ދިލްޖީތު ސިޔާސީ ދާއިރާއާ ގުޅެން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޯސާންޖް ހުރީ އޭނާ މިހާރު މަސައްކަތްކުރާ ދާއިރާއާ މެދު ވަރަށް ހިތްހަމަޖެހިގެން ކަމަށާއި، ސިޔާސީ ދާއިރާއަށް ވަނުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފިއެވެ. ދިލްޖީތަކީ އަބަދުވެސް އޭނާގެ އުފަން ސްޓޭޓް ކަމަށްވާ ޕަންޖާބުގެ ހައްގުގައި އަޑުއުފުލައި، އެތަނަށް ދިމާވާ އެކި މައްސަލަތަކުގައި ބަސްބުނާ ފަރާތެކެވެ. އެގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދަނޑުވެރިން ކުރި މުޒާހަރާތަކާއި، މިދިޔަ އަހަރު ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކުގައި ވެސް އޭނާ ވަނީ އާންމުންގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް މަސައްކަތް ކޮށްފައެވެ. ދާދި ފަހުން 'ޕަންޖާބީ ޓްރިބިއުން'އިން ޝާއިއުކުރި ލިޔުމެއްގައި، ދިލްޖީތަކީ ޕަންޖާބުގެ ސިޔާސީ އާ މޫނަށް ވެދާނެތޯ ސުވާލު އުފައްދާފައިވެއެވެ. މިކަމާ ގުޅިގެން އެކްސް މެދުވެރިކޮށް ދިލްޖީތު ވަނީ ވަރަށް ސާފު ޖަވާބެއް ދީފައެވެ. "ދުވަހަކުވެސް ނުގުޅޭނަން. އަހަރެންގެ މަސައްކަތަކީ މީހުން މުނިފޫހިފިލުވައިދިނުން. އަހަރެން ހުރީ އަހަރެންގެ ދާއިރާއާ މެދު ވަރަށް އުފަލުން. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ދިލްޖީތު އެކްސްގައި ލިޔެފައިވެއެވެ. މި ވާހަކަތައް އައިސްފައި ވަނީ ކެނެޑާގެ ކެލްގަރީގައި ބޭއްވި ކޮންސެޓެއްގެ ތެރެއިން ހިނގި ހާދިސާއަކާ ގުޅިގެން މީޑިއާގެ ސަމާލުކަން އޭނާއަށް ވަރަށް ބޮޑަށް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. ދިލްޖީތު ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮންއާ އެކު -- ފޮޓޯ/ އެންޑީޓީވީ އެ ކޮންސެޓްގެ ތެރެއިން 'ޚާލިސްތާން' ދިދަ ހިފައިގެން ތިބި ބަޔަކު ފެނުމުން ދިލްޖީތު ވަނީ ޝޯ މެދުކަނޑާލައި އެމީހުންނާ މުޚާތަބުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެމީހުން ބޭނުން ވަރަކަށް ދިދަ ހޫރިދާނެ ކަމަށާއި، ނަމަވެސް އޭނާ ދާ ކޮންމެ ތަނެއްގައި ވެސް ޕަންޖާބަށް ފަޚުރުވެރިކަން ހޯދައިދޭނެ ކަމަށެވެ. ކޮންސެޓްގެ ތެރޭގައި ދިލްޖީތު ވަނީ އިންޑިއާގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ވަކިވެގަންނަން އުޅޭ ގުރޫޕުތަކުގެ ފަރާތުން އޭނާއަށް އަންނަ ފާޑުކިޔުންތަކާ ބެހޭގޮތުން ވެސް ވާހަކަދައްކާފައެވެ. "އަހަރެން އިންޑިއާއަށް ދިޔުމުން ބުނަނީ މިއީ ޚާލިސްތާނީއެއް ކަމަށް. މިކޮޅަށް، ބޭރު ގައުމުތަކަށް އައުމުން ބުނަނީ އެހެން އެއްޗެއް. ދެ ފަރާތުން ވެސް އަހަންނަށް އެއްޗެހި ކިޔާ. އަހަރެން ދާންވީ ކޮން ދިމާލަކަށް ކަމެއް ނޭނގޭ. އަހަންނަށް އެނގޭ ހަމައެކަނި މަގަކީ މިއީ،" ދިލްޖީތު ބުނެފައިވެއެވެ. ދިލްޖީތު އިތުރަށްބުނި ގޮތުގައި ގައުމީ މީޑިއާތަކުން ޕަންޖާބުގެ ވާހަކަ ނުދައްކާ ކަމަށް އަބަދުވެސް ޝަކުވާ ކުރާއިރު، އޭނާ ކޭބީސީ ފަދަ ޕްލެޓްފޯމްތަކަށް ދިޔައީ ޕަންޖާބުގެ މައްސަލަތައް އެންމެންނަށް އިއްވުމުގެ ބޭނުމުގައެވެ. އަދި އޭނާގެ އަމިއްލަ ސްޓޭޓަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ދިލްޖީތު ވަނީ ބުނެފައެވެ. ދިލްޖީތު މިހާރު ހުރި މަގާމުގެ ސަބަބުން އޭނާއަށް ވަނީ އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ވަކިވެގަންނަން މަސައްކަތްކުރާ ޖަމާއަތްތަކުން އޭނާއަށް ފާޑުކިޔާއިރު، އިންޑިއާގެ ކަނާތު ފިޔަހުގެ ބައެއް ގުރޫޕުތަކުން ތުހުމަތުކުރަނީ އޭނާއަކީ އެފަދަ ޖަމާއަތްތަކަށް ތާއީދުކުރާ މީހެއް ކަމަށެވެ. މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ދިލްޖީތު ދެން އެންމެ އަވަހަށް ފެންނާނީ އިމްތިއާޒް އަލީގެ ފިލްމު "މޭން ވާޕަސް އާއުންގާ" އިންނެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ