ޕީޖީއަށް ހަމަލާދިން މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ގާސިމް ގޮވާލައްވައިފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ކަމަށެވެ. އޭނާއަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މި ހަމަލާއާ ގުޅިގެން ޕީޖީ ޝަމީމް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެއްވުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލައިފައެވެ. ހަމަލާގައި އަނިޔާވެފައި ވަނީ އޭނާގެ އަތަށެވެ.
ޕީޖީއަށް ދިން ހަަމަލާ ކުށްވެރިކުރައްވައި، ގާސިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.
"ގާނޫނުގައި ވާ އަދަބު ދިނުމަކީ މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ޕީޖީއަށް ދިން ހަމަލާ ކުށްވެރިކުރައްވައިފައެވެ.
ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން މިހާރު ވަނީ ޕީޖީ ޝަމީމްގެ ސެކިއުރީޓީ ވަރުގަދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ