ދިވެހިރާއްޖެއިން އދ.ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ (ކޮޕުއަސް) މެންބަރުކަން ހޯދައިފިއެވެ.
މި ކޮމިޓީއަކީ، ބޭރު ޖައްވު ސުލްހަވެރިކަމާއެކު ދިރާސާކޮށް ބޭނުންކުރުމުގެ މަގްސަދު ހާސިލްކުރުމަށްޓަކައި ގައުމުތަކުގެ ދެމެދުގައި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އދ.ގެ ކޮމިޓީއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮޕުއަސްގެ މެންބަރުކަން ހާސިލްކުރުމުގެ ސަބަބުން ދިވެހިރާއްޖެއަށް ބޭރު ޖައްވު ސުލްހަވެރިގޮތުގައި ބޭނުންކުރުމާ ގުޅޭ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑު ބައްޓަންކުރުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީ އާއި އީޖާދީ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށް ވެސް ވެއެވެ
އަދި ދިވެހިރާއްޖެއަށް ބޭރު ޖައްވުގައި ބެހެއްޓިފައިހުރި އުޅަނދުތައް މެދުވެރިކޮށް ލިބޭ މައުލޫމާތާއި ޑޭޓާ ގެ އެހީގައި މޫސުމީ ބަދަލުތައް ދުރާލާ ފުންކޮށް ދެނެގަތުމާއި، ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާއި، ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެއެވެ.
ދިވެހިރާއްޖެއާއެކު، ހޮންޑޫރަސް، ޒިމްބާބްވޭ، މޯލްޓާ، ގަމްބިއާ އަދި ކޯޓްޑިވޯރ ވެސް މި ކޮމިޓީގެ މެންބަރުކަން ވަނީ ހޯދާފައެވެ.
އދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ މެންބަރުކަން ރާއްޖެއިން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ