1447 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ އެންމެހާ ޙައްޖާޖީން ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ. މިއަހަރު ޙައްޖަށްދާ ދިވެހީންގެ ފަހު ފްލައިޓު މިއަދު ފުރާފައިވާއިރު، މި ފްލައިޓުގައި 250 އަށްވުރެ ގިނަ ޙައްޖުވެރިން ވަނީ ސައުދީއަށް ދަތުރުކޮށްފައެވެ.
ދިވެހިރާއްޖެއިން ޙައްޖަށްދިޔަ ފުރަތަމަ ފްލައިޓުގައި 238 މީހުން ފުރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ދެވަނަ ފްލައިޓުގައި 260 ޙައްޖުވެރިން މިމަހުގެ 17 ވަނަ ދުވަހު ފުރާފައިވާއިރު، ތިންވަނަ ފްލައިޓުގައި އިއްޔެ 250 ޙައްޖުވެރިން ވަނީ ފުރާފައެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއިން ޙައްޖަށް ދިއުމަށް ސައުދީ ސަރުކާރުން ރަސްމީކޮށް ދޫކުރަނީ 1,000 ޖާގައެވެ.
ސައުދީ އަރަބިއްޔާއަށް ދިޔަ އެންމެހާ ޙައްޖާޖީންނަށް އެޤައުމުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، ޖިއްދާ އެއާޕޯޓުގެ ޓާމިނަލުން ޙައްޖުވެރިންނަށް އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުއާއި ދިވެހި ޙައްޖު މިޝަންގެ އިސްވެރިންނެވެ. މީގެ އިތުރުން މައްކާ ރޫޓުގެ ފަރާތުންނާއި، މުޠައްވިފް ރަވާފް މިނާ އަދި ޙައްޖުވެރިން ތިބޭ ހޮޓެލުގެ ފަރާތުން ވެސް ވަނީ ފުރިހަމަ މަރުޙަބާއެއް ދަންނަވާފައެވެ.
ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ސައުދީ ސަރުކާރުގެ ”މައްކާ ރޫޓު އިނިޝިއޭޓިވް“ ގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ސައުދީގެ 18 ބޭފުޅުންގެ ވަފުދެއް މިމަހު ރާއްޖެ ވަޑައިގެންފައިވެއެވެ. މިއީ ޙައްޖުވެރިންނަށް އިމިގްރޭޝަންގެ ކަންކަމާއި އެހެނިހެން އިންތިޒާމުތައް ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މިއަހަރު ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ނުވަތަ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަރަފާތު ދުވަހަކީ މި މަހުގެ 26 ވާ އަންގާރަ ދުވަހެވެ. އަދި މިއަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 27 ވާ ބުދަ ދުވަހެވެ.
ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ ފަހު ފްލައިޓް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ