އެޕްސްޓީން ފައިލްސްގެ ބައެއް އެމެރިކާ ސަރުކާރުން އާންމުކޮށްފި، ގިނަ މައުލޫމާތުތައް ސިއްރު! އެޕްސްޓީން ފައިލްސްގެ ބައެއް އެމެރިކާ ސަރުކާރުން އާންމުކޮށްފި، ގިނަ މައުލޫމާތުތައް ސިއްރު!

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއި ދެކޮޅަށް އެމެރިކާގެ ތަހުގީގީ އިދާރާތަކުން ކުރި ތަހުގީގަށް ހޯދި ލިޔެކިޔުންތަކާއި ފޮޓޯތައް، ނުވަތަ "އެޕްސްޓީން ފައިލްސް" ގެ ބައެއް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން މިއަދު އެ ފައިލްތަކުގެ ބައެއް އާންމުކުރީ، ތަހުގީގަށް ހޯދި ހުރިހާ ލިޔެކިޔުމެއް އާންމުކުރަން ޖެހޭނެހެން މިދިޔަ މަހު އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ބިލުގެ ސަބަބުންނެވެ.
އެ ބިލުގައި ހުރިހާ ލިޔެކިޔުމެއް މިއަދުގެ ކުރިން ހާމަކުރަން ޖެހޭނެ ކަމަށް އޮތް ނަމަވެސް، ބައެއް މައުލޫމާތުތައް ސިއްރުކުރަން ޖެހޭ ކަމަށް ބުނެ އެމެރިކާ ސަރުކާރުން މިހާތަނަށް ހާމަކުރީ 13،000 އެއްހާ ޑޮކިއުމެންޓެވެ. މި ޑޮކިއުމެންޓުތަކުގެ ތެރޭގައި ހިމެނޭ ލިޔެކިޔުންތަކުގެ އަދި ފޮޓޯތަކުގެ ބައިތައް ހުރީ ސިއްރުކޮށްފަ އެވެ.
ޑިއޯޖޭ އިން ބުނި ގޮތުގައި ސިއްރުކޮށްފައިވަނީ އެޕްސްޓީންގެ ކިބައިން އަނިޔާ ލިބުނު މީހުން/ކުދިން ގެ މައުލޫމާތާއި ފޮޓޯތައް އަދި ތަހުގީގުން ކުށެއް ނެތް ކަމަށް ސާބިތުވެފައިވާ މީހުންގެ މައުލޫމާތު ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ތަހުގީގުގެ ހުރިހާ ޑޮކިއުމެންޓެއް ހާމަކުރާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
ނަމަވެސް، އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓްސް ޕާޓީން އަދި މިހާރު ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ބައެއް އިސް އޮފިޝަލުން ވެސް ވަނީ ޑޮނާލްޑް ޓްރަމްޕުގެ ސަރުކާރުން ޓްރަމްޕާއި އޭނާގެ ގާތް ސިޔާސީންގެ ފޮޓޯތަކާއި އެ މީހުންގެ އަމަލުތައް ހާމަވާ ލިޔުންތައް ސިއްރުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުތައް ވައިޓް ހައުސް އިން ދޮގުކުރެ އެވެ.
އާންމުކުރި ފޮޓޯތަކުގެ ތެރޭގައި އެޕްސްޓީންގެ ނިއުޔޯކު، އަދި ފްލޮރިޑާގައި ހުރި ގެތަކާއި ކެރީބިއަންގައި އޮތް އޭނާގެ ރަށުގައި ނަގާފައިވާ ހުރި ފޮޓޯތައް ހުއްޓެވެ. އޭގެތެރޭގައި ޓްރެފިކް ކުރި އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތައް ވެސް ހިމެނެ އެވެ.
މި ފޮޓޯތަކުން ބާރުވެރި ސިޔާސީންނާއި މުއްސަނދި މަހުޖަނުން ފެނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި މައިކްރޮސޮފްޓުގެ ވެރިޔާ، މަހުޖަނު ބިލް ގޭޓްސް ހިމެނެ އެވެ.
ހުރިހާ ޑޮކިއުމެންޓެއް އާންމުކުރުމުގެ ކުރިން އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން މިދިޔަ މަހު ވަނީ 20،000 ޑޮކިއުމެންޓެއް އާންމުކޮށްފައެވެ. އޭގެ ތެރެއިން ދިވެހިން އެންމެ ބޮޑަށް އަޅައިގަތީ އެޕްސްޓީން އާއެކު ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު، ކުރީގެ ރައީސް މުހައްމަދު ވަހީދު ގާތް ގުޅުމެއް ބޭއްވިކަން ހާމަވި މެއިލްތަކެވެ.
އެ މެއިލްތަކުގެ ތެރެއިން އެޕްސްޓީން އަށް ފޮނުވި އެއް މެއިލްގައި ވަހީދު ވަނީ އދ. ގެ 67 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެމަނިކުފާނުގެ ދެ ކަނބަލުން އެމެރިކާއަށް ކުރެއްވި ދަތުރުގެ ޝެޑިއުލް ހިއްސާކުރައްވާފަ އެވެ. މުޅި ދަތުރުގައި ރާވާފައި ހުރި ހުރިހާ ކަމެއް ހަ ސަފުހާގެ އެ ޝެޑިއުލްގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން، ވަހީދު، އެޕްސްޓީންއާ ބައްދަލުކުރިކަން ކަށަވަރު ވަނީ ޖެނުއަރީ 18، 2013، ގައި ފޮނުވާފައިވާ އީމެއިލް އަކުންނެވެ. އެޕްސްޓީންގެ ގެއަށް ވަހީދު ވަޑައިގެންނެވި ކަމަށް އެ އީމެއިލްގައި ބުނެފައިވެ އެވެ.
އެޕްސްޓީންއާ ބައްދަލުކުރުމަށް އޭނާގެ ގެއަށް ވަހީދު ވަޑައިގެންނެވީ ޔޫއޭއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑީޕީ ވޯލްޑް ކުންފުނީގެ ސީއީއޯ ސުލްތާން އަހުމަދު ބިން ސުލޭޔަމް އާއެކު ކަމަށް ވެސް އީމެއިލް ގައި ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން ވަހީދު ސަރުކާރު ހިންގުމުގައި މާލީ ލަފާ ހޯދުމަށާއި 2013 ގައި ރިޔާސީ އިންތިހާބަށް ކެމްޕޭނުގައި އެހީތެރިކަމަށް ވަހީދު ވަނީ އެޕްސްޓީންގެ ކައިރިން އެދިފަ އެވެ.
ޖުލައި 2019، ގައި ސެކްސް ޓްރެފިކިން ތުހުމަތުގައި އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި، ޖެހިގެން އައި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ޖަލު ގޮޅީގައި ހުއްޓައި އޭނާ ކުއްލި ގޮތަކަށް މަރުވި އެވެ. އެއަށް ފަހު އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިޔަ އެވެ.
އެޕްސްޓީން އާއި ގުޅުންހުރި ލިޔެކިޔުންތައް އާންމުކުރަން ނިންމީ އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެޕްސްޓީން އާއި އޮތް ގާތް ގުޅުމާމެދު ކުރެވޭ ތުހުމަތުތަކާއެކު ކުރިމަތިވަމުންދާ ޕްރެޝަރާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ