ތޮއްޑޫ ކައުންސިލުން އުފެއްދި ކުންފުނި ކައުންސިލަށް ބަރޯސާވެފައި އޮތުމުން، ޚަރަދު ހަމަޖައްސަން އޮޑިޓުން ލަފާތަކެއް
އއ. ތޮއްޑޫ ކައުންސިލުން ވިޔަފާރިކުރަން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ޕްރައިވެޓް ލިމިޓެޑް އަހަރަކަށް ވުރެ ގިނަ ދުވަހު ހިންގީ އެ ރަށު ކައުންސިލަށް ބަރޯސާ ވެގެންކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށް، ޚަރަދު ހަމަޖައްސަން ލަފާދީފިއެވެ. އެ ކުންފުނީގެ 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެއް ހަދައި، އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އާންމުކޮށްފައެވެ. ޑިސެމްބަރު 19، 2022ގައި އުފައްދާފައިވާ އެ ކުންފުންޏަކީ، ތޮއްޑޫ ކައުންސިލްގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. އެއީ، ކައުންސިލަކުން އުފެއްދި ފުރަތަމަ ކުންފުނިވެސްމެއެވެ. އެ ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ގާނޫނު އަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި އިގުތިޞާދީ ހަރަކާތްތައް ދާއިރާގައި ހިންގުން ހިމެނެއެވެ. އެ ކުންފުނިން އާމްދަނީ އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރޭގައި ކުންޏަށް ފީ ނެގުމާއި ގެސްޓް ބީޗުތަކުން ފީ ނެގުމާއި ކޮސްޓްރަކްޝަން ތަކެތި ވިއްކުން ހިމެނެއެވެ. ތޮއްޑޫ: އަހަރަކަށް ވުރެ ގިނަ ދުވަހު ކައުންސިލުގެ ހިއްސާ އޮންނަ ތޮއްޑޫ ލޯކަލް އޮތޯރިޓީ ހިންގީ ކައުންސިލަށް ބަރޯސާވެގެން ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައި --- ސަން ފޮޓޯ: އަހްމަދު ޝަރުވާން އޮޑިޓުގައި ވަނީ، އެ ކުންފުނީގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އޭގެތެރެއިން އެއް ކަމަކީ، 2023 ވަނަ އަހަރުގެ މާލީ ބަޔާންތައް ތޮއްޑޫ ލޯކަލް އޮތޯރިޓީން ތައްޔާރުކޮށްފައިނުވާ ކަމެވެ. އޮޑިޓުގައި ބުނީ، އެ ކުންފުނީގެ މުއާމަލާތްތައް ރިކޯޑު ކުރުމަށް ސޮފްޓުވެއާއެއް ބޭނުންކުރަމުން ދިޔަ ކަމަށެވެ. އެކަމަކު، ކުންފުނި އޮޑިޓު ކުރި ދުވަސް ކަމަށްވާ، މިދިޔަ އަހަރުގެ އޮކްޓޫބަރު 13ގެ ނިޔަލަށް ވެސް އެ ސޮފްޓުވެއާފައި މާލީ މުއާމަލާތްތައް އަދާހަމަ ކޮށްފައިނުވާތީ، މާލީ ހާލަތު ވަޒަން ކުރެވޭނެ ހިސާބުތަކެއް ނެތްކަން ރިޕޯޓުގައި ފާހަގަކުރިއެވެ. އިތުރު މައްސަލައަކަށް އޮޑިޓުގައި ފާހަގަކުރީ، ކުންފުނި މާލީ ގޮތުން ހިފެހެއްޓުމަށް ކައުންސިލުން ގިނަ އަދަދެއްގެ ފައިސާ ކުންފުންޏަށް ދެމުން ދިޔުމެވެ. އެގޮތުން، 2023 އިން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު އަށެއްގެ ނިޔަލަށް 5.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެތެރެއިން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކައުންސިލުން ލިބިފައިވާ ފައިސާކަން އޮޑިޓުގައި ފާހަގަކުރިއެވެ. އެ ކުންފުނީގެ ޚަރަދުތައް ކުރުމަށް ފަހުގައި، ތޮއްޑޫ ލޯކަލް އޮތޯރިޓީގެ ބޭންކް އެކައުންޓުގައި 154،786 ރުފިޔާ ހުއްޓެވެ. އޮޑިޓުގައި ބުނާ ގޮތުން، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރާއި ބޯޑު މެމްބަރުންގެ އެލަވަންސަށް އާންމުކޮށް، މަހަކަށް 180،000 ރުފިޔާ ޚަރަދުވެއެވެ. އެހާ ވަރަށް ފައިސާ ނެތުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު 16ގެ ނިޔަލަށް މުވައްޒަފުންނަށް މުސާރަ ނުދީ ހުރި ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ. މި މައްސަލަތައް އިސްލާހު ކުރުމަށް އޮޑިޓުގައި ވަނީ ލަފާ ދީފައެވެ. މިގޮތުން، ކުންފުނީގެ ގާނޫނުގައި ވާ ގޮތަށް ހަގީގަތާ އެއްގޮތަށް މާލީ ބަޔާންތައް ތައްޔާރުކޮށް، އޮޑިޓުކުރެވޭހެން މާލީ ހިސާބުތައް ބަލަހައްޓަން އޮޑިޓު އޮފީހުން ވަނީ އެދިފައެވެ. ހަމައެހެންމެ، ކުންފުންޏަށް ލިބޭ އާމްދަނީއިން ރިކަރަންޓު ޚަރަދުތައް ހަމަޖެއްސޭނެ ގޮތަކަށް ކުންފުނީގެ ހިންގުން ބައްޓަންކޮށް، ކައުންސިލް އިދާރާއަށް ބާރޯސާނުވާން ވަނީ ލަފާދީފައެވެ. އެ ކުންފުނީގެ މާލީ މިނިވަންކަން އިތުރުކުރުމަށް ކުންފުނި ހަރުދަނާ ގޮތެއްގައި ހިންގަން ވެސް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ