ފަތުރުވެރިން އަންނަ ރޭޓު ދަށްވުން ހިފެހެއްޓިއްޖެ ކަމަށާއި، މިހާރު ކުރާ މަސައްކަތްތަކާމެދު ހިތްހަމަޖެހޭކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހަނގުރާމާއިގެ ހާލަތާއި ގުޅޭ ގޮތުން އުފައްދަވާފައިވާ ވަޒީރުންގެ ކޮމިޓީގެ ޕްރެސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ކާމިޔާބު އަހަރެއްގެ ގޮތުގައި ރާއްޖެއިން ރެކޯޑުކުރީ ނިމިދިޔަ 2025 ވަނަ އަހަރު ކަމަށެވެ. ނަމަވެސް އެ އަހަރުގެ މާޗު މަހާ އަޅާކިޔާއިރު މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ފަތުރުވެރިން އައި ނިސްބަތުން 22.5 އިންސައްތައިގެ ދަށްވުމެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ދަށްވުން އައި ނަމަވެސް، މިނިސްޓްރީން ދަނީ މާކެޓުތައް ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މެދުއިރުމައްޗާއި ޔޫރަޕްގެ މިހާރު ހުރި މާކެޓުތަކުގެ އިތުރުން އައު މާކެޓުތައް ހޯދައި، ފަތުރުވެރިން އަންނަ ރޭޓު ހިފެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިންގިލާބީ ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އޮސްޓްރޭލިއާއާއެކު ފެށުނު ސީދާ (ޑައިރެކްޓް) ދަތުރުތަކެވެ. މީގެ އިތުރުން، އޭޝިއާ ބައްރުގެ އެކި ސިޓީތަކުން ސިންގަޕޫރު ނުވަތަ މެލޭޝިއާ މެދުވެރިކޮށް ރާއްޖެއަށް ދަތުރުތައް ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ހާމަކުރެއްވިއެވެ.
ދުނިޔޭގެ މަސްރަހަށް އައި ބަދަލުތަކާއި ހަނގުރާމައިގެ ސަބަބުން ގަލްފު ސަރަހައްދުން ރާއްޖެއަށް ކުރާ ދަތުރުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ”ކުރިން 99 އެއްހާ ފްލައިޓް ކެންސަލްވަމުން ދިޔަ ނަމަވެސް، ސަރުކާރުގެ ބުރަ މަސައްކަތުން މިހާރު އެ އަދަދު 70 އަށް ތިރިކުރެވިފައިވޭ،“ މިނިސްޓަރު ވިދާޅުވިއެވެ. މިއީ ފްލައިޓްތައް ހިފެހެއްޓުމުގައި ލިބުނު 22 އިންސައްތައިގެ ކުރިއެރުމެކެވެ.
ޑެސްޓިނޭޝަން މާކެޓިންގް ވަރުގަދަކުރުމަށްޓަކައި ވިސިޓް މޯލްޑިވްސް (އެމްއެމްޕީއާރްސީ) އާއި އެއާލައިން އިންޑަސްޓްރީތައް ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ފަތުރުވެރިން އަންނަ އަދަދު ދަށްވަމުންދިޔަ ދިޔުން މިހާރު ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމަށް މިހާރު ދިމާވެފައިވާ ދަތިތަކަކީ މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ދިމާވެފައިވާ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުގެ އަމާޒަކީ މިފަދަ ހުރިހާ ގޮންޖެހުންތަކަކަށް ލަސްނުކޮށް އަވަސް އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައި، ރާއްޖޭގެ ފަތުރުވެރިކަން ކުރީގެ ހަލުވި މިނަށް ރުޖޫޢަކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަތުރުވެރިން އަންނަ ރޭޓު ދަށްވުން ހިފެހެއްޓިއްޖެ، މިހާރު ކުރާ މަސައްކަތްތަކާމެދު ހިތްހަމަޖެހޭ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ