ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 3-1 އިން ބަލިކޮށް ކްލަބް އީގަލްސް އިން ޖެހިޖެހިގެން ދެ ވަނަ މެޗުން ހޯދި މޮޅާ އެކު، ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
މި ސީޒަން ފަށައިގެން، ޗެރިޓީ ޝީލްޑް މެޗާއި ޕްރިމިއާ ލީގު ހިމެނޭހެން ހަތް ވަނަ މެޗާ ހަމައަށް މޮޅެއް ނުލިބި އޮތް އީގަލްސް އިން، 10 ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ފުލުގައި ވެސް އޮންނަން ޖެހުނެވެ. އެކަމަކު، ލީގުގެ ފުރަތަމަ ބުރު ނުނިމެނިސް އެ ޓީމު މި ވަނީ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އީގަލްސްގެ ކޯޗުގެ ޒިންމާއާ، އަބްދުﷲ ހަނީފް (ބެންޖޯ) ހަވާލުވި ފަހުން، ފުރަތަމަ ދެ މެޗުން އެއްވަރުވެ، ދެން ކުޅުނު ދެ މެޗުން މި ވަނީ މޮޅުވެފަ އެވެ.
ލީގުގެ ހަތަރު ވަނައިގައި އީގަލްސް އޮތީ ހަތް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ކުރިން ހަތަރު ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ވިކްޓަރީ އަށް ވެސް ހަތް މެޗުން ނުވަ ޕޮއިންޓް ލިބިފައިވެ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ހަތް މެޗުން 21 ޕޮއިންޓް، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.
އީގަލްސް އަށް މި މެޗުގައި ތިން ވަނަ ލަނޑު ޖަހައިދިން ސިއްކޮ އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި، އީގަލްސް އިން ލީޑުނެގީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި އީގަލްސްގެ ފުލްބެކް، އަބްދުލްމަލިކް ނެގި ބޯޅަ ފޭދޫ އިއްބެ ބޮލުން ފޮނުވާލިއިރު، ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓަރީގެ ބިދޭސީ ކީޕަރު، އަލީ އާދެލް މުސްތަފާ އަލީ އަތުގައި ޖެހިފަ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި، އީގަލްސްގެ ދެ ވަނަ ގޯލު ޖެހީ ބިދޭސީ މިޑްފީލްޑަރު، އިބްރާހިމް ލެބޭ އެވެ. މިއީ ފޭދޫ އިއްބެ ދިން ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު ލެބޭ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްގެ ތިން ވަަނަ ގޯލު ޖެހީ، 43 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް، ޔޫސުފް ސިދާމް އަލީ (ސިއްކޮ) އެވެ. އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ) ދިން ބޯޅަ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، ސިއްކޮ ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި އިޝް އާފް މުހައްމަދު ފިރާގު އެވެ. މެޗުގެ 67 ވަނަ މިނިޓްގައި، އީގަލްސް އޭރިއާތެރެއިން ލިިބުނު ބޯޅަ އިޝް އާފު ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ. މިއީ، އެންމެ ފަހުން ކުޅުނު ތިން މެޗުގައި، އީގަލްސްގެ ކީޕަރު، މުހައްމަަދު އަޝްވާން ކައިރިން ވަން ފުރަތަމަ ގޯލެވެ.
މި މެޗުން ބަލިިވި، ޔުނައިޓެޑް ވިކްޓަރީ ލީގުގެ ހަތް ވަނައިގައި އޮތީ ހަތް މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.
އޭޝިއަން ކަޕްގައި ގައުމީ ޓީމު ކުޅޭ މެޗަށް ލީގު މެދުކަނޑާލުމުގެ ކުރިން ކުޅޭ ފަހު މެޗަކީ، މާދަމާ ހަވީރު ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ.
ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސް ހަތަރު ވަނަ އަށް ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސް ހަތަރު ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ