އިންސްޓަގްރާމް ވިޔަފާރި ހުއްދަ ވާނެތަ؟
އިންސްޓަގްރާމާއި އެ ނޫންވެސް އޮންލައިން މަންސަތައް ބޭނުން ކޮށްގެން ދިވެހީން ވެސް މިހާރު ތަފާތު އެތައް ބާވަތެއްގެ ވިޔަފާރިތައް ހިންގައެވެ. އޭގެ ތެރޭގައި، ފޭރާމާއި ސެންޓާއި ކޮސްމެޓިކްސް އާއި ކާބޯތަކެއްޗާއި މިނޫނަސް އެތައް މުދަލަކާއި ޚިދުމަތެއް ފޯރު ކޮށްދެއެވެ. ފަހަކަށް އައިސް ގިނަ ޒުވާނުން އިންސްޓަގްރާމް ބޭނުން ކުރަނީ ހަމައެކަނި ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރާ މަންސައެއްގެ ގޮތުގައެއް ނޫނެވެ. އެއާއެކު ވިޔަފާރި ކުރާ މާކެޓެއްގެ ގޮތުގައި އަދި ބައެއް ފަހަރު އާމްދަނީ ހޯދާ މައިގަނޑު މަސްދަރެއް ކަމުގައި އިންސްޓަގްރާމް ވެފައި ވެއެވެ. މިކަމާ ގުޅިގެން ވަރަށް މުހިންމު ސުވާލެއް އުފެދެއެވެ. އިސްލާމީ ނަޒަރުން ބަލާ އިރު، އިންސްޓަގްރާމް މެދުވެރިކޮށް ކުރާ ވިޔަފާރި ޙަލާލު ވާނެ ހެއްޔެވެ؟ ކުރު ޖަވާބަކީ އާނއެކެވެ. ޙަލާލު ވާނެއެވެ. ޒަމާނީ ޓެކްނޮލޮޖީ އާ އެކު ތަޢާރަފު ކުރެވޭ މަންސަތައް މެދުވެރިކޮށް ވިޔަފާރި ކުރުން އޭގެ ޒާތުގައި މަނަލެއް ނޫނެވެ. ނަމަވެސް އެ ކަން ކުރާން ޖެހޭނީ އިސްލާމްދީނުގައި ކަނޑަ އަޅުއްވާފައިވާ ހަމަތަކާއި އުޞޫލުތައް އަދި އަޚުލާގީ އަގުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓައިގެންނެވެ. މީގެ ތަފުސީލު ތިރީގައި އެ ވަނީއެވެ. އިސްލާމްދީނުގައި ވިޔަފާރި ހަރާން ކުރައްވާފައި ވާ ވިޔަފާރިއެއް ފިޔަވައި ހުރިހާ ބާވަތެއްގެ ވިޔަފާރީގެ އަސްލަކީ ހުއްދަ ވުމެވެ. އެއީ ﷲ ގެ މި ބަސްފުޅުގައި ވާ ފަދައިންނެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ ﴾ (އަލްބަޤަރާ، 275). "ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ހަރާން ކުރައްވާފައެވެ". ނަބިއްޔާ މުޙައްމަދު ﷺ ނަބީކަމުގެ ކުރީން ވެސް ވިޔަފާރި ކުރެއްވިއެވެ. ތެދުވެރި އިޚްލާޞްތެރި ވިޔަފާރިވެރީންގެ ދަރަޖަ ބަޔާން ކުރައްވައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. التَّاجرُ الصَّدوقُ الأَمينُ مع النَّبيِّينَ والصِّدِّيقينَ والشُّهداءِ (އައްތިރުމިޛީ، 1209). "ތެދުވެރި އަމާނާތްތެރި ވިޔަފާރިވެރިޔާ ވާ ހުށީ ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާ އެކުގައެވެ". އެހެންކަމުން، އިންސްޓަގްރާމާއި ޒަމާނީ އެހެނިހެން މަންސަތައް މެދުވެރި ކޮށް ވިޔަފާރި ކުރުމަކީ އޭގެ ޒާތުގައި މަނާ ކަމެއް ނޫނެވެ. ކަންބޮޑު ވާން ޖެހޭނީ އެ މަންސަތައް މެދުވެރި ކޮށް ވިއްކަނީ ކޮން އެއްޗެއްތޯ އާ އަދި އެ ވިއްކަނީ ކޮން ގޮތަކަށްތޯ އާ މެދުގައެވެ. ވިއްކޭނީ ކޮން އެއްޗެއް؟ ވިޔަފާރީގައި ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ، ވިއްކާ އުފެއްދުމެއް ނުވަތަ ޚިދުމަތަކީ ޙަލާލު އެއްޗަކަށް ވުމެވެ. އިސްލާމްދީނުގައި މަނާ ކުރައްވާފައި ވާ ތަކެއްޗާއި ޚިދުމަތްތައް (މިސާލަކަށް: ބަނގުރަލާއި މަސްތުވާ ތަކެއްޗާއި އޫރު މަހާއި، ފާޙިޝް ޢަމަލުތަކުގެ ޚިދުމަތް) ވިއްކުން ހުއްދައެއް ނޫނެވެ. އެއީ އޮންލައިން ކޮށް ނުވަތަ ފިހާރައަކުން ވިއްކާ ނުވަތަ ދޭ ޚިދުމަތެއް ނަމަވެސް މެއެވެ (އަލްބަޤަރާ، 275، އަލްމާއިދާ، 90، އަލްމާއިދާ، 2، އައްނަޙުލު، 90، އަބޫދާއޫދު، 3488، އަޙްމަދު، 2897). އޮޅުވައި ނުލުން އޮންލައިންކޮށް ވިއްކުމުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް ކަމަކީ އޮޅުވައިލުމެވެ. އިސްލާމްދީނުގައިވާ ގޮތުން ވިޔަފާރިއެއް ބިނާ ވެފައި އޮންނާން ވާނީ އޮޅުވައިލުމެއް ނެތް ސާފު ޝަރުތުތަކާއި ޙަޤީޤަތް ހާމަކޮށް ބަޔާން ކުރުމުގެ މައްޗަށެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައި ވަނީ "އަހަރެމެންނަށް އޮޅުވައިލާ މީހާ އަކީ އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ" (ޞަޙީޙު މުސްލިމު، 102). އެބަހީ، އެ ގޮތަށް ކަންތައް ކުރާ މީހާ އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނު ބަޔާން ކޮށްދެއްވި ތެދު މަގުގައި ވާ މީހެއް ނޫނެވެ. އޮންލައިން ވިޔަފާރީގައި ކަސްޓަމަރުންނަށް އޮޅުވައިލުމަށް ޓަކައި ކުރާ އާއްމު ބައެއް ކަންކަން ތިރީގައި އެ ވަނީއެވެ. • އޮޅުވައިލާ ފޮޓޯތައް ނުވަތަ އަސްލު ނޭނގޭ ގޮތަށް އެޑިޓް ކޮށްފައި ހުންނަ ފޮޓޯތައް ބޭނުން ކުރުން.• އައިބުތައް ވަންހަނާ ކުރުން.• އެ ގޮތަށް ނެތް ނަމަވެސް "ލިމިޓެޑް ސްޓޮކް" ކަމަށް ބުނެ އިޝްތިހާރު ކުރުން.• އަގު ބަޔާން ކުރުމުގައި އޮޅުވައިލުން. މިސާލަކަށް: ކުރީގެ އަގުގެ ގޮތުގައި ބޮޑު އަގެއް ޖެހުމަށް ފަހު އެ އަގުގައި ރޮނގެއް ދަމައި އޭގެ ތިރީގައި ކުޑަ އަގެއް ޖަހައި އެއީ އަގު ހެޔޮ ކޮށްފައި ކަމަށް ދެއްކުން.• ކަސްޓަމަރުންގެ ފީޑްބެކް ކަމަށް ހަދައިގެން މުދާ ނުވަތަ ޚިދުމަތާ މެދު އަމިއްލައަށް އުފައްދާ އަސްލެއްނެތް ފީޑްބެކް ދީފައި ހުރުން. އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުން އިސްލާމީ ޝަރީޢަތުގައި އޮތީ ހަމައެކަނި ޙުކުމްތަކެއް ބަޔާންކޮށް ދިނުމެއް ނޫނެވެ. އެއާ އެކުގައި، އަޚްލާގީ މިންގަނޑުތައް އެކަށަ އަޅައި އެއީ ޝަރީޢަތުގެ މައިގަނޑު އެއްބައި ކަމުގައި ހިމަނުއްވާފައި ވެއެވެ. އެހެންކަމުން، ވިޔަފާރީގައި އުފެއްދުންތައް މާކެޓު ކުރުމުގައި ވެސް މި އަޚުލާގީ އަގުކަށް ތަބާ ވާން ޖެހޭނެއެވެ. ބޭއަދަބީ ނުވަތަ ބަދުއަޚުލާގީ ޢަމަލުތަކަށް ހިތްވަރު ލިބޭ ފަދަ ފޮޓޯ އާއި ބަސްމަގު ހިމަނައިގެން އިޝްތިހާރު ކުރުމަކީ އިސްލާމްދީނުގައި އެއްގޮތަކަށް ވެސް ހުއްދަ ވާނެ ކަމެއް ނޫނެވެ. ޒުވާނުންނަށް އަމާޒު ކުރެވޭ އުފެއްދުންތައް މާކެޓު ކުރުމުގައި މި ބާވަތުގެ ހުއްދަ ނޫން އިޝްތިހާރުތައް ހެދުމީ ވަރަށް އާއްމު ކަމެކެވެ. މި ކަމުގެ ސަބަބުން - ފަހަރެއްގައި - ގިނަ ކަސްޓަމަރުން ލިބި މާލީ ގޮތުން ފައިދާތަކެއް ވެ ދާނެއެވެ. ނަމަވެސް އެ ވިޔަފާރީގައި ބަރަކާތެއް ނުހުންނާނެއެވެ (އައްނަޙުލު، 90، އަޙްމަދު، 8939، އައްތިރުމިޛީ، 1209، އަލްއަންޢާމް، 151، އަލްއަޢުރާފް، 28، އައްނޫރު، 19، ޞަޙީޙުލްބުޚާރީ، 893، އަލްބަޤަރާ، 276، ޞަޙީޙު މުސްލިމް، 1015). ވީމާ، އިންސްޓަގްރާމު މެދުވެރި ކޮށް ވިޔަފާރި ކުރާ މީހުން އަމިއްލަ ނަފުސާ ސުވާލު ކުރާށެވެ! އަހުރެން ވިއްކާ އުފެއްދުންތައް ނުވަތަ ޚިދުމަތްތަކަކީ އިސްލާމްދީނުގައި ހުއްދަ އުފެއްދުންތަކާއި ޚިދުމަތްތަކެއް ހެއްޔެވެ؟ އަހުރެން އެ އެއްޗެތި އިޝްތިހާރު ކޮށް މާކެޓު ކުރަނީ އިޚުލާޞްތެރި ކަމާ އެކު، އިސްލާމީ އަޚުލާގީ މިންގަނޑުތަކާ އެއްގޮތަށް ހެއްޔެވެ؟ އަހުރެން ކަސްޓަމަރުންނަށް މަކަރު ހަދައި އޮޅުވައިލަން ހެއްޔެވެ؟ ކަސްޓަމަރުންގެ ޝަކުވާ އާއި ކަންބޮޑުވުންތަކަށް އެކަށީގެން ވާ ގޮތުގައި އަހުރެންނަށް ޖަވާބު ދެވޭ ހެއްޔެވެ؟ އަހުރެން ވިޔަފާރި ކުރަނީ ﷲ ގެ ރުހިވޮޑިގަތުން އެދުމާ އެކު އެ ކަލާނގެ ކޯފާ އަށް ބިރުވެތި ވެ ހުރެގެން ހެއްޔެވެ؟ އެހެންކަމުން، ސުވާލު އުފައްދާން ވީ އިންސްޓަގްރާމުގެ މަންސަ (ޕްލެޓްފޯމް) ބޭނުން ކޮށްގެން ވިޔަފާރި ކުރުން ހުއްދަތޯ އާ މެދުގައި ނޫން ކަމާއި، އަހުރެމެން ބަލާން ޖެހެނީ އިންސްޓަގްރާމް މެދުވެރިކޮށް ކުރެވޭ ވިޔަފާރި އަކީ ޙަލާލު ވިޔަފާރިއެއްތޯ އާ މެދުގައިކަން ސާފުކޮށް އެނގިއްޖެއެވެ. އިންސްޓަގްރާމުގެ ނަން ބޭނުން ކޮށްގެން މި މަޒުމޫނު ލިޔެފައި ވިޔަސް، ފޭސްބުކާއި ޓެލެގްރާމާއި ވައިބަރާއި ވަޓްސްއެޕް އަދި ވެބްސައިޓްތައް ފަދަ ހުރިހާ އޮންލައިން މަންސަތަކަށް، މީގައި ވާ އުޞޫލުތައް ތަންފީޒު ވާނެއެވެ. އިންސްޓަގްރާމްގެ ނަން ހިމަނައިގެން ލިޔެފައި އެ ވަނީ މި ފަހަކަށް އައިސް ދިވެހީން ވިޔަފާރި ކުރުމަށް ޓަކައި އެންމެ ގިނައިން ބޭނުން ކުރާ އެއް މަންސައަކީ އެއީ ކަމަށް ވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ