ޑްރޯން ބޭނުންކޮށްގެން 300 ކިލޯގެ ޑްރަގާއެކު ސިފައިން ހިފެހެއްޓީ ލަންކާގެ ބޯޓެއް
ޑްރޯން ބޭނުންކޮށްގެން އިއްޔެ ހިންގި ސަވައިލެންސްގައި ސިފައިން އަތުލައިގަތީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް އެތެރެވި ސްރީލަންކާގެ ބޯޓެއް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ. ސްރީލަންކާގެ ނޫހެއް ކަމަށްވާ "ނިއުސްވަޔާ"ގައިވާ ގޮތުން ހެރޮއިން ހިމެނޭހެން 300 ކިލޯގްރާމްގެ މަސްތުވާތަކެތި ހަ މީހަކާ އެއްކޮށް އަތުލައިގެންފައިވެއެވެ. އެކަން ދިވެހި ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، އިތުރު ތަފްސީލެއް ހާމަ ނުކުރެއެވެ. އިއްޔެ އެމްއެންޑީއެފުން ބުނީ، ބޭރުގެ ބޯޓެއް ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު ހުއްޓުވައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރުން ހަމަ އެހެން އޮޕަރޭޝަނެއްގައި ވެސް، ރާއްޖޭގެ އެސްއީޒެޑުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެ ބޯޓުތައް ހިފެހެއްޓީ އެމްއެންޑީއެފުން ބުނިގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެ ބޯޓުތައް މާލެ ގެނައިކަން ނުވަތަ ނުގެންނަކަން އަދި ސާފެއްނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ