ހޮހޮޅައިން 2 ހަށިގަނޑު ނަގައިފި؛ ބާކީ 2 ހަށިގަނޑު މާދަމާ ނަގަނީ

ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ އިޓަލީގެ ހަތަރު ޑައިވަރުން ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި މި ހާދިސާގައި އެ ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް، އިޓަލީގެ ފަސް ޑައިވަރަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ހަމަ އެ ދުވަހު ހޯދައި ނެގި އެވެ.
ބާކީ ތިބި މީހުން ތިބި ތަން ހޯދުނީ އިއްޔެ އެވެ. މިހާރު ކުރިއަށް ދަނީ އެ ހަތަރު ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތެެވެ.
ތަފްސީލު - ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ:
ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ވަނީ ނަގާފައި؛ އޭގެ ތެރޭގައި ހިމެެނެނީ އަންހެނަކާއި ފިރިހެނެއް
ހޮހަޅަ ތެރެއިން އެ ދެ މީހުންގެ ހަށިގަނޑު ނެގީ، މި އޮޕަރޭޝަންގައި އުޅޭ ބޭރުގެ ތަޖުރިބާކާރު ޓީމުން؛ 30 މީޓަރުން ފެށިގެން އެމްއެންޑީއެފްގެ ޑައިވަރުން ހަވާލުވި އަދި 7 މީޓަރުން ފެށިގެން ފުލުހުންގެ ޑައިވަރުން އެ ދެ ހަށިގަނޑު ނަގައިގެން ލޯންޗަށްލި
"އިންތިޒާމް ކުރި ގޮތަށް މި އޮޕަރޭޝަން ކުރިއަށް މިދަނީ. ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މާދަމާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ދަނީ އެ ދެ ހަށިގަނޑަކީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތެވެ.
"މިއަދު ނެގި ދެ ހަށިގަނޑުގެ ތެރެއިން އެކަކީ ފިރިހެނެއް. އަނެކަކީ އަންހެނެއް. އެވަރަށް މިހާރު ވަނީ ޔަގީން ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
ގެއްލިގެން ހޯދަމުންދިޔަ ހަތަރު ޑައިވަރުންގެ ތެރޭގައި ހިމެނެނީ އެއް ފިރިހެނަކާއި ތިން އަންހެނުންނެވެ.
މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް
ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް
މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު
ފާހަގަކުރެވޭ - މި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ވަނީ އެމްއެންޑީފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ