އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކަރަންޓު ދިނުމުން އަނެއްކާވެސް ކަނޑާލައިފި

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުންގެ އެހީތެރިކަމާއެކު ކަރަންޓު ދިނުމުން އަނެއްކާވެސް ކަރަންޓު ކަނޑާލައިފިއެވެ.
ފާއިތުވި ދެ މަހާއި 17 ދުވަހު ކިރުވި މަހަށް ލިބެންވާ ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން ހުކުރު ދުވަހުން ފެށިގެން ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
މިފްކޯއިން ބުނެފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް، ފުލުހުން މެދުވެރިވެގެން ކަރަންޓުދިނުމަށް މިފްކޯއިން މިއަދު ހަވީރު މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ހަރަކާތްތެރިވަމުންދިޔައިރު، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ފުލުހުން ބާރުގެބޭނުން ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ފުލުހުން މެދުވެރިވެގެން ކަރަންޓު ދިންފަހުން، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ކަރަންޓު އަލުން ކަނޑާލާފައިވާ ކަމަށާއި އެހެންކަމުން އަލުން ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
މިފްކޯއިން މިއަދު ބުނެފައިވަނީ މަސްވެރިންނަށް ދޭން ޖެހިފައި އޮތީ މެއި 9 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ދޭންޖެހޭ 52.6 މިލިއަން ރުފިޔާ ކަމަށެވެ.
އައްޑޫ މަސްވެރިން ބުނަމުން އަންނަނީ އެ މީހުންނަށް ލިބެން ފައިސާ ނުދެނީސް މުޒާހަރާ ހުއްޓައި ނުލާނެ ކަމަށެވެ. މި މުޒާރަހާގެ ތެރޭގައި މަސްވެރިން ވަނީ ފިޝަރީޒް ކޮމްޕްލެކްގެ އޮޕަރޭޝަން ވެސް ހުއްޓުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ