ކަލްކަތާ، އިންޑިއާ (ޑިސެމްބަރު 13) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ތަރި، އާޖެންޓީނާގެ ލިއޮނަލް މެސީ، އިންޑިއާ އަށް ކުރާ ތިން ދުވަހުގެ ދަތުރުގެ ތެރެއިން، ކަލްކަތާގައި ހިނގައިދިޔަ ކަންތައްތަކަށް އިންޑިއާގެ ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމްތާ ބެނަޖީ މާފަށް އެދިވަޑައިގެންފި އެވެ.
އިންޑިއާގެ ސަރުކާރުންނާއި ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ހޭދަތަކެއް ކޮށްގެން މެސީ، 38، އިންޑިއާ އަށް ގެނެސްގެން ކުރާ "ގޯޓް ވިޒިޓް އިންޑިއާ ޓުއާ" ކުރިއަށްދަނީ، މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. މެސީ، އިންޑިއާ އަށް މި ދިޔައީ 14 އަހަރަށް ފަހު އެވެ.
މެސީގެ މި ޓުއާގައި އިންޑިއާގެ ހަތަރު ސިޓީ އަކަށް ދާ ގޮތަށް ހަމަޖެހިފައިވާއިރު އިވެންޓްތައް ފެށިގެންދިޔައީ، މިއަދު ކަލްކަތާ އިންނެވެ.
އެ ގޮތުން، ކަލްކަތާގެ މަޝްހޫރު ދަނޑު، ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެސީ އަށް މަރުހަބާ ކިއުމަށް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބައި، މެސީ، އެ ދަނޑަށް އައިސް، ބައިގަނޑިއިރު ވެސް ނުވަނިސް ދިއުމުން، ގިނަ ސަޕޯޓަރުންތަކެއްގެ ރުޅިގަނޑު ފަޅައިގެން ގޮސް، ދަނޑަށް އަރައި، ތަކެއްޗަށް ވަނީ ގެއްލުން ދީފަ އެވެ.
ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިއަދު ހިނގި ހަމަނުޖެހުމުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް
އެތައް ބަޔަކު ދިގު ދަތުރުތަކެއް ކޮށްފައި، އަގުބޮޑުކޮށް ޓިކެޓް ގަނެގެން، މެސީ ބަލާލުމަށްޓަކައި، ދަނޑަށް ވަދެ ގިނަ އިރުތަކެއް ވަންދެން ތިބި ނަމަވެސް، އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން، މެސީ ނުފެނި، ގިނަ ބަޔަކަށް މާޔޫސްކަމާ ކުރިމަތިލާން ޖެހުނީ އެވެ.
ރިޕޯޓްތައް ބުނާގޮތުން، މެސީގެ ސެކިއުރިޓީ ޕްރޮޓޮކޯލުން، ސޯލްޓް ލޭކް ދަނޑުގައި އިންތިޒާމް ހުރި ގޮތުން ހިތްހަމަނުޖެހި، އެ ތަނުގައި މަދު ވަގުުތު މަޑުކުރަން ނިންމީ އެވެ. ސޯލްޓް ލޭކް ސްޓޭޑިއަމްގެ އިވެންޓްގައި އިންޑިއާގެ ގިނަ ސިޔާސީ މީހުން ބައިވެރިވެ، މެސީއާ އެކު ފޮޓޯ ނަގައި ހެދި އެވެ.
މި އިވެންޓްގެ މައްސަލަ ހޫނުވެ، އެންމެ ފަހުން، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމްތާ ބެނަޖީ ވަނީ، މެސީ އާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.
އަދި، ސޯލްޓް ލޭކް ސްޓޭޑިއަމްގެ އެ އިވެންޓްގެ އިންތިޒާމްގެ ކަންކަން އެހާ ދޯދިޔާކޮށް ހަމަޖައްސާފައި ހުރި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް، އެކަން ބަލައި ތަހުގީގު ކުރަން ހާއްސަ އިންކުއަރީ ކޮމިޓީއެއް އެކުލަވާލާނެ ކަމަށް މަމްތާ ބެނަޖީ ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ ސިޔާސީ ރެލީއެއްގެ ތެރެއިން މަމްތާ ބެނަޖީ ވާަހަކަ ދައްކަވަނީ.
މެސީއާ އެކު، މި ދަތުރުގައި، އޭނާއާ އެކު، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް އާއި އާޖެންޓީނާގެ މިޑްފީލްޑަރު، ރޮޑްރީގޯ ޑެ ޕޯލް ވެސް ބައިވެރިވެ އެވެ.
މި ދަތުރުގެ ކުރިން، އެންމެ ފަހުން، މެސީ، އިންޑިއާ އަށް ދިޔައީ، 2011 ވަނަ އަހަރު މެޗެއް ކުޅުމަށެވެ. އެއީ، ސޯލްޓް ލޭކް ސްޓޭޑިއަމްގައި، ވެނެޒުއޭލާއާ ދެކޮޅަށް ކުޅުުނު އެކުވެރިކަމުގެ މެޗަކަށެވެ، އެ މެޗަށް ވެސް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ވަދެފައިވެ އެެވެ. އަދި، ފޭކު ޓިކެޓް ގަނެގެން ދަނޑަށް ގިނަ ބަޔަކު ވަން މައްސަލަތަކެއް ވެސް ކުރިމަަތިވެފައިވެ އެވެ. އެހެން ނަމަވެސް، މި ފަހަރު، ސޯލްޓް ލޭކުގައި ކަންތައްތައް ހިނގައިދިޔަ ގޮތަށް ހާލަތު އެހާ ގޯހެއް ނުވެ އެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިންތަކެއް ބައިވެރިވާ އިވެންޓެއްގައި ކަން ހިނގަން ނުޖެހޭ އެތައް ގޮތަކަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
އޭއައިއެފްއެފް އިން ބުނީ، މިއީ، ޕްރައިވެޓް އެޖެންސީ އަކުން ރާވާފައިވާ ހަރަކާތެއް ކަމަށާއި މި ކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެ ފެޑެރޭޝަނާ ހިއްސާކޮށްފައިނުވާ ކަމަށެެވެ. އެހެން ނަމަވެސް، ފުޓްބޯޅައިގެ މި ފަދަ ތަރިންނާ ގުޅޭ އިވެންޓްތަކެއް ކުރިއަށްދާއިރު، އިންޑިއާ ފުޓްބޯޅައިގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން، އޭއައިއެފްއެފް އިން ވަނީ، މެސީގެ މި ދަތުރުގެ އިވެންޓްތަކުގައި ބައިވެރިވާ ފަރާތްތަކުން ސެކިއުރިޓީގެ ކަންކަމަށް ބޯލަނބައި މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރަން ގޮވާލައިފަ އެވެ.
މެސީގެ މި ޓުއާގައި، މުމްބާއި އަށް ދާއިރު، އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން، ޗެތުރީއާ އެކު ބައްދަލުވުމެއް ބާއްވަން، މި އިވެންޓްގެ އޮގަނައިޒަރުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އިންޑިއާގެ ގިނަ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، ޗެތުރީ ވަނީ މެސީއާ ބައްދަލުކުރަން މި ހުށަހެޅި ދައުވަތު ގަބޫލުކުރަން ބޭނުންނުވާ ކަމަށް އަންގައިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެތުރީ މި ދައުވަތަށް އިންކާރުކުރި އެންމެ ބޮޑު ސަބަބަކީ މި ވަގުތު އިންޑިއާ ފުޓްބޯޅަައިގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށް، މެސީ ފަދަ ކުޅުންތެރިއަކު ގެނެސްގެން، ފުޓްބޯޅައިގެ ހަރަކާތް މަދުކޮށް ހިންގާ ކަންތައްތަކެއްގައި ބައިވެރިވާން ބޭނުންނުވާތީ އެވެ. މީގެ ކުރިން، މެސީގެ މި ދަތުުރުގައި މެޗުތަކެއް ކުޅޭ ގޮތަށް އޮތް ބައި މިހާރު ވަނީ ޝެޑިއުލުން އުނިކޮށްފަ އެވެ.
އަސާސީ ގަވާއިދާއި އެކި އެކި ހިޔާލީ ތަފާތުވުންތަކާ ހެދި އިންޑިއާގެ މައި ފުޓްބޯޅަ ލީގު، ސުޕަ ލީގު އޮތީ ހުއްޓިފަ އެެވެ. ފަށާނެ ދުވަހެއް ވެސް ނޭނގޭއިރު، ކްލަބްތަކާއި ކުޅުންތެރިން ތިބީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އިންޑިއާ ފުޓްބޯޅައިގެ ގަވާއިދުތަކާ ބެހޭ މައްސަލައެއް ސުޕްރީމު ކޯޓުގައިވެސް އެބަހިނގަ އެވެ. އަދި، އިންޑިއާގެ ފުޓްބޯޅަ ޓީމުގެ ނަތީޖާތައް ފާއިތުވި 10 އަހަަރު ތެރޭ އެންމެ ދަށް ދުވަސްވަރާ ކުރިމަތިލާން ޖެހިފައިވާއިރު، ރޭންކިންގައި ވެސް ވަނީ ފަހަަތައް ސޮއްސާލައިފަ އެވެ.
މެސީގެ ކިބައިން އިންޑިއާގެ ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މާފަށް އެދެފި މެސީގެ ކިބައިން އިންޑިއާގެ ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މާފަށް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ