ދިވެހިރާއްޖެ ބަނގުރޫޓުނުވުމަކީ ރައީސް މުހައްމަދު މުއިއްޒު އާއި ދިވެހިރައްޔިތުންނަށް ލިބެމުންދާ ކާމިޔާބެއް ކަމަށް އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ގައުމު ބަނގުރޫޓުނުވުމަކީ ކާމިޔާބެއް ކަމަށާއި ބަނގުރޫޓުނުވެ ހިފެހެއްޓެނީ މުއިއްޒުގެ "ފުރިހަމަ ވިސްނުންފުޅު" ގެ ސަބަބުން ކަމަށެވެ.
"މި ސަރުކާރަށް އަމާޒުކޮށް އެންމެ ބޮޑަށް ދެއްކި ވާހަކަ އެއީ އިދިކޮޅު ފަރާތްތަކުން، މިހާރު ވެސް ދައްކާ ވާހަކައެއް، މާދަމާ ރާއްޖެ ބަނގުރޫޓުވާނެ ވާހަކަ، އަނެއް ދުވަހުން ބަނގުރޫޓުވާނެ ވާހަކަ، އަނެއް ދުވަހު ފައިސާ ހުސްވާނެ ވާހަކަ. އެކަމަކު އިރާދަކުރެއްވިއްޔާ ނުވެއެއްނޫންތޯ އެހެނެއް [ބަނގުރޫޓެއް]. ދެން އެއީ ދިވެހި ރައްޔިތުންގެ ކާމިޔާބު. މިއަދުގެ ރައީސްގެ ފުރިހަމަ ވިސްނުންފުޅާއި ކެތްތެރިކަމާއެކު ކުރައްވާ މަސައްކަތުގެ ނަތީޖާ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ސައީދު ވިދާޅުވީ މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން އެއްވެސް އެއްޗެއް ހުސްވިޔަ ނުދިނުން ކަމަށެވެ.
"ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް ސަރުކާރުން ކަށަވަރުކަން ހޯދަން މި ބޭނުންވަނީ ތަކެތި، އެއްވެސް ބާވަތެއްގެ އެއްޗެއް ރާއްޖެއިން ހުސްވިޔަނުދީ ހުންނާނެކަން ޔަގީންކޮށްދިނުން،" ސައީދު ވިދާޅުވި އެވެ.
އެހެންނަމަވެސް މި ދަނޑިވަޅުގައި ތަކެތީގެ އަގު ބޮޑުވުން އެކަށީގެންވާ ކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވި އެވެ.
"އެއްވެސް އިރެއްގައި އަޅުގަނޑުމެން ބޭނުންވާނެ ކަމެއް ނޫން ތަކެތީގެ އަގު ބޮޑުވެގެންދިޔުމަކީ، އެއްވެސް އިރެއްގައި. އެހެންނަމަވެސް ހުރެދާނެ އަތް ނުޖެހޭ، ކޮންޓްރޯލް ނުވާނެ ކަންތައްތަކެއް ދުނިޔެއާ ގުޅިފައި ހުރި،" އޭނާ ވިދާޅުވި އެވެ.
ހަނގުރާމައިގައި ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ރާއްޖެއިން މުދާ ތާށިވެ ވަރަށް ގިނަ ތަކެތީގެ އަގު ވަނީ އުފުލިފަ އެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ މުދަލާއި ތެލާއި ކާބޯތަކެއްޗާއި ދަތުރުފަތުރާއި ނާލު ވެސް ހިމެނެ އެވެ. ދަތުރުފަތުރާއި ނާލުން އަގުބޮޑުވީ ސަރުކާރުން ތެލުގެ އަގު ބޮޑުވުމުންނެވެ.
އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. މި ހިނގާ މާޗް މަހު ދެ ފަހަރަށް އަގު އުފުލުމުން ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީި 100 ޕަސެންޓު އުފުލިފަ އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 103 ޕަސެންޓު އުފުލިފަ އެވެ.
މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50 ރުފިޔާއަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32 ރުފިޔާއަށެވެ. ކުރިން ވިއްކީ 13.92 ރުފިޔާއަށެވެ. އެއީ 103 ޕަސެންޓުގެ ކުރިއެރުމެކެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލެމުންދާއިރު، ހަނގުރާމައިގެ މާ ބޮޑު އަސަރެއް ދިވެހިންނަށް ނުކުރާނެ ފަދަ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު ވަނީ ވާހަކަ ދައްކަވައިފަ އެވެ. ހަނގުރާމަ ފެށުނު ފަހުން މާޗް 2، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ އިގްތިސާދު އޮތީ ދުޅަހެޔޮކޮށް ކަމަށާއި އެމަނިކުފާނުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"ދެން، ވަރަށް ހެލްތީކޮށް އަޅުގަނޑުމެންގެ އިގްތިސާދު އޮތީ މި ވަގުތު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކަންބޮޑުވުމެއް ނެތް އަދި. އެހެންނަމަވެސް، އަޅުގަނޑުމެން ވާސްޓް ކޭސްއަށް ވެސް ތައްޔާރުވަމުން މިދަނީ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.
ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެ ބަނގުރޫޓުނުވުމަކީ ބޮޑު ކާމިޔާބީއެއް ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެ ބަނގުރޫޓުނުވުމަކީ ބޮޑު ކާމިޔާބީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ