ބީލަމަކަށް ނުލައި ދޫކުރި 206 ޕްރޮޖެކްޓު ކުރިއަށްގެންދަން ބޭނުންވާ ލޯނު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކުންފުނިތަކަށް ހޯދައިދިނުމަކީ މަނީ ލޯންޑަރިންއަށް ހުޅުވޭ ދޮރެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ގާތް ކުންފުނިތަކަށް 206 ޕްރޮޖެކްޓެއް ހަވާލުކުރީ ބީލަމަކަށް ނުލައި، އަދި އެއްވެސް ހާމަކަމެއް ނެތި އެވެ. އެއީ ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ސަރުކާރުން އެދިގެން ކޮންޓްރެކްޓަރުން މަސައްކަތްތައް ހުށަހެޅި އަގުތަކަށް ވުރެ މާ ބޮޑުކޮށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން، މަޝްރޫއުއަކަށް 47 މިލިއަން ރުފިޔާ ހުށަހެޅުމުން 80 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް އެ މަޝްރޫއު ހަވާލުކުރިކަމަށް އަމީރު ލިޔުއްވި އެވެ.
"ސަރުކާރުން މި ގޮތަށް ޖަރީމާ ހިންގާފަ، ބޭނުން ބަޔަކު ކަނޑައަޅާ ބޭންކަށް ފޮނުވީމާ، އެ ޕްރޮސެސްއާ މެދު ސުވާލެއް ވެސް ކުރުމެއް ނެތި އަދި ގާބިލުކަން ހުއްޓަސް ލޯނު ނުދެވޭނެ. ބޭންކުގެ ޒިންމާއެއް އެ ޕްރޮސެސްގެ އިންޓެގްރިޓީއާ މެދު ސުވާލުކުރުން. ސުވާލެއް ވެސް ނުކޮށް، އިންޓެގްރިޓީ ކަށަވަރުނުކޮށް މި ގޮތަށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށްވެސް ދޮރެއް،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ބިޑަށް ނުލާ ހަވާލު ކުރި ހުރިހާ ޕްރޮޖެކްޓެއް ވެސް ދޫކޮށްފައި ވަނީ ސަރުކާރުން ބޭނުންވި އަގަކަށް ކަމަށެވެ. އަދި އެ ޕްރޮޖެކްޓުތައް ދޫކުރި ގޮތް އެންމެނަށް އެނގޭނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"ތި ޕްރޮޖެކްޓްތައް ދެވުނު ގޮތް މިހާރު ނޭނގޭ އެއްވެސް މީހަކު ނެތް. އެއްވެސް ހާމަކަމެއް، ވާދަވެރިކަމެއް ނެތި، ސަރުކާރު އިސްވެރިން ބޭނުންވާ މީހުންނަށް، ޕީއެންސީ ގެ މަޖްލިސް މެމްބަރުންނަށް ޕްރޮޖެކްޓް ބަހާލީ ކަން ނޭނގޭ މީހަކު ނެތް. ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި،" އަމީރު ލިޔުއްވި އެވެ.
މި ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި ކޮންޓްރެކްޓަރުން އެއްބަސްވުންތަކުގައި ސޮއިކުރީ ހާއްސަ އުސޫލުތަކެއްގެ ދަށުން ލޯނުގެ ކަންކަން ހަމަޖައްސައިދޭން ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުންނެވެ.
އެކަމާ ގުޅިގެން ބީއެމްއެލްއަށް އަމާޒުވަމުންދާ ތުހުމަތުތައް ދޮގުކޮށް އެ ބޭންކުން މިއަދު ދިގު ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ވެސް ވަނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންނަށް ކަމަށްވާނަމަ އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދުމުގެ ފުރުސަތު އެ ކުންފުނިތަކަށް ވެސް އޮންނާނެ ކަމަށް ބުނެފަ އެވެ.
މިއީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގާ ޕްރޮޖެކްޓުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ހަގީގަތަކީ މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ، ބީއެމްއެލް މެދުވެރިކޮށް ކުންފުނިތަކަށް 9 ޕަސެންޓު އިންޓަރެސްޓުގައި ލޯނު ހަމަޖައްސައިފަ އެވެ. ކުންފުނިތަކަށް ލޯނު ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ވެސް ދައްކަން ޖެހޭނީ ސަރުކާރުންނެވެ.
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތް އަދި އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެތް ނެތް ކުންފުނިތައް ވެސް ހިމެނެ އެވެ.
އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރީ ސަރުކާރާއި ގުޅުން އޮންނަ ކުންފުނިތަކަށާއި މުއިއްޒުގެ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ގުޅުން އޮންނަ ކުންފުނިތަކަށެވެ. ޕީއެންސީއަށް ނިސަބަތްވާ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރި އެވެ.
ސަރުކާރުން ބޭނުންވާހާ ކުންފުނިތަކަކަށް ބީއެމްއެލްއިން ލޯނު ދިނުމަކީ މަނީ ލޯންޑަރިންއަށް ހުޅުވޭ ދޮރެއް: އަމީރު ސަރުކާރުން ބޭނުންވާހާ ކުންފުނިތަކަކަށް ބީއެމްއެލްއިން ލޯނު ދިނުމަކީ މަނީ ލޯންޑަރިންއަށް ހުޅުވޭ ދޮރެއް: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ