ޖުޑީޝަލް ސާވިސް ކޮމިޝަނުގެ (ޖޭއެސްސީ) ކޮމްޕޮޒިޝަނަށް ބަދަލުގެނެސް ޖުޑީޝަރީ ހަޤީޤީ މާނައިގައި މިނިވަން ކަމާއެކު މަސައްކަތް ކުރާތަން ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޖުޑީޝަރީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްދެއްވަމުންނެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ނުފޯރުވާކަމަށް ކުރިން ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބަދަލު ހިފުމުގެ ރޫޙު އިސްކޮށް ސިޔާސީ އޮއިވަރުގެ ތެރެއިން ހިންގޭ އަނިޔާވެރި ޢަމަލުތަކަށް ޖާގަ ދިނުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫންކަމަށެވެ. އަދި މި މަގަށް މަސައްކަތް ކުރުމަށް ޝަރުޢީ ދާއިރާގެ އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޔަޤީންކަން ދެއްވަމުން ވިދާޅުވީ ސިޔާސީ މީހެއް ހައްޔަރުކުރަން އެއްވެސް ފަނޑިޔާރަކަށް އެމަނިކުފާނު ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކުން އެނގި ކަމަށް އެއްވެސް ފަނޑިޔާރަކަށް ނުބުނެވޭނެ ކަމަށެވެ. ޖުޑީޝަރީ މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވިއެވެ: "ކޯޓުތައް ހަޤީޤީ މާނައިގައި މިނިވަންކޮށްދޭ ގޮތަށް ހުރިހާ ކަމެއް ހިންގަމުން މިދަނީ،. އެކަން އެބަ ފެނޭ މިހާރު ޑްރަގުގެ މީހުންނަށް ފިޔަވަޅު އަޅާއިރު، ނޫނިއްޔާ އެހެން ކަހަލަ ޢަމަލުތައް ހިންގާފައި ތިބޭ ފަރާތްތަކަށް ފިޔަވަޅު އަޅާއިރު، ހުކުމްތައް ކުރާއިރު، ކުރީގައި އަޅުގަނޑުމެން ބިރުން ފިޔަވަޅު ނާޅައި ތިބޭތަން ފެނުނީ."
ރައީސް ޑރ. މުޢިއްޒު ވަނީ ޖުޑީޝަރީގެ މިނިވަންކަމަށް ކުރަން ހުރި މަސައްކަތްތައް ވަކި ތަރުތީބެއްގެ ތެރެއިން ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން އެމަނިކުފާނު އިޝާރާތް ކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ މަސައްކަތަށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. މި ބަދަލާއެކު ޖުޑީޝަރީގެ މިނިވަންކަން އިތުރަށް ކަށަވަރުވެ، ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޖޭއެސްސީ ކޮމްޕޮޒިޝަނަށް ބަދަލުގެނެސް ޖުޑީޝަރީ ހަޤީޤީ މާނައިގައި މިނިވަން ކަމާއެކު މަސައްކަތް ކުރާތަން ފެނިގެންދާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ