ބާލިން (ނޮވެމްބަރު 8) - ޔޫނިއަން ބާލިންއާ 2-2 އިން އެއްވަރުވެ، ސީޒަން ފަށައިގެން ހުރިހާ މުބާރާތެއްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ބަޔާން މިއުނިކުން ދަމަހައްޓަމުން އައި ތާރީހީ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.
މީގެ ކުރިން، ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ސީޒަނެއް ފަށައިގެން ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑެއް އޮތީ 1992/1993 ވަނަ ސީޒަނުގެ އޭސީ މިލާން ޓީމުގެ އަތުގަ އެވެ. އެއީ، 13 މެޗުން މޮޅުވެގެންނެވެ. ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅޭ ބަޔާނުން އެ ރެކޯޑް މުގުރާލައި، 16 މެޗުން މޮޅުވެ، އާ ރެކޯޑެއް ގާއިމްކޮށްފައިވަނިކޮށް، ޔޫނިއަން ބާލިން އިން މި ވަނީ އެ ރެކޯޑަށް ނިމުން ގެނެސްފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔޫނިއަން ބާލިން އިން ލީޑުނެގީ 27 ވަނަ މިނިޓްގައި ޑަނީލޯ ޑޮއޭކީ ޖެހި ގޯލުންނެވެ. އެކަމަކު، މެޗުގެ 38 ވަނަ މިނިޓްގައި ބަޔާނުން ވަނީ ލުއިޒް ޑިއާޒްގެ ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ސީޒަނުގައި ބަޔާނަށް ބަދަލުވި ޑިއާޒް މި ވަނީ 17 މެޗުން 11 ލަނޑު ޖަހައިފަ އެވެ.
މެޗުގައި ދެ ވަނަ ފަހަރަށް ޔޫނިއަން ބާލިން އިން ލީޑުނެގީ 83 ވަނަ މިނިޓްގަ އެވެ. މި ލަނޑު ވެސް ޖެހީ ޑޮއޭކީ އެވެ. ބަލިނުވެ ބަޔާން ސަލާމަތްވީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ހެރީ ކޭން ޖެހި ގޯލުންނެވެ. މިއީ، ޓޮމް ބިޝޮފް ނެގި ހުރަހަކުން ކޭން ބޮލުން ޖެހި ގޯލެކެވެ. މިއީ، މި ފަހަރު ލީގުގައި ކޭން ޖެހި 13 ވަނަ ގޯލެވެ.
ބަޔާން އެއް ވަނައިގައި އޮތީ ލީގުގައި 10 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ 10 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. ލައިޕްޒިގު، މިރޭ ކުޅުނު މެޗުން ވަނީ ހޮފެންހައިމް އަތުން 3-1 އިން ބަލިވެފަ އެވެ. ތިން ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ވަނީ 1-1 އިން ހެމްބާގްއާ އެއްވަރުވެފަ އެވެ. ޑޯޓްމަންޑަށް 10 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެެވެ. ހަތަރެއްގައި އޮތް ބަޔާ ލެވަކޫސަން އަށް 10 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މިރޭ ވަނީ ހެއިޑަންހައިމް އަތުން 6-0 އިން މޮޅުވެފަ އެވެ.
ޔޫނިއަން ބާލިން އިން ބަޔާންގެ ރެކޯޑް ނިމުމަކަށް ގެނެސްފި ޔޫނިއަން ބާލިން އިން ބަޔާންގެ ރެކޯޑް ނިމުމަކަށް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ