ސްރީލަންކާގެ ޓެރަރިޒަމް މަނާކުރާ ގާނޫނު (ޕީޓީއޭ) ގެ ދަށުން ހައްޔަރުކުރި އުމުރުން 24 އަހަރުގެ ތަމަޅަ ހިޕް-ހޮޕް އާޓިސްޓް، ސަންގީތުސަން ގަނޭޝްކުމާރު (ހިޕް-ހޮޕް ސަންގީ) މިނިވަންކޮށްފި އެވެ.
މި ފަންނާނު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ، އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯތަކެއްގައި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އަށް ތާއީދުކުރާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ.
އޭނާ ހައްޔަރުކުރީ ޖަފްނާ ޑިވިޝަނަލް ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯއިން ހިންގި ތަހުގީގަކަށް ފަހުގަ އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ މިއުޒިކް ޝޯއެއްގެ ވީޑިއޯތައް އެޑިޓްކޮށް، އެލްޓީޓީއީއަށް ތާއީދު ލިބޭ ފަދަ ގޮތަކަށް ސޯޝަލް މީޑިއާއަށް އަޕްލޯޑްކޮށްފަ އެވެ.
މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން، 1978 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން، ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި އެވެ.
ނަމަވެސް އިއްޔެ ވަނީ އޭނާ ދޫކޮށްލާފަ އެވެ. އެސްއެލްޕީޕީގެ މަޖިލިސް މެންބަރު ނާމަލް ރާޖަޕަކްސަ ވަނީ އޭނާ ދޫކޮށްލުމުން މަރުހަބާ ވިދާޅުވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާމަލް ރާޖަޕަކްސަ ވިދާޅުވީ، އެ ފަންނާނު މިނިވަންކުރުމަށް ނިންމި ނިންމުމުގެ ފަހަތުގައިވާ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ.
އެންމެ މުހިންމު ކަމަކީ ޒުވާން ފަންނާނު ސަންގީތުސަން މިނިވަންވެ، އޭނާގެ އާއިލާއާ ކައިރިއަށް އެނބުރި ދެވުން ކަމަށް ވެސް ނަމާލް ވިދާޅުވި އެވެ.
ހިޕްހޮޕް ސަންގީ ބަންދުކުރުމާ ގުޅިގެން ލަންކާގައި މުޒާހަރާތައް ބޭއްވި އެވެ. ތަމަޅަ މަދަނީ ޖަމިއްޔާތަކާއި ތަމަޅަ އަދި ސިންހަޅަ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
އެ ފަރާތްތަކުން ބުނާ ގޮތުގައި ސަގާފީ އަދި ފަންނީ ކަންކަމާ ދެކޮޅަށް ޓެރަރިޒަމް މަނާކުރާ ގާނޫނު ބޭނުންކުރުމަކީ ތަމަޅަ ސަރަހައްދުތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ލަންކާގެ ރެޕް އާޓިސްޓް މިނިވަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ