ރައްޔިތުން ހޭލާއިރު އަބަދުވެސް އިވެނީ ކޮންމެވެސް ބިރުވެރި ޙާދިސާއެއް ޤައުމުގައި ހިނގައިގެން އުޅޭ ޚަބަރު: ގަޕޯ

ރާއްޖޭގެ ރައްޔިތުން ހޭލާއިރު އަބަދުވެސް އަޑުއިވެނީ ކޮންމެވެސް ބިރުވެރި ޙާދިސާއެއް ޤައުމުގައި ހިނގައިގެން އުޅޭ ޚަބަރު ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިފަހުން ރައްޔިތުންނަށް ހަމަޖެހުމެއް ނެތް ކަމަށާއި، ރާއްޖެ މިއޮތީ ހަމައެއްގެ ތެރޭގައި ނޫން ކަމަށެވެ. އަދި ރައްޔިތުން ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
 ”ރައްޔިތުން ހޭލާއިރު އަބަދުވެސް އަޑުއިވެނީ ކޮންމެވެސް ބިރުވެރި ޙާދިސާއެއް ޤައުމުގައި ހިނގައިގެން ޚަބަރު. މިސަރުކާރު ވެރިކަމަށް އައިފަހުން އެނޫން ދުވަހަކަށް ރައްޔިތުންނަކަށް ހެޔެއް ނުލެވޭ،“ ގަޕޯ ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގަޕޯ ވިދާޅުވީ، މި ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް ނީވޭ ކަމަށެވެ. އަދި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނަމުންދާއިރުވެސް، ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެކަން އިހުސާސް ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ”މިސަރުކާރަށް ރައްޔިތުން ކިޔާ އެއްޗެއް އަޑެއް ނީވޭ. ހަމައެއްގޮތަކަށްވެސް އަޑެއް ނީވޭ،“ އޭނާ އިތުރަށް ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވި ގޮތުގައި މިހާރު ޤައުމުގެ ހާލަތު އޮތް ގޮތުން މަގުމަތީގެ ހަރަކާތްތައް ފަށަން ޖެހިފައިވާ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް އެންމެން ގުޅިގެން ކުރަންޖެހޭ ކަމަށެވެ. މި މަސައްކަތުގައި މުޅި އެމްޑީޕީ އެކުގައި އޮތްކަން އޭނާ ހާމަކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ގަޕޯ ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ސޯބެއަށް ވޯޓު ދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ