ގިސާސް ހިފުމުގައި ދެ ފިރިހެނުންގެ ހެކިބަސް ލާޒިމް ނޫންކަމަށް ކޯޓުން ނިންމައިފި

މަރުގެ އަދަބު ނުވަތަ ގިސާސް ހިފޭ ފަދަ ކުށްތައް ސާބިތުކުރުމަށް ދެ ފިރިހެނުންގެ ހެކިބަސް އޮތުން ލާޒިމް ނޫން ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. ކޯޓުން މިގޮތަށް ނިންމާފައިވަނީ ހެއްކާބެހޭ ގާނޫނުގެ 140 ވަނަ މާއްދާގެ (ނ) މާނަކުރުމަށްފަހުގައެވެ.
ހެއްކާބެހޭ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ ޒިނޭ ފިޔަވައި އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ އެހެން ކުށެއް ނުވަތަ ގިސާސް ދެވޭ ކުށެއް ސާބިތުކުރެވޭނީ ދެ ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފުން ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ކުރި ހުކުމެއްގައި ބަޔާންކޮށްފައިވަނީ، ދެ ފިރިހެނުންގެ ހެކިބަސް ނެތް ނަމަވެސް، އެހެނިހެން ހެކިތަކުގެ އަލީގައި މަރުގެ އަދަބު ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މި ނިންމުން އައިސްފައިވަނީ 2012 ވަނަ އަހަރު ކ. ކާށިދޫގައި ފުލުހަކު މަރާލި މައްސަލާގައި ކުށް ސާބިތުވި މުހައްމަދު ސަމާހުގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާ ގުޅޭގޮތުންނެވެ. މި މައްސަލާގައި ދެ ފިރިހެނުންގެ ހެކިބަސް ނެތުމުން މަރުގެ އަދަބު ނުދެވޭނެ ކަމަށް ބުނެ ސުވާލު އުފެދުނު ނަމަވެސް، ދައުލަތުން ވަނީ އެ މާއްދާއަކީ އިސްލާމީ ޝަރީއަތާ ހިލާފު މާއްދާއެއް ކަމަށް ކޯޓުގައި ބުނެފައެވެ.
ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި:
މަރުގެ މައްސަލަތަކުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވެއެވެ.
ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ ދަށުން، އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ރާއްޖޭގައި ނެހެދޭނެއެވެ.
އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާނަމަ، ހަމައެކަނި ދެ ފިރިހެނުންގެ ހެކިބަސް ނެތުމަކީ ގިސާސް ނުހިފޭނެ ސަބަބެއް ނޫނެވެ.
ކޯޓުން އިތުރަށް ބުނެފައިވަނީ، އިސްލާމީ ޝަރީއަތުގެ ދަށުން މަރުގެ އަދަބު ދިނުމާ ބެހޭ ޝަރުއީ އުސޫލެއް ދޫކޮށްލުމަކީ ގާނޫނެއްގެ މަގްސަދު ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ހެއްކާބެހޭ ގާނޫނުގެ އެ މާއްދާގެ ސަބަބުން ޝަރުއީ ހަމަތަކުން ކުށް ސާބިތުކޮށް އަދަބު ދިނުމަށް ހުރަހެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމާ އެކު، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވި ސަމާހުގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހަފުތާގައި ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ