ކަންނެލި މަސްވެރިންގެ އިހުތިޖާޖު ރޫޅާލުން އެމްޑީޕީން ކުށްވެރިކޮށްފި

މަސްވެރިން ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން މިއަދު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެކަން ކުށްވެރިކޮށްފި އެވެ.އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފަށައި އަދި އޭގެ ފަހުން މާލެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.ހުއްޓުމެއް ނެތި އެ އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރު ވެސް ވީ ފަހުން ފުލުހުން ވަނީ ދޯނިތަކަށް އަރައިފަ އެވެ. ފުލުހުން ދޯނިތަކަށް އެެރީ އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާ ކަމަށާއި އެއީ ގާނޫނާހިލާފު ކަމެއް ކަމަށް ބުނެ އެވެ.އިހުތިޖާޖުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސް، އެ ދޯނިތައް ވަނީ ފުލުހުންގެ މަރުކަޒު، ދޫނިދޫއަށް ގެންގޮސްފަ އެވެ. އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ކޯޓު އަމުރެއް ވެސް ނުދައްކާ ކަމަށެވެ.މެންބަރު މައުރޫފު ހައްޔަރުކޮށްފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ބުނެ އެމްޑީޕީގެ ޕީޖީން ނެރުނު ބަޔާނުގައި ބުނީ މެންބަރު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.ނަމަވެސް ފަހުން ފުލުހުން ބުނެފައިވަނީ އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ނުގެންދާ ކަމަށެވެ. ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު ދޯނީގައި ތިބި މީހުން މާލެ ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ