަށް ގެއްލިފައި އޭނާއަށް ހުރެވުނީހެވެ. ނަދާލް ލައިގެންހުރި ސްވެޓަރުގެ އަތުކުރި އޮޅައިލުމަށްފަހު އެތަނުގައިހުރި ތަށްޓަކަށް ޖަގުން ފެންފޮދެއް އޮއްސައިލި އެވެ.
ގަޑިއެއްހާއިރު ކުރިން ވާރޭ ވެހެން ފެށީއްސުރެން އައިލީން އެ އިންނަނީ ބެލްކަނީގަ އެވެ. މިހާރު ވާރޭ ތުނިކޮށްލައިފި އެވެ. އަދިވެސް އެތަނުން ނުކުންނާކަށް އޭނާ ހިޔާލެއް ނުކުރެ އެވެ. ގޮނޑިއަށް އަރުވައިލި ދެފައިގައި ބައްދައިލައިގެން ފުން ހިޔާލަކަށް ގެއްލިފައި އިނެވެ. ބެލްކަނީގައިވާ ކޮންކްރީޓް ރެއިލިންގްގެ ސަބަބުން އިށީނދެ އިންއިރު އޭނާވަނީ މަގުމައްޗަށް ނިވާވެފަ އެވެ. އެ ގޮނޑިން ތެދުވެ އެންމެ ފަހަރަކު ބަލައިލި ނަމަވެސް އިރުކޮޅެއް ކުރިން މަގުމަތީގައި ތިބި އިވާންއާއި މައިރާ އޭނާއަށް ފެނުނީހެވެ. އޭނާއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް ފަހަތުން އައި ނަދާލް އޭނާގެ މޫނާ ދިމާލަށް ޖޯޑެއް ހުރަސްކޮށްލުމުންނެވެ.
"ހޮޓް ޗޮކްލެޓް؟" ނަދާލްގެ އަޑަށް އައިލީން އިސްއުފުލައި ބަލައިލި އެވެ.
ހިނިތުންވެލި ނަމަވެސް ނަދާލްއަށް ހުރެވުނީ ނޭވާ ހިފަހައްޓައިލައިގެނެވެ. އައިލީން ކޮށްފާނެ ކަމެއް ނޭނގޭތީ އެވެ. އައިލީން ފޮޅައިލާ ގޮތަކުން އެ ތަށި އައިލީންގެ ގަޔަށް ބަންޑުންވެ އަނިޔާއެއް ލިބިދާނެކަމަށްޓަކައި އޭނާ ހުރީ ވިސްނައިގެނެވެ. އެހެން ހުއްޓައި އައިލީން އެތަށި މަޑުމަޑުން އޭނާގެ އަތުން އަތުލި އެވެ.
"ކެއަރފުލް.. ހޫނުވާނެ" ދެންވެސް ނަދާލްއަށް ހުރެވުނީ ހާސްކަމެއްގެ ތެރޭގަ އެވެ. އައިލީން އެ ތަށި ދުރަށް ހޫރައިލައިފާނެތީ އެވެ. އޭރުން އައިލީންއަށް އަނިޔާއެއް ނުލިބުނެއްކަމަކު ހަމަ ގައިމުވެސް އޭނާގެ ހިތަށް ނުހަނު އަނިޔާ ލިބޭނެ އެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އައިލީން މަޑުމަޑުން އެ ޖޯޑަށް ފުމެލުމަށްފަހު ތުންފަތުގައި ޖައްސައިލިތަން ފެނުމުންނެވެ. އެއާއެކު ބޭއިޙްތިޔާރުގައި އޭނާގެ ހިނިތުންވުން ފުންވެލި އެވެ. ސޯފާމަތިން ނެގި ރަޖާ ގެނެސް އައިލީންގެ ގައިގައި އޮޅައިލަދިނުމަށްފަހު ލޯތްބާއެކު އައިލީންގެ އިސްތަށިގަނޑުން ބުޅިކޮށް ފަޅަން ފަށައިފައިވާ ހިސާބުގައި ބޮސްދިނެވެ.
"ބާރަ ޖަހަނީ.. އެހާ ގިނައިރު ނީނދެ ނިދާލަން ދައްޗޭ" ނަދާލްގެ ވާހަކައަށް ޖަދަލުކުރުމެއްނެތި އައިލީން ބޯ ޖަހައިލި އެވެ. މިއަދު އައިލީން ހުރީ ތަންކޮޅެއް ރަނގަޅު މޫޑެއްގައި ކަހަލަ އެވެ. ނަދާލް ނިކަން އުފަލުންހުރެ ސޯފާގައި އޮށޯވެލުމަށްފަހު ފޯނާ ކުޅެންފެށި އެވެ. އޭނާގެ ނުސީދާ ނަޒަރު އަމާޒުވެފައިވަނީ އަދިވެސް އައިލީންއަށެވެ. އައިލީންގޮސް ކޮޓަރިއަށް ވަނުމުން ނިދޭތޯ މަސައްކަތްކުރި ނަމަވެސް އެއީ ފަސޭހަކަމަކަށް ނުވި އެވެ. އައިލީންގެ ހަނދާންތަކުން ހިތަށް އުނދަގޫވަނީ އެވެ. އައިލީންގެ ހަޔާތުގައި މިފަހުން ހިނގައިދިޔަ ހުރިހާ ކަމެއްގެ ސަބަބަކީ އޭނާހެން ހީވެ އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ އެވެ. އަނެއްކާވެސް އޭނާއަށް ނޭނގި އައިލީންއަށް މި ދެވެނީ އިތުރު އަނިޔާތަކެއްހެން ހީވެ ހިތް މާޔޫސްވަނީ އެވެ. އައިލީން އޭނާގާތު ކުރި ޝަކުވާއާއި ރުއި ރުއިން ދެންމެ އިވުނު އަޑުތަކެއްހެން އޭނާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. އޭނާއަށް ރުޅި އައިސްގެން ކުރެވުނު ކުޑަކުޑަ ކަމަކާހުރެ އައިލީން ގަތް ބިރުން ކަކޫ މައްޗަށް ތިރިވި ގޮތް ދެންމެ ފެނުނު މަންޒަރެއްހެން ލޯމައްޗަށް ސިފަވަމުން ދިޔަ އެވެ. އޭނާ މަސައްކަތް ކުރަނީ ކަންތައްތައް ރަނގަޅު ކުރާށެވެ. ނަމަވެސް ހުރިހާކަމެއް ގޯހުންގޯހަށް މި ދަނީ ކީއްވެ ހެއްޔެވެ؟
ފެންކަޅިވަމުންދިޔަ ދެލޯ ފޮހެލުމަށްފަހު ނޭފަތް އެތެރެއަށް ދަމައިލަމުން ނަދާލް ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ. އެނދުގައި އަރާމުކޮށް ނިދާލައިފައި އޮތް އައިލީންފެނި އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޖެހިލުންވެފައިހުރެ އެނދުގެ އެއްފަޅީގައި އިށީނދެލި އެވެ. އަދި މިނެޓެއްހާއިރު އައިލީންގެ މޫނަށް ބަލަން އިނުމަށްފަހު އައިލީންގެ އަތުގައި ހިފައިލި އެވެ.
"ލޫނާ.. އަހަރެންނަށް މަޢާފުކުރޭ.. އަހަރެންގެ ސަބަބުން ލޫނާއަށް ދިމާވި ކޮންމެ ހިތާމައަކަށް.. އައިމް ސޯ ޑޭމްން ސޮރީ.. އަހަރެން ހާދަ އެބަ މަސައްކަތްކުރަމޭ ހުރިހާކަމެއް ރަނގަޅުކުރަން. ބަޓް ނަތިންގް ވަރކްސް ޑެމިޓް. ނަތިންގް ވަރކްސް. އަހަރެންނަށް މިހާރު ގޮތް ހުސްވެއްޖެ. އައި މިސް ޔޫ ލޫނާ.. އައި މިސް ޔޯރ ސްމައިލް.. އައި މިސް ޔޯރ ލާފް.. އައި މިސް ޔޯ ލަވް.. ލޫނާ ޕްލީޒް.. ކަމް ބެކް ޓު މީ ލަވް.. ޕްލީޒް ކަމް ބެކް ޓު މީ" ނަދާލް ލޯތްބާއެކު އައިލީންގެ އަތުގައި ބޮސްދިން ހިނދު އޭނާގެ ލޮލުގެ ހިމަކޮޅުން ފައިބައިގެންދިޔަ ކަރުނަތިކި އައިލީންގެ އަތުގެ ނުފުށަށް ހިނދިގެންދިޔަ އެވެ. ނަދާލްއަށް އެކަން ރޭކައިލީ ކަހަލަ އެވެ. އައިލީންއަށް ހޭލެވިދާނެކަމުގެ ބިރުގައި ހަލުވި ފިޔަވަޅުތަކެއްގައިގޮސް ކޮޓަރިން ނުކުތެވެ.
ނަދާލް ކޮޓަރިން ނުކުތްކަން ޔަގީންވުމާއެކު އައިލީން ލަސްލަހުން އެސްފިޔަތައް ތަޅުވައިލަމުން ދެލޯ ހުޅުވައިލި އެވެ. ނަދާލްގެ މާދަރީބަސް ކަމުގައިވާ އިޓަލީބަހުން އޭނާއާ ދައްކައިފައި އެ ދިޔައީ ކޮން ވާހަކަތަކެއް ބާއޭ އައިލީންގެ ހިތަށް އަރަމުންދިޔަ އެވެ. އެ ވާހަކަތަކުން އޭނާއަށް ނަގައިގަނެވުނީ ނަދާލް އޭނާއަށް ގޮވައިލާ ނަން އެކަންޏެވެ. އެހެނަސް ނަދާލްގެ އަޑު ހުރިގޮތުން އެކަނިވެސް އޭނާއަށް އެ ލަފްޒުތަކުގައިވާ ފުން އަސަރު އިހުސާސް ކުރެވުނެވެ.
އައިލީން އޭނާގެ އަތަށް ބަލައިލި އެވެ. އެ އަތުގެ ނަދާލް ބޮސްދިން ހިސާބުގައި އެ ތުންފަތުގެ ހޫނުކަން އަދިވެސް ނުފިލައި ހުއްޓެވެ. ނަދާލްގެ ލޮލުން ވެއްޓުނު ކަރުނަތިކީގެ ނިޝާން ހިކިފައި ހުއްޓެވެ. ނިދީގެ ތެރެއަށް ގެނބެމުންދިޔައިރު އައިލީންއަށް އެ އަތުގައި ފިރުމައިލެވުނެވެ.
ޖެހިގެން އައި ހެނދުނުވެސް އޭނާއަށް ހޭލެވުނީ ކޮޓަރީގައި މީހަކު އުޅޭހެން ހީވުމުންނެވެ. ރޭގައި ހިނގައިދިޔަ ކަންތަކަށްފަހު އެއީ ހީވި ހީވުމެއްކަމަށް ނިންމަމުން ދެލޯ ހުޅުވައިލި އިރު ނަދާލް ކޮޓަރި ތެރޭގައި ހަރަކާތްތެރިވަމުން ދިޔަތަން ފެނި އޭނާ ހަށިގަނޑު ތެދުކޮށްލަމުން ހެޑްބޯޑުގައި ލެގިލި އެވެ.
"ހާއި.. ބުއޮންޖޯރނޯ" ނަދާލް ހިނިތުންވުމަކާއެކު އައިލީންއާ ހެނދުނުގެ ސަލާން ކޮށްލި އެވެ. އައިލީން ވަކި ރައްދެއްނުދީ އެ އިންގޮތަށް އިނދެ އަލަމާރިން ގަމީހެއް ހޯދަން އުޅުނު ނަދާލްގެ ހަރަކާތްތަކަށް ބަލަމުންދިޔަ އެވެ. ނަދާލްގެ މޫނުގައިހުރި ތާޒާކަމާއި އިސްތަށިގަނޑުގައިހުރި ތެތްކަން ފެނި އައިލީންއަށް އެ ނުކުތީ ފެންވަރައިގެންކަން ޔަގީން ކުރެވުނެވެ. ހަމައެކަނި ކަޅުކުލައިގެ ޖީންސެއްގައި މަތިހަށި ހާމަކޮށްލައިގެން ހުރިގޮތުން އޭނާގެ ނަޒަރު ނަދާލްއާ ވަކިކޮށްލަން އުނދަގޫވި އެވެ.
"ވިތް ޔޯރ ޕަރމިޝަން.. ކޭން އައި ގެޓް ޑްރެސްޑް ނައު؟" ކުއްލިއަކަށް ނަދާލް ކޮށްލި ސުވާލާއެކު އައިލީންއަށް ތެޅިގެންފައި ދުރަށް ނަޒަރު ހިންގައިލެވުނެވެ.
"ނޯ ވަންސް ސްޓޮޕިންގް ޔޫ" އައިލީންގެ މޫނަށް ޖަންބުކުލަ އަރައިގެންދިޔަ އެވެ. އޭނާ މަސައްކަތްކުރީ ނަދާލްއާ ހަތަރުކަޅި ހަމަނުކޮށްވޭތޯ އެވެ.
ނަދާލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ގަމީސް ކޮނޑުމަތިން މަހައިލުމަށްފަހު އިތުރަށް އައިލީން ލަދުގަންނަވައިލުމުގެ ނިޔަތުގައިގޮސް އައިލީންގާތު އެނދުގައި އިށީނދެލި އެވެ. ގަމީހުގެ ގޮށްތައް އަޅުވަން ފެށިއިރު އެ އިނގިލިތަކުގައިވަނީ އާދަޔާހިލާފު ލަސްކަމެކެވެ. އައިލީންގެ ސަމާލުކަން އެދިމާލަށް އަނބުރައިލަން މަސައްކަތްކުރާ ކަހަލަ އެވެ. އައިލީންގެ ހިއްސުތަކާ ކުޅެލަން މަސައްކަތްކުރާ ކަހަލަ އެވެ.
"އޮފްކޯސް ނޮޓް. އެކަމަކު ލޫނާ ބަލާ ނުނިމެންޏާ އަހަރެން-"
"އަހަރެން އެކައްޗެއްވެސް ނުބަލަމޭ. ކުރިމަތީގަ އެނބުރެންޏާ ފެންނާނެއެއްނު" ނަދާލްގެ ޖުމްލަ ފުރިހަމަކުރާނެ ފުރުސަތެއްވެސް ނުދީ އައިލީން ވައި ކަފައިލާފަދަ ބާރުމިނެއްގައި ގޮސް ފާހަނައަށްވަދެ ދޮރުލެއްޕި އެވެ. ނަދާލް ހެވިފައިހުރެ ދެފަރާތަށް ބޯ ހޫރައިލި އެވެ. އަދި ގަމީހުގެ އަތް އޮޅަމުންގޮސް ފާހަނައިގެ ބޭރުގައި މަޑުކޮށްލުމަށްފަހު އައިލީންއަށް ގޮވައިލި އެވެ.
"އަހަރެން މި ނުކުންނަނީ.. އަވަހަށް ރެޑީ ވެލައްޗޭ ބްރެކްފަސްޓަށް ދާން"
ފާހަނައިގެ ދޮރުފަތުގައި ލެގި މޭގައި އަތް އަޅައިލައިގެންހުރި އައިލީންއަކަށް ނަދާލް ބުނި ޖުމްލަ ގަބޫލެއް ނުކުރެވުނެވެ. ނަދާލްއަށް ފާހަނައިގެ ދޮރުމަތިން ދުރަށް ފިޔަވަޅެއް ނޭޅެނީސް އޭނާ ކުއްލިއަކަށް ދޮރު ހުޅުވައިލި އެވެ.
"ވަޓް؟ ބްރެކްފަސްޓަށް ދާން؟ އަހަރެން ގޮވައިގެން ބޭރަށް ދަނީތަ؟" ކުރިން އުޅުނު އެޕަރޓްމެންޓުން އެއްޗެހިތައް ގެނައި ދުވަހަށްފަހު އައިލީން އަދި ނަދާލް ދިރިއުޅޭ އެޕަރޓްމަންޓަކުން ނުނިކުމެ އެވެ. ނަދާލް އެކަމަށް ހުރަސް އަޅާތީ އެވެ. ވީއިރު މިއަދު ނަދާލް އަމިއްލައަށް ފެނިގެން އޭނާ އެތަނުން ނުކުންނާނޭ ފުރުސަތެއް ދިނުމުން އައިލީން ހައިރާންވި އެވެ.
"ޑޯންޓް ގެޓް ޓޫ އެކްސައިޓަޑް. ބައްޕަ މާލޭގަ ނެތް ދުވަހެއްވީމަ މަންމަ އިންވައިޓްކޮށްފި އެބަޔަށް ސައި ބޯން ދާން. އަވަހަށް ރެޑީ ވެލައްޗޭ" ނަދާލް ދުރަށް ހިނގައިގަތެވެ.
"މަޑުކޮށްބަ" އައިލީން އަވަސްއަވަހަށް ނަދާލްގެ އަތުގައި ހިފައި ހުއްޓުވި އެވެ. ނަދާލްއަށް އެކަމުން ހައިރާންކަމާ އެއްވަރުގެ އުފާވެރިކަމެއް ލިބުނެވެ. މިއީ މިފަހުން ރުޅި އައިސްގެން އަނިޔާއެއް ދިނުން ނޫންގޮތަކަށް އައިލީން އޭނާގެ ގައިގައި ބީހިލި ފުރަތަމަ ފަހަރެވެ.
"ނަދާލް އެކަނި ދާންވީނު. އަހަރެންނަކަށް ނުކެރޭނެ" އައިލީން އިސްޖަހައިލި އެވެ. އެއާއެކު ނަދާލްއަށް ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ.
"ލޫނާ.. އެކަކުވެސް ނުހުންނާނޭ.. އަހަރުމެން ދެމީހުންނަށް އެކަނި މަންމަ ދައުވަތު ދިނީ.. ޝީ.. ޝީ ނޯޒް އަބައުޓް އަސް.. މިބުނީ މައިޝާންގެ ކުރިން.. އަހަރުމެންގެ ހިސްޓްރީ.. އަހަރެން މަންމައަށް ކިޔާދިނީ" ނަދާލް އެއްބަސްވި އެވެ. ބޯޑަށް ފޮނުވި މެއިލާ ގުޅިގެން އޭނާ ހޫނުފެނަށް ވެއްޓުނު ދުވަހު މައިރާގެ އިތުރުން އޭނާ ވަނީ ނުސްރާއަށްވެސް އެ ވާހަކަތައް ކިޔައިދީފަ އެވެ.
"ދެން.. ދެން އެކަމަކު ކީއްވެ؟ ނަދާލް އާރ ޔޫ ކްރޭޒީ؟" އައިލީންއަށް އަހައިލެވުނެވެ. "ޔޫ އަރ ގެޓިންގް މެރީޑް" ފަހު ލަފްޒުތައްވަނީ އޭނާގެ ހިތުގަ އެވެ.
"މޭބީ އައި އޭމް. އެނީވޭ.. ބައްޕަ ނޫޅޭ ދުވަހެއްވީމަ މަންމަ ބޭނުންވޭ ލޫނާއާ މީޓް ކޮށްލަން.. ލޫނާ ޕްލީޒް.. ހަމަ އެންމެ ފަހަރަކު. މަންމަވެސް ލޫނާއަކަށް ގޯހެއް ނޫނެއްނު" ނަދާލް އާދޭހުގެ ރާގެއްގައި ބުންޏެވެ.
އައިލީން ބޯ ޖަހައިލުމަށްފަހު ފާހަނައަށް ވަނީ އެއްވެސް ހާލެއްގައި ނަދާލް އެދުނީތީ ތައްޔާރުވާކަށް ނޫނެވެ. އެހެނަސް ނަދާލް ބުނި ފަދައިން ނުސްރާއަކީ އެއްވެސް އިރެއްގައި އޭނާއަށް ގޯސް މީހެއް ނޫނެވެ. ޒީނިޔާއަށްވުރެވެސް އޭނާއާ ދޭތެރޭ ގާތްކޮށް ދެކުނު މީހަކީ ނުސްރާ އެވެ. އާޒިމާގެ ފަރާތުން ލިބުނު މާމައެއްގެ ލޯތްބަށްފަހު އޭނާއަށް ކިރިޔާވެސް މައިވަންތަ ލޯތްބެއް އިހުސާސް ކުރެވުނީ ނުސްރާގެ ފަރާތުންނެވެ. އެހެންކަމުން ނުސްރާ ދިން ދައުވަތެއް ބޮލާލައި ޖެހުމަކީ އޭނާއަށް ވާނެކަމަކަށް ނުވާތީ އެވެ.
ބައި ގަޑިއެއްހާއިރުތެރޭ އައިލީން ތައްޔާރުވެލައިގެން ކޮޓަރިން ނުކުތް އަޑަށް ސޯފާގައި އިން ނަދާލް އިސްއުފުލައިލި އެވެ. އޭނާއަށް އާގަމަވެފައި އިނދެ ދެތިން ފަހަރަކު އައިލީންގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ނަޒަރު ހިންގައިލެވުނެވެ. ގޭތެރޭގައި ލައިއުޅޭ ބޮޑު ޓީޝާޓާއި ހަރުވާޅުގައި ނޫންގޮތަކަށް އޭނާއަށް އައިލީން މި ފެނުނީ ހާދަ ދުވަހަކަށް ފަހުގަ އެވެ. މަޑުފިޔާތޮށިކުލައެއްގެ ގަމީހަކާއި ހުދު ޖީންސެއްގައި އައިލީން ފެނިލި ހިނދު އޭނާއަށް ހިތާހިތުން އައިލީންގެ ސާދާކަމަށް ތައުރީފު ކޮށްލެވުނެވެ. ހެނދުނުގެ ވަގުތުކަމުން މާ ބޮޑު މޭކަޕެއް ކޮށްފައިނުވި ނަމަވެސް ލައިގެންހުރި ހެދުމާގުޅޭހެން މަޑު ފިޔާތޮށި ލިޕްގްލޮސްއަކުން ތުންފަތް ފަވައިލުމަށްފަހު ހަމަ އެކުލައިގެ "ބްލަޝް" އަކުން ދޮން ކޯތާފަތް ފަޅުފިލުވާލައިފައިވާ ގޮތުން އިތުރަށް ލޯބިކަމަށް ދައްކަ އެވެ. އައިލީންގެ ހަށިގަނޑަށް ކިތަންމެ ބޮޑު ބަދަލެއް އައިސްފައި ވިޔަސް އެ ރީތިކަމަށް ކުޑަވެސް ފަނޑުކަމެއް އައިސްފައެއް ނެތްތާއޭ ނަދާލްގެ ހިތަށް އެރި އެވެ.
"އަމްމް.. މިއީ.. ހިނގާ ދާން ދޯ" އައިލީންއަށް އޭނާގެ ނަޒަރުން އުނދަގޫވާން ފެށިހެން ހީވުމާއެކު ނަދާލް ސޯފާއިން ތެދުވި އެވެ. އައިލީންގެ އަތުގައި ހިފައިގެންގޮސް މަޑުމަޑުން ދޮރު ހުޅުވައިލި އެވެ.
މަހެއްހާ ދުވަސްފަހުން އެ އެޕަރޓްމެންޓްގެ ބޭރަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކު އައިލީންގެ ހަތަރެސްފަޔަށް ޒާތެއްގެ ފިންޏެއް އަރައިގެން ދިޔަ އެވެ. އެއީ އެތަނާ އެންމެ ހައެއްކަ ފޫޓު ދުރުގައިހުރި ނުސްރާމެންގެ ބަޔަށް ދާން ނުކުތް ނުކުތުމެއް ކަމުގައި ވިޔަސް، އެ ލިބުނު ކުޑަކުޑަ މިނިވަންކަމާއެކުވެސް އައިލީންއަށް ހަމަނޭވާއެއް ލެވުނެވެ. ހަމަ އެ ނޭވާގައި އޭނާއަށް ބަލައިލެވުނީ އެތަނުގައިހުރި ސިޑިން މައްޗަށެވެ. އެއާއެކު ހިނދުކޮޅެއް ކުރިން ހިތަށް ލިބިގެންދިޔަ ހަމަޖެހުން ފިލައިގޮސް ހިތް ނުތަނަވަސްވެއްޖެ އެވެ. ލިބުނު ހާސްކަމުން އަތްފައިގައި މަޑު ތުރުތުރެއް އުފެދިއްޖެ އެވެ. ނަދާލްއަށް އެކަން ފާހަގަވެ މަޑުމަޑުން އައިލީންގެ އަތަށް ފިއްތައިލި އެވެ.
"ހޭއި.. އިޓްސް އޯކޭ.. އޭނަ ނޫޅެއޭ މިގެއަކު" ނަދާލް، އައިލީންއާ ހަތަރުކަޅި ހަމަކޮށްލި އެވެ. މައިޝާންގެ ނުރައްކަލެއް އައިލީންއަށް ދެން ނުފޯރާނޭކަން ޔަގީންކޮށްދޭން އުޅޭ ފަދައަކުންނެވެ. އައިލީން އެކަން ގަބޫލުކުރަން މަސައްކަތްކުރާ ހާލު ދެލޯ މަރައިލަމުން ނަފްސު ހަމައަކަށް އަޅުވައިލި އެވެ.
"ޔޫ ރެޑީ؟" ނަދާލް ދޮރުގައި ޓަކިޖަހައިލުމުގެ ކުރިން އަހައިލި އެވެ. އައިލީން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުމަށްފަހު ލަސް ހަރަކާތަކާއެކު ނަދާލްގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. ނަދާލްވެސް އެކަން މާބޮޑު ކަމަކަށް ނެހެދީ އެފަދަ ގޮތަކަށް ނުސްރާގެ ކުރިމަތިލާން އައިލީން އަދި ތައްޔާރު ނުވެދާނެކަން އެނގޭތީ އެވެ.
ނަދާލް ޓަކި ޖަހައިލުމާއެކު ފަޅު ސުކުންތެއްވެސް ނުވަނީސް ދޮރު ހުޅުވައިލި ނުސްރާ ހީވީ އެވަގުތުގެ އިންތިޒާރުގައި އިންހެނެވެ. ހިތްހެޔޮ ހިނިތުންވުމަކާއެކު އޭނާ އެންމެ ފުރަތަމަވެސް ބަލައިލީ އައިލީންއަށެވެ. އައިލީންވެސް ހިނިތުންވެވޭތޯ މަސައްކަތްކުރި އެވެ.
"ލީން ކިހިނެއްތަ؟" ނަދާލް އެތަނުގައި ހުރި މީހަކަށްވެސް ހަދައިނުލައި ނުސްރާ އައިލީންގެ ގައިގައި ބައްދައިލި އެވެ. މައިޝާންގެ އަނިޔާތަކާއެކު އައިލީން ހޮސްޕިޓަލަށް ގެންދެވުނު ދުވަހަށްފަހު އޭނާއަށް އައިލީން ފެންނަވަރު އެ ވީ ކިރިޔާ އެވެ.
"ރަ.. ރަނގަޅު. ދައްތަ ކިހިނެއް؟" އަރުތެރެއަށް ހިންދައިލި ޖަޒުބާތުތަކާއެކު، އުނދަގޫ ގޮތަކަށް ހިންދިރުވައިލަމުން އައިލީންވެސް އަހައިލި އެވެ.
"އަލްހަމްދުލިއްﷲ.. އާދޭ ދެކުދިން. ދަރިފުޅާ ވަދޭ އެތެރެއަށް" އައިލީންގެ އަތުގައި ހިފައިގެންހުރެ ކުރިއަށް ހިނގައިގަންނަމުން ނުސްރާ ނަދާލްއަށް ގޮވައިލި އެވެ. ނަދާލް އެމީހުންނާއެކު ގޮސް ކާމޭޒުދޮށުގައި ހުއްޓިލިއިރު އެ ތުންފަތުގައިވަނީ ފަނޑު ހިނިތުންވުމެކެވެ. ނުސްރާ އަދިވެސް އައިލީންއާ ދޭތެރޭ ގާތްކަން ބަހައްޓަމުން ދިޔައީތީ އޭނާ އިންތިހާއަށް ހިތްހަމަ ޖެހުނެވެ.
"މަންމަ ކޯއްޗެއްތަ ހަދާލީ.. ހާދަ ވަސް ރަނގަޅޭ" ނަދާލް ސުފުރާމަތިން ފަހަރަކު ތަށްޓެއްގެ މަތި ނަގައި ބަލަން ފެށްޓެވެ.
"ދެން ނަދާލްހާ މޮޅަށް ކައްކަން ނޭނގުނަކަސް މަންމައަށްވެސް ކޮންމެވެސް ވަރެއް ކޮށްލެވެއޭ" ނުސްރާ މަޒާޖީ ގޮތަކަށް ބުނެލި އެވެ.
"އަހަހަ. ދައްކާ ވާހަކަ. ދެން މަންމައާ އެއްވަރެއް ނުވާނެއްނު ދޯ ލޫނާ.. މިހާރުވެސް ބަނޑު ފުރިއްޖެ" ނަދާލް ވާހަކަދައްކަމުން ދިޔައިރު އެ މޫނުމަތީގައިވި ހިނިތުންވުމާއި، އެ ވާހަކައިގައި އައިލީން ބައިވެރިކޮށް، އައިލީންގެ ކޮނޑުގައި ހިފައި ގާތްކޮށްލި މަންޒަރަށް ނުސްރާ ބަލައިލީ ފުން ނަޒަރަކުންނެވެ. އެކަމުގެ ހިލަމެއް ނުވާހާލު ނަދާލް އައިލީން އިށީނދެލުމަށްޓަކައި މޭޒުގެ ކައިރިން ގޮނޑިއެއް ދަމައިލަދެމުން އަނެއްކާވެސް ނުސްރާއާ ވާހަކަދެއްކި އެވެ.
"އޭނ؟ އާން.. ކީކޭ ދަރިފުޅާ؟" ނުސްރާއަކަށް އެ ބުނި އެއްޗެއް ސާފެއްނުވި އެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ސިކުނޑި ސަމާލުކަންދެމުން ދިޔައީ ނަދާލްއާއި އައިލީންގެ ހަރަކާތްތަކަށެވެ.
"އެއްކަލަ ގޮތަށް ކޮފީއެއް ގިރާލަދީބަލާށޭ އަޅުގަނޑު ބުނީ" ނަދާލް އެދުނެވެ.
"އޯކޭ.. ލީން ކޯއްޗެއް ބޯނީ؟" ނުސްރާ އަހައިލި އެވެ.
"ޖޫސް ތަށްޓެއް އޯކޭވާނެ" ޖަވާބުދިނީ ނަދާލް އެވެ. ނުސްރާ ވަކި އެއްޗެކޭ ނުބުނެ ދުރަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ނަޒަރު އިރުއިރުކޮޅާ ނަދާލްއާ އައިލީންއަށް ހުއްޓެމުން ދިޔަ އެވެ. ނަދާލްއާ ވާހަކަދެއްކުމުގެ މާބޮޑު ޝައުގުވެރިކަމެއް އައިލީންގެ މޫނުމަތިން ފާޅު ނުވިޔަސް، ނަދާލް އިސްވެ އައިލީންއާ އެތައް ގޮތަކުން މުއާމަލާތް ކުރަން އުޅޭތަން ފެނި އޭނާއަށް ހުރެވުނީ ހަމަ ރަނގަޅަށްވެސް އާޝޯހުވެފަ އެވެ. ވާނީވެސް އެހެންތާ އެވެ. ނަދާލް އޭނާގެ ދަރިއެއްގެ ގޮތުގައި ހޭދަކުރި ފަނަރަ އަހަރުގެ ތެރޭގައި ދުވަހަކުވެސް މިހާ ވަރަށް އަންހެންކުއްޖަކަށް ކަމޭހިތައި އޯގާތެރިވިތަން ނުސްރާ ދެކިފައެއް ނުވެ އެވެ. މިހާ ވަރަށް އަންހެންކުއްޖަކާއެކު ހީނ ސަމާސާކުރަން މަސައްކަތްކުރި ތަނެއް ނުފެނެ އެވެ. އިޒްކާ އެގެއަށް އައިސްއުޅޭ އިރުވެސް ނަދާލް ބަލާނީ ވީހާވެސް އަވަހަކަށް ގެއިން ނުކުމެވޭތޯ އެވެ. އިޒްކާއާއެކު ހޭދަކުރާނެ ވަގުތެއް ލިބޭ ކަމަކަށް ނުވާނެ އެވެ. އެއިން ކަމަކާ އިޒްކާ ޝަކުވާއެއް ކޮށްލިޔަސް ބޮލަށް އުނދަގޫވެފައި ހުންނަ ނަދާލްގެ ހާލަތު މިއަދު ނިކަން ދެކި ބަލާށެވެ. ކުޑަމިނުން އައިލީންގެ ތަށްޓަށް ކާއެއްޗެހިވެސް އަޅައިދޭންވެސް މިއަދު ނަދާލްއަށް މައްސަލައަކަށް ނުވެ އެވެ.
"މިއަދު ތަންކޮޅެއް ގިނައިން ކާންވާނެ އެނގޭ.. ޕްލީޒް" ކޮފީތަށްޓާއި ޖޫސްތަށި ހިފައިގެން މޭޒު ކައިރިއަށް ޖެހިލި ވަގުތު ނަދާލް ބުނި ޖުމްލަ އިވި ނުސްރާގެ ހައިރާންކަން ވީ އިތުރެވެ. މީގެ ކުރިން މީހަކު ކައިފިންތޯވެސް އަހާނުލާ ދަރިފުޅު މިއަދު އައިލީންގާތު ކާށޭ ބުނެ އާދޭސްކުރި އަޑު އިވި ނުސްރާއަށް އޭނާގެ އިވުމުގެ ހިއްސާމެދުވެސް ސުވާލު އުފެދުނެވެ. އައިލީން ތަށީގައި އޮތް ސޭންޑްވިޗުން އެތިކޮޅެއް ކައިލުމާއެކު ނަދާލްގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ނުފެނުނު ނަމަ ނުސްރާއަށް އެ އިވުނު ޖުމުލަ ގަބޫލުވެސް ނުކުރެވުނީހެވެ.
ކޮންމެއަކަސް މިއަދު އޭނާގެ ކުރިމަތީގައި މި އިން ދަރިފުޅަކީ މުޅީން ބަދަލުވެފައިވާ ދަރިއެއްކަން ދެނެގަންނާކަށް ނުސްރާ މާ ވަގުތެއް ނުނެގި އެވެ. އެ ދަރިފުޅުގެ ބަހާއި އަމަލުން ފެންނަމުންދިޔައީ އައިލީންއަށްޓަކައި އެ ހިތުގައިވާ ލޯތްބެވެ. މުޅި އާއިލާއާ ދެކޮޅުވާން ޖެހުނަސް މިފަހަރު ނަދާލް ހުއްޓައިލާނީ އައިލީންގެ ލޯބި ހާސިލްކޮށްފައިކަން ނުސްރާއަށް ޔަގީންވި އެވެ. ވީއިރު ދެން އޭނާއަށް އެ ދަރިފުޅަށްޓަކައި ކޮށްދެވެން އޮތް ހަމައެކަނި ކަމަކީ މަންމައެއްގެ ހައިސިއްޔަތުން އައިލީން ބަލައިގަތުމެވެ.
"ލީން.. ދަރިފުޅު މާ ނުކައި އުޅޭތީ ދޯ ހިކެނީ؟" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ނުސްރާ މަޑުމަޑުންގޮސް އައިލީންގެ ބޮލުގައި ފިރުމައިލި އެވެ. އައިލީން ވަކި ޖަވާބެއް ނުދިނެވެ. ވާހަކަ ދައްކަން އަނގަ ހުޅުވައިލައިފިނަމަ ޖަޒުބާތުތައް ކޮންޓްރޯލް ނުވެދާނެކަމުގެ ބިރަށް ހިމޭންކަން އިޚްތިޔާރުކުރީ އެވެ. އެހެންކަމުން ދެންވެސް ވާހަކަ ކުރިއަށް ގެންދަންޖެހުނީ ނުސްރާއަށެވެ. "އެކަމަކު މިއަދު ހުރިހާ އެއްޗެއް ހުސްކުރަން ވާނެ.. ނޫނިއްޔާ ދައްތަ ވަރަށް ދެރަވާނެ" އޭނާ ބުންޏެވެ.
"ކޮބާ. ބުނީމެއްނު އޭރުވެސް" ނަދާލް މަޑުމަޑުން އައިލީންގެ ކޮނޑުގައި ޖެހިގަންނަމުން ބުނެލި އެވެ. އެއާއެކު ނުސްރާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔަ އެވެ. އަޑަށް ސީރިއަސްކަން ވެރިކޮށްލަމުން ނަދާލްއަށް ގޮވައިލި އެވެ.
"ނަދާލް.. ދަރިފުޅު އާދެބަލަ މަންމައާއެކު" ނަދާލްގެ ރައްދަކަށް މަޑުކުރުމެއްނެތި ނުސްރާ ހަރު ހިނގުމެއްގައި ހިނގާފައިގޮސް ވަނީ އެ އެޕަރޓްމެންޓްގައިހުރި ތިން ކޮޓަރީގެ ތެރެއިން ނަދާލް ކުރިން ދިރިއުޅުނު ކޮޓަރިއަށެވެ.
ނަދާލް ކަންބޮޑުވި އެވެ. އައިލީން އެކަނި ބައިންދާފައި ދާން ބޭނުން ނުވިޔަސް ނުސްރާ އެހާ ސާފުކޮށް އެންގުމުން އެކަމެއް ނުކޮށް ހުންނާކަށްވެސް ބޭނުމެއް ނުވި އެވެ. އެންމެފަހުން އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑިން ތެދުވި އެވެ. "ލިސަން.. ޑޯންޓް އިވަން ތިންކް އަބައުޓް ރަނިންގް އަވޭ. އޭރުން ހުރިތާކުން ހޯދައިގެން ގެނެސް އަނެއްކާވެސް ބަންނަން ޖެހޭނީ" އޭނާ ދުރަށް ހިނގައިގަތުމުގެ ކުރިން އައިލީންގެ ކަންފަތްދޮށުގައި ބުންޏެވެ.
"މަންމާ؟ ކިހިނެއްވީ މަންމާ؟" ކޮޓަރީގެ ދޮރު ހުޅުވައިލަމުން ނަދާލް އަދަބުވެރިކަމާއެކު އަހައިލި އެވެ.
"އާދެބަލަ.. އާދެ އިށީނދެބަލަ" ނުސްރާގެ މޫނުމަތީގައިވި ހާސްކަންފެނި ނަދާލްގެ ބުމަ ގޮށްޖެހިލި އެވެ. ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު ދުރު ފިޔަވަޅުތަކެއްގައިގޮސް އެނދުގައި އިށީނދެލި އެވެ. ނުސްރާވެސް އެ ކޮޓަރީގެ ކިޔަވާ މޭޒުދޮށުގައިހުރި ގޮނޑި ހިފައިގެން އައިސް ނަދާލްގާތު އިށީނެވެ.
"ދަރިފުޅު ދެން ކިހިނެއް ކަންތައްކުރަން ތި ވިސްނަނީ؟" ނުސްރާ ދިޔައީ ސީދާ މައުލޫއަށެވެ.
"ތިބުނީ" ނަދާލްއަށް ނުސްރާ އެ ފެށީ ކޮން ވާހަކައެއްކަން ދޭހަވި ނަމަވެސް ނޭނގޭކަމަށް ހެދެމުން އިސްޖަހައިލި އެވެ.
"މަންމައަށް އެނގޭ މަންމަ މި ބުނީ ކީކޭކަން ނޭނގޭހާ މޮޔައެއް ނޫންކަން ނަދާލް. ރޭގަވެސް އިޒޫ މަންމައަށް ގުޅި. ކައިވެނި ހަމަޖެހިފަ އޮތީ ތިންމަސް ފަހަށް. މާނައަކީ ކުރިއަށް އޮތް ދެމަސްދުވަސް ތެރޭ އިޒްކާ ރާއްޖެ އަންނާނެއޭ" ނުސްރާ ހަނދާން ކޮށްދިނެވެ.
"އެނގެޔޭ މަންމާ.. ދެން.. ދެން އަޅުގަނޑު ކިހިނެއްތަ ހަދަންވީ؟" ނަދާލް ބޯ ހާސްވެފައިވާ މީހަކު ފަދައިން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލި އެވެ.
"މަންމައަށް މިއަދު ފެނިއްޖެ ދަރިފުޅު ލީންއާ ދޭތެރޭ އަޅާލާ މިންވަރު. މަންމައަށް ނަދާލް ކުޑަކޮށްވެސް އެނގެންޏާ މި ބުނަނީ... ނަދާލް އައިލީން ދުލެއް ނުކުރާނެ. މިއީ ދޮގެއްތަ؟" ނަދާލްގެ އަތް އިސްތަށިގަނޑުން ނައްޓައިލަމުން ނުސްރާ އަހައިލި އެވެ.
"ތެދެއް.. އައި ކާންޓް.. އައި ލެޓް ހަރ ގޯ ވަންސް އެންޑް އައި ޕެއިޑް އަ ހެވީ ޕްރައިޒް ފޯރ އިޓް.. އަޅުގަނޑަކަށް ދެން އައިލީން ދުލެއް ނުކޮށްލެވޭނެ" ނަދާލް ބޯ ހޫރައިލަމުން ބުންޏެވެ.
"އެހެންވީމަ ދަރިފުޅަށް އެބަ އެނގެއެއްނު ހަދަންވީ ގޮތް. ކުރިންވެސް ދަރިފުޅަށް އިޒްކާއާ ދޭތެރޭގަ ކަންތައް ކުރެވިފަ ތި އޮތީ ވަރަށް ގޯސްކޮށް. މަންމަވެސް އެކަމާ ވަރަށް ހިތާމަކުރަން. މަންމަވެސް ވަރަށް ލޯބިވާ ކުއްޖެއް އިޒޫއަކީވެސް. އެކަމަކު އިޒޫއަށްވުރެ އަދި ލީންއަށްވުރެވެސް މަންމައަށް މުހިއްމީ ދަރިފުޅު އުފަލުގަ ހުރުން. އެކަން ހާސިލުވާނީ ދަރިފުޅު ލީންއާ ގުޅިގެން ކަމަށް ވަންޏާ މަންމަގެ މައްސަލައެއްނެތޭ" ނުސްރާ ބުންޏެވެ.
"އެކަމް.. ބައްޕަ ވަރަށް ރުޅިދުރުވާނެ" ނަދާލްގެ އަޑުގައި ޖެހިލުންވުމުގެ އަސަރު ހުއްޓެވެ.
"ޔެސް. ބައްޕަ ރުޅިއަންނާނެ. އެކަމަކު ބައްޕައާއި ދަރިފުޅުގެ އަމިއްލަ މައްސަލަތަކާހުރެ އިޒޫ ބޭކާރު އިންތިޒާރެއްގަ ބައިންދާކަށް މަންމައަކަށް ނުރުހެވޭނެ. ދަރިފުޅު އަނެއްކާ ބޭނުމީތަ އިޒޫއާވެސް ކައިވެނި ކުރަން؟ ލީންއާ ދެ އަންބަށް-"
"ނޯ މޯމް. ޕްލީޒް. ތި ގޮތަށް ކަންތައް ކޮށްގެން އަހަރެންނަށް އިޒޫއާ ދޭތެރޭގަ ފެއަރއެއް ނުވެވޭނެ. އަހަރެންނަށް ކިހިނެއް އެހެން މީހަކާ ލޫނާއާ އެއްހަމަ ކުރެވޭނީ؟" ނަދާލް ވަގުތުން އެ ހުށަހެޅުމަށް އިންކާރުކުރި އެވެ.
"އެހެންވިއްޔާ ދެން ކުރަންވީ ކަންތައް ވަރަށް ސާފެއްނު. މިހާރުވެސް އަސްލު މާ ލަސްވެއްޖެ. މަންމައަށް އެނގޭ މިއީ މިހެން ބުނެލާ ވަރަށްވުރެ މާ އުނދަގޫ ކަމެއްކަން. ނިމެން އުޅޭ ޕްރޮޖެކްޓަށްވެސް މިކަމުން ބުރޫ އަރާފާނެކަން. އެކަމަކު ދެން އިތުރަށް ހޭދަވާ ކޮންމެ ދުވަހެއް ވާނީ އިޒޫގެ އިތުރުން ލީންއަށްވެސް ވެވޭ ބޭއިންސާފަކަށް" ނަދާލްއަށް ވިސްނައިދެވޭތޯ ނުސްރާ މަސައްކަތްކުރި އެވެ.
"އަޅުގަނޑު.. އަޅުގަނޑު ރަނގަޅު ވަގުތެއް ހޯދާލައިގެން އިޒޫއާ ވާހަކަދައްކާނަން. ޒެފްއަކަށްވެސް އަދި ނޭނގޭނެ އައިލީންގެ ވާހަކައެއް" ނަދާލް އިސްޖަހައިލި އެވެ.
"ޒެފަންއެއް ނޫން. ފުރަތަމަ މުހިއްމީ އިޒްކާ. ދަރިފުޅު ވާނެ އަވަހަށް ތިކަން ނިންމަން.. އަދި އެއްވާހަކަ.." ނުސްރާގެ ޖުމްލައާއެކު ނަދާލް އިސްއުފުލައިލަމުން ބުމަ އަރުވައިލީ "ކޮން ވާހަކައެއްހޭ" އަހައިލާ ފަދައަކުންނެވެ.
"މަންމައަކަށް ނުފެނޭ ދަރިފުޅުމެން ދެކުދިން އެއްތާކު އުޅޭކަށް. ކައިވެނި ނުކުރާހާ ހިނދަކު ލީންއަކީ ހަމަ ދަރިފުޅަށް ހިލޭ އަންހެނެއް. އެހެންނޫނަސް އަދި ލީންގެ އިއްދައިގަ ބާކީ ދެމަސް އެބަ އޮތް. ހިނގަން ނުވާވަރު ކަމެއް-"
"ދެން މަންމާ..." ނަދާލް އަކުރުތަކަށް ދަމައިލަމުން ގޮވައިލި އެވެ. ނުސްރާ އެފަދަ ވާހަކައެއް ދެއްކުމުން ލަދުންގޮސް މީހާ ރަތްވާން ފަށައިފި އެވެ.
"އަޅެ.. މަންމަ މި ބުނީ ގޯސް ވާހަކައެއްތަ؟ މަންމަ ނޫނިއްޔާ ކާކުތަ ދަރިފުޅަށް ވިސްނައިދޭން ހުންނާނީ. ކައިވެނި ކުރަންދެން ލީން ފޮނުވާ މިބަޔަށް މަންމަގާތު ބަހައްޓަން" ނުސްރާ ހިޔާލު ދިނެވެ.
"ޕިސް.. ބައްޕަ ހިތްހަމަނުޖެހިފަ ހުއްޓާ އަޅުގަނޑަކަށް އައިލީން މި ބަޔަކަށް ނުފޮނުވޭނެ. އެހެންނޫނަސް މިބަޔަކީ އަބަދު ޒީއްތަމެންވެސް އައިސް އުޅޭ ބައެއް. އައިލީން އެހާ ކޮމްފޯރޓަބަލް ނުވާނެ" ނަދާލްހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. "މަންމަ ހާސްނުވެބަލަ. ދެން އަޅުގަނޑަށްވެސް ވިސްނެއޭ މަންމާ" ޔަގީންކަން ދިނުމުގެ ގޮތުން ނަދާލް ނުސްރާގެ އަތުގައި ހިފައިލި އެވެ.
"ވިސްނެންޏާ ކުރިންވެސް ވިސްނުނީހެއްނު. ހިލޭ ދެމީހަކު ތިބޭތާކު ތިންވަނަ މީހަކަށް ހުންނާނީ ޝައިތާނާ" ނުސްރާގެ އަޑުން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާންފެށި އެވެ.
"އޭރާ މިހާރާ ތަފާތެއްނު މޯމް. އައިލީންވެސް އަސްލު އަދި ވަރަށް އަންސްޓޭބަލް. ޝީ ނީޑްސް ދިސް ޓައިމް ޓު ހީލް. އަޅުގަނޑުވެސް މި މުއްދަތުގަ އައިލީންއަށް ގެއްލުންވާ ގޮތަކަށް ކަމެއް ނުކުރާނެއެއްނު. އެހެންނޫނަސް ޝީ ހެޒެންޓް ފޯރގިވަން މީ ޔެޓް" ނަދާލްގެ ވާހަކަ ނިންމައިލިއިރު އެ އަޑަށް ވެރިވި މާޔޫސްކަން އިވި ނުސްރާގެ ހިތް އަނެއްކާވެސް މަޑު ފުށްކޮޅަކަށް ބަދަލުވި އެވެ.
"އަދި މަޢާފުކުރާނެ. ހިތްވަރު އެލުވާ ނުލާ" ކުޑައިރުއްސުރެން ނަދާލްގެ ހުވަފެންތަކުގައި ކުލަ ޖައްސައިދީ އެ ހުވަފެންތައް ހާސިލު ކުރުމަށް ހިތްވަރު ދެމުންދާ ނުސްރާ މިފަހަރުވެސް ނަދާލްއަށް ހިތްވަރު ދިނެވެ. "ދެން ހިނގާ އަވަހަށް. ލީން އެކަނި މިހާރު ބޭރުގަ އިންނާނީ" އޭނާ އިންތަނުން ތެދުވި އެވެ.
"މަންމާ.." ނަދާލްގެ އަޑަށް ކޮޓަރިން ނުކުމެ ނުކުމެހުރި ނުސްރާ ފަސްއެނބުރި ބަލައިލި އެވެ. އޭރު ނަދާލް މަޑުމަޑުން އައިސް އޭނާގެ ކޮނޑުމަތިން އެއް އަތް ވަށައިލަނީ އެވެ.
"ތެންކްޔޫ ސޯ މަޗް މޯމް.. ޔޫ އަރ ދި ބެސްޓް! ވަޓް އޭމް އައި އިވަން ގޮނަ ޑޫ ވިތައުޓް ޔޫ" ނަދާލް ބުންޏެވެ. ނުސްރާ ހިނިގަނޑަކުން ފުއްދައިލީ އެވެ. ނަދާލްވެސް ހެވިފައިހުރެގޮސް އައިލީންގާތު އިށީނެވެ.
އައިލީންއަށް އެއްފަހަރު ނުސްރާއަށް އަނެއްފަހަރު ނަދާލްއަށް ބަލައިލެވުނީ ދެމީހުން މާ މަޖާވެފައި ތިބުމުންނެވެ. އެއާއެކު ނަދާލް އިތުރަށް އައިލީންއާ ގާތަށް ޖެހިލައި އައިލީން އިށީނދެ އިން ގޮނޑީގެ ފަހަތުގައި އަތް އަޅުވައިލި އެވެ.
"މައި މޯމްސް ދަ ބެސްޓް.. ނޫންތަ ލޫނާ؟" ނަދާލް ހެވިފައި އިނދެ އައިލީންއާ ސުވާލުކުރި އެވެ. އައިލީންއަށް ލިބުނީ ސިހުމެކެވެ. ނަމަވެސް އެ ދެމީހުންގެ މޫނުމަތީގައިވި އުފާވެރިކަން ފެނި އޭނާގެ ހިތަށްވެސް ހަމަ ޖެހުމެއް ލިބިއްޖެ އެވެ. އޭނާއަށް އެ މާހައުލުން އިހުސާސްވާން ފެށީ އުފާވެރިކަމެވެ. "ޔެސް ޝީ އިޒް" އޭނާ ނަދާލްގެ ސުވާލަށް ޖަވާބު ދިނެވެ. ނުސްރާކަހަލަ މަންމައިން ހަގީގަތުގައިވެސް މަދުވާނެކަން އޭނާއަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ބުނަން ކެރޭނެ އެވެ.
--------
ހުކުރުން ފައިބައިގެން ގެއާ ދިމާލަށް ދިޔުމުގެ ބަދަލުގައި އިވާން މިސްރާބުޖެހީ ހ. ފްލޮރެންސްއާ ދިމާލަށެވެ. އެ ދިޔަމަގުމަތީގައި ފިހާރައަކަށް ވަދެ ކޮންމެވެސް އެއްޗެހި ތަކެއްވެސް ގަނެލައިފި އެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އެގެ ހުންނަ މަގުގެ އަނެއްފަރާތުގައި ހުއްޓިލަމުން އިވާން އެ ގޭގެ ތިންވަނަ ފަންގިފިލާއަށް ބަލައިލި އެވެ. އޭނާއަށް ކުރެވެން މި އުޅެނީ ރަނގަޅު ކަމެއްބާއޭ ހީވެ ހިސާބެއްގެ ޖެހިލުންވުމެއް އެ ހަރަކާތްތަކަށް ވެރިވި އެވެ. އެހެނަސް އެކަން ނުކުރެވި އޮތީތީ އޭނާގެ ސިކުނޑިއަށް އުނދަގޫވަމުންދާތާ އެތައް ދުވަހެއް ވެފައިވުމުން އެންމެފަހުން އިވާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަގުގެ ދެފަރާތް ބަލައިލާފައި އެ ގެއަށް ވަނުމަށް ހިނގައިގަތެވެ.
- ނުނިމޭ -
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ