ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަނީ

ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ނ. ހެނބަދޫ، ނޫރާނީމާގެ އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވަން ހުށަހެޅުއްވި ހުށަހެޅުއްވުމާމެދު އެ ކޮމިޝަނުން މަޝްވަރާ ކުރުމަށްފަހުއެވެ.
އެހެންކަމުން ހޯމަ ދުވަހުން ފެށިގެން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެވެންދެން ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ވަގުތީ ގޮތުން ހަވާލުކުރަން ޖޭއެސްސީން ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރުމުންނެވެ.
އެހެންވެ، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޤާމަށް ހޮވިވަޑައިގަތީ ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ.
ފަނޑިޔާރު ހަމީދަކީ 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުކަމުން 2022 ވަނަ އަހަރު އޭނާ ވަކިކުރެއްވީ 2015 ވަނަ އަހަރު ސަރުކާރުން ފަނޑިޔާރުންނަށް ފްލެޓްތަކެއް ދޭން ނިންމުމުން އޭގެ ތެރެއިން ފްލެޓަކާ އޭނާ ހަވާލުވި ކަމަށް ބުނާ މައްސަލައެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ