ސްޓޫޑެންޓް ލޯނުގައި ކިޔަވަނީ 1،740 ދަރިވަރުން، މިދިޔަ އަހަރު ދޫކުރީ 548 މިލިއަން ރުފިޔާ ސްޓޫޑެންޓް ލޯނުގައި ކިޔަވަނީ 1،740 ދަރިވަރުން، މިދިޔަ އަހަރު ދޫކުރީ 548 މިލިއަން ރުފިޔާ

ސްޓޫޑެންޓް ލޯނުގައި މި ވަގުތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި 1،740 ދަރިވަރުން ކިޔަވަމުންދާއިރު، މިދިޔަ އަހަރު 548.16 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ސްޓޫޑެންޓް ލޯނުގައި ކިޔަވަމުންދާ 1،740 ދަރިވަރުންގެ ތެރެއިން 1،072 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. ބާކީ 668 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.
މިދިޔަ އަހަރު ސްޓޫޑެންޓް ލޯނުގައި 596 ދަރިވަރުން ރަޖިސްޓްރީވެފައިވާއިރު، 660 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. އޭގެއިތުރުން މިހާތަނަށް ސްޓޫޑެންޓް ލޯނަށް 1،438 ދަރިވަރުން ރަޖިސްޓްރީވެފައިވާއިރު، 1،211 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
ސްޓޫޑެންޓް ލޯނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ލޯނަށް އެންމެ ގިނައިން ރަޖިސްޓްރީވަނީ އަންހެން ދަރިވަރުންނެވެ. ނަމަވެސް ދަސްވެނިވާ ނިސްބަތަށް ބަލާއިރު އެންމެ ގިނައިން ދަސްވެނިވެފައިވަނީ ފިރިހެން ދަރިވަރުންކަން ފާހަގަކުރެވެ އެވެ.
ސްޓޫޑެންޓް ލޯނަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް ޖުމްލަ ދޫކޮށްފައިވަނީ 1.24 ބިލިއަން ރުފިޔާ އެވެ.
ސްކޮލާޝިޕްތަކަށް ބަލާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި މިވަގުތު 602 ދަރިވަރުން ދަނީ ތައުލީމް ހާސިލުކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 388 އަންހެން ދަރިވަރުންނާއި 214 ފިރިހެން ދަރިވަރުންނެވެ.
މިދިޔަ އަހަރު ސްކޮލާޝިޕްތަކުގައި 205 ދަރިވަރުން ރަޖިސްޓްރީވިއިރު، 180 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. އޭގެއިތުރުން ސްކޮލާޝިޕްތަކުގައި ޖުމްލަ 411 ދަރިވަރުން ރަޖިސްޓްރީވިއިރު، 441 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި ސްކޮލާޝިޕްތަކަށް އެންމެ ގިނައިން ރަޖިސްޓްރީ ކުރަނީ ވެސް އަދި ދަސްވެނިވެފައި ވަނީވެސް އަންހެން ދަރިވަރުންނެވެ.
ސްކޮލާޝިޕްތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 471.08 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިދިޔަ އަހަރު ސްކޮލާޝިޕްތަކަށް ދޫކުރީ 222.17 މިލިއަން ރުފިޔާ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް ހިލޭ ޑިގްރީގެ ދަށުން ދަސްވެނިވި 6،640 ދަރިވަރުންގެ ތެރެއިން 4،370 ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމަށެވެ. ބާކީ 2،270 ދަރިވަރުންނަކީ ފިރިހެން ދަރިވަރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ހިލޭ ޑިގްރީއަށް މިދިޔަ އަހަރު އެކަނިވެސް ވަނީ 151.30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޭގެއިތުރުން ޖުމްލަ 301.66 މިލިއަން ރުފިޔާ ހިލޭ ޑިގްރީއަށް ދޫކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ