މާލެ ސަރަހައްދުގައި ޕާކިން ބިލްޑިންތަކެއް ތަރައްޤީކުރުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލް.އޯ.ސީ) ގެ ދަށުން ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ ހަތަރު ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ވިދާޅުވީ، މި މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތައް މިހާރު އިންޑިއާގެ ސަރުކާރަށް ފޮނުވާފައިވާކަމަށާއި، މިކަމުގެ ސަބަބުން މާލެ ސަރަހައްދުގެ ޕާކިންގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ ހަތަރު ޕާކިން ބިލްޑިން ތަރައްޤީކުރާއިރު، އޭގެ ތެރެއިން ދެ ބިލްޑިން ތަރައްޤީކުރާނީ މާލޭގައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ދެ އެހެން ރަށްކަމަށްވާ ވިލިމާލެއާއި ހުޅުމާލޭގައި ވެސް ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިލްޑިންތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ގިނަ ބަޔަކަށް ފަސޭހަވާނެ އަދި އެންމެ ބޭނުންތެރި ސަރަޙައްދުތަކުގައެވެ.
ރައީސް މުޢިއްޒު ވަނީ ވިލިމާލެއާއި ހުޅުމާލޭގައި ބިލްޑިންތައް އަޅާނެ ވަކި ސަރަޙައްދުތަކެއް ފާހަގަކުރައްވާފައެވެ. ވިލިމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން ވިލިމާލެއަށް ފައިބާ ހިސާބުގައިކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ބްރިޖުން ވިލިމާލެއަށް ދަތުރުކުރާ ފަރާތްތަކަށް އެތަނުގައި ޕާކުކުރުމުގެ ފަސޭހަ ލިބިދިނުމުގެ ގޮތުންނެވެ. އަދި ހުޅުމާލޭގައި އަޅާ ޕާކިން ބިލްޑިންގ ވެސް ތަރައްޤީކުރާނީ ގިނަ ބަޔަކަށް ފަސޭހަ ވާނެ ރަނގަޅު ލޮކޭޝަނެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ "ވިލިމާލެ ބްރިޖުން ފައިބާ ތަނުގައި ޕާކިން ބިލްޑިންއެއް އަޅާނެ. އެއީ ބްރިޖުން ވިލިމާލެއަށް ފައިބާއިރު އެތަނުގައި ޕާކު ކުރަންޖެހޭތީވެ. ހުޅުމާލެ ރަނގަޅު ލޮކޭޝަނެއްގައި އަނެއް ބިލްޑިން ތަރައްޤީކުރާނެ" މި މަޝްރޫޢުތައް ހިންގުމަށް އިންޑިއާގެ އެލް.އޯ.ސީގެ އެހީތެރިކަން ލިބިފައިވުމަކީ މާލެ ސަރަހައްދުގެ ތަރައްޤީއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ސަރުކާރުން ދެކެއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް އަވަހަށް ފެށިގެން ދިއުމަކީ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމެކެވެ.
މާލެ ސަރަހައްދުގައި 4 ޕާކިން ބިލްޑިން ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ އެހީގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ