ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހު ބާއްވާ އެމްޑީޕީގެ އެއްވުން ފަސްކޮށްފި، ހުރަސް އެޅިކަމުގެ ތުހުމަތު އިހުސާނަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރޭ ދުވަސް ކަމަށްވާ މި ހިނގާ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު މައި އިދިކޮޅު އެމްޑީޕީން "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބާއްވަން ނިންމި އެއްވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. އެމްޑީޕީގެ އެއްވުން ފަސްކުރަން އެ ޕާޓީން ނިންމީ މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މިރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ނޮވެމްބަރު 17ގެ އެއްވުމުގެ ކޮމިޓީގެ ލަފާ އިއްވަވަމުން ވިދާޅުވީ، އާޓިފިޝަލް ބީޗާއި އަލިމަސް ކާނިވަލާއި އުސްފަސްގަނޑު ނުދެވޭނެ ކަމަށް ބުނެ، އެއްވެސް ތަނެއް އެއްވުން ބާއްވަން ނުދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު: އެއްވުމަށް ހުރަސް އެޅުއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކަމަށް އިބުރޭ ތުހުމަތުކުރެއްވި --- ސަން ފޮޓޯ: މޫސާ ނަދީމް ކޮމިޓީއާ ހަވާލާދީ އިބުރޭ ވިދާޅުވީ، އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވޭ ވަރަށް ވުރެ މި މަހުގެ 17ވަނަ ދުވަހު ބާއްވާ އެއްވުން ބޮޑުވާނެ ކަމަށާއި، މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބޭއްވި ފުރަތަމަ އެއްވުމުންވެސް އެކަން ފާހަގަވި ކަމަށެވެ. އެއްވުން ޕްރޮމޯޓްކުރުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި، އެގޮތުން ހުޅުމާލޭގައި އެއްވުމާ ގުޅޭގޮތުން ދެމި ހުރިހާ ބެނާއެއް ކަނޑާލުމުގެ އިތުރުން، އެއްވުމުގައި ބައިވެރިވާން ޕިކަޕުން ގޮވުމަށް އެ ޕާޓީން ކުރި މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފުލުހުން ނެރެ ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ އެއްވުމަށް ހުރަސް އަޅަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ރޭވުމަކުން ކަމަށް، އިބުރޭ ތުހުމަތުކުރެއްވިއެވެ. މިރޭގެ ގައުމީ މަޖިލީހުގައި އެމްޑީޕީން ނިންމީ މި މަހު 17ގައި ބާއްވާ އެއްވުން ވަކި މުއްދަތެއް ނެތި ފަސްކުރުމުގެ އިތުރުން، އެއްވުން ބާއްވާނެ ތާރީޚާއި ތަނާއި ވަގުތު ޕާޓީގެ ލީޑާޝިޕުން ނިންމާ ގޮތަށެވެ. ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީން މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވި އެއްވުމުގައި ސަރުކާރަށް ފަސް ޑިމާންޑެއް އިއްވައިފައެވެ. https://sun.mv/212196 އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިއުމަށާއި، ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭ އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދޭން ފެށުމަށާއި، ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އަނބުރާ ގެންދިއުމުގެ އިތުރުން، މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލައި، އާސަންދައާއި ބޭސްފަރުވާ އަދި ރައްކާތެރި ބޭސް ހަމައަށް ލިބެމުން އައި މިންވަރަށް ލިބިދުނުމަށާއި ބޭސްތައް ބަރާބަރަށް ލިބޭނެގޮތް ހެދުމަށެވެ. https://sun.mv/212839 މީގެ ތެރެއިން އެއްވެސް ޑިމާންޑަކާ އެއްގޮތަށް ސަރުކާރުން ކަންކަން ރަނގަޅުނުކޮށްފިނަމަ މި މަހުގެ 17ވަނަ ދުވަހު އެއްވާން އެމްޑީޕީން ވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހުގެރޭ ބޭއްވި އެއްވުމާ ޖެހިގެން އައި ރޭ ބޭއްވި ގައުމީ ޖަލްސާގައި ފާސްކޮށްފައެވެ. އަދި އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ މެންބަރުން މިނިވަންކުރުމަށްވެސް ގޮވާލިއެވެ. އެ މެންބަރުން ބަންދުން ދޫކޮށްލީ އިހުތިޖާޖުގައި ހައްޔަރުކުރުމަށް ފަހު 15 ދުވަސް ވަންދެން ދޫނިދޫގައި ބޭތިއްބުމަށްފަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ