އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ސާލިޔާ ތަފާތު ދައްކައި އޮޑިން ބިސް ބުރު ބަލިކޮށް އެއް ވަނައިގައި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ސާލިޔާ ތަފާތު ދައްކައި އޮޑިން ބިސް ބުރު ބަލިކޮށް އެއް ވަނައިގައި

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި އޮޑި ސްޕޯޓްސް ކްލަބްގެ ކެޕްޓަން، ފާތިމަތު ސާލިޔާގެ ހެޓްރިކާ އެކު، 7-0 އިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ލީގު ތާވަލުގެ އެއް ވަަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޖުމްލަ އެކު ހަ ޓީމެއް ވާދަކުރާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި އޮޑިން މި ވަނީ ތިން މެޗު ކުޅެ، ހަތް ޕޮއިންޓް ހޯދައިފަ އެވެ. ފައިދާ ގޯލުގެ ގޮތުގައި އޮޑި އަށް ވަނީ 14 ގޯލު ލިބިފަ އެވެ. ލީގުގައި ބިސް ބުރުން ކުޅުނު ތިން މެޗުން ވެސް ބަލިވެ، އޮތީ ތާވަލުގެ ފުލުގަ އެވެ. އޮޑި އާއި ބިސް ބުރު ފިޔަވައި، ދެން އޮތް ހަތަރު ޓީމުން ވެސް ކުޅެފައިވަނީ ދެ މެޗެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކޮންމެ ޓީމަކުން ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ހަތަރު ލަނޑު ޖެހި އެވެ. އެ ގޮތުން، އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ، އިންޑޮނޭޝިއާގެ ރިހްްލާ ނިއުއާ އައުލިއާ އެވެ. އޭގެ ފަހުން ސާލިޔާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ވެސް މަސައްކަތްކުރި، އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި ކުޅޭ އޮޑި އަށް ދެ ވަނަ ހާުފުގައި ލަނޑުތައް ޖަހައިދިނީ، ރިހްލާގެ އިތުރުން ފާތިމަތު އިނާޝާ އާދަމް އެެވެ.
ފީފާގެ އެހީއާ އެކު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގަކީ، 11 އަހަރަށް ފަހު އެފްއޭއެމް އިން އަންހެން ކްލަބްތަކަށް ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ޓީސީން ކުޅޭނީ މާޒިޔާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ