ލަންކާ ހައި ކޮމިޝަނަރުގެ 'ޑިޕްލޮމެސީ'އާ ބީރައްޓެހި އަމަލުތަކަށް މިނިސްޓްރީގެ ބަހެއް ނެތް!
މީގެ ކުރިން ދިވެހި އެއްވެސް ސަފީރަކު ކަންކުރައްވާފައިނުވާ ފަދަ 'ޑިޕްލޮމެސީ'އާ ބީރައްޓެހި މޭރުމަކުން ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރު މަސްއޫދު އިމާދު އަމަލުކުރެއްވުމާ ގުޅިގެން ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދައިފިއެވެ. ދިގު މުއްދަތަކަށް ލަންކާއަށްދާ ދިވެހީންނަށް ވިސާ ލިބުން ދަތިބެ، ހައި ކޮމިޝަނަރު ވަނީ އެ ގައުމުގެ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވާފައެވެ. އެ އިންޓަވިއުގައި އޭނާ ވަނީ 'ދޮންމަންމަ'އަކު ކަންކުރާ މޭރުމުން ދިވެހީންނާ މެދު ކަން ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި، 'ދޮން މީހުންނާ'އި ދިވެހީންނާ ތަފާތުކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފައެވެ. ލަންކާގެ އިމިގްރޭޝަންސް އޮފިސަރުން ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު ވެސް އޭނާ އަމާޒުކުރައްވާފައިވެއެވެ. އެ ވާހަކަތަކާ އެކު ޚާރިޖީ ދާއިރާގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެއީ ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅަކު، ޚާއްސަކޮށް އަވައްޓެރި ގައުމަކަށް އައްޔަންކުރައްވާފައިވާ ހައި ކޮމިޝަނަރަކު ވާހަކަދައްކަވައިގެން ވާނެ ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ. https://sun.mv/216434 މަސްއޫދު އިމާދު އަމަލުކުރެއްވީ 'ޑިޕްލޮމެސީ'އާ ބީރައްޓެހި މޭރުމަކުން ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވެސް ވިދާޅުވެފައިވެއެވެ. އެކަމަކު، އެ ފާޑުކިޔުންތައް އަމާޒުވެފައި އޮއްވާ މަސްއޫދު ހުކުރު ދުވަހު ވަނީ ލަންކާގެ އިދިކޮޅުގައި ހަރަކާތްތެރިވާ، އެ ގައުމުގެ ކުރީގެ ވަޒީރު ނަމާލް ރާޖަޕަކްސާއާ ބައްދަލުކުރައްވާފައެވެ. ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީއަކީ އެ ގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރާ އިދިކޮޅު ފިކުރުގެ ޕާޓީއެކެވެ. އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާއާ މަސްއޫދު ބައްދަލުކުރެއްވިކަން ހާމަވީ ނަމަލް އެ ބައްދަލުވުމުގެ މައުލޫމާތު ހުކުރު ދުވަހު އެކްސްގައި އާންމު ކުރެއްވުމުންނެވެ. "ސަން"އާ ވާހަކަދެއްކެވި ޚާރިޖީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަސްވީ ޑިޕްލޮމެޓަކު ވިދާޅުވީ، ގައުމެއްގައި ހުންނަވާ ސަފީރު، އެ ގައުމެއްގެ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނާ އެކު އެފަދައިން ރަސްމީކޮށް ބައްދަލުކުރައްވައި ހެދުމަކީ ކުރާ ކަންކަން ނޫން ކަމަށެވެ. https://sun.mv/216495 ހައި ކޮމިޝަނަރުގެ އެ އަމަލުތަކާ ގުޅިގެން ފޮރިން މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދަން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަސައްކަތްކުރި ނަމަވެސް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅައި، މެސެޖުކޮށް ހެދުމުން ވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންވެ، އެންމެ ގާތް އެއް އަވައްޓެރި ގައުމަށް އައްޔަންކުރައްވާފައިވާ ހުންނެވި ހައި ކޮމިޝަނަރުގެ އަމަލުތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން ވެސް ސާފެއް ނޫނެވެ. މިނިސްޓްރީން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ އަދި ޑިޕްލޮމެސީ ދާއިރާގެ ތަޖުރިބާކާރު ޑރ. ހާލާ ހަމީދު ވަނީ މަސްއޫދު އެ މައްސަލަތައް މީޑިއާއަށް ގެންނަވާފައިވާ ގޮތާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސަފީރުންގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ސަފީރުކަން ކުރައްވާ ގައުމަށް އިހުތިރާމުކޮށް، ޑިޕްލޮމަސީގެ އުސޫލުތައް ހިފެހެއްޓުން ކަމަށެވެ. މި މައްސަލަ ހައްލު ނުވާނަމަ، ރާއްޖެއިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު ވެސް މުރާޖާކުރަން ޖެހިދާނެކަމުގެ އިންޒާރު ހައި ކޮމިޝަނަރު ވަނީ ދެއްވާފައެވެ. އޭނާ ވަނީ ސިއްހީ އަދި ތައުލީމީ ކަންކަމުގައި ރާއްޖެއިން ލަންކާއަށް ދަތުރުކުރާ މީހުންގެ އަދަދު 8،000 އިން މިހާރު 1،500 އަށް މަދުވެފައިވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭ ޚާރިޖީ ގޮތުން ބޮޑެތި ގޯސްތަކެއް ހަަދާފައިވާއިރު، އެ ކަމުގެ ކަންބޮޑުބުން މި ދާއިރާގެ ބޭފުޅުން އަންނަނީ ފާޅުކުރައްވަމުންނެވެ. https://sun.mv/216476 އެ ގޮތުން، މީގެ ކުރިން ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ތިއްބެވި ތިން ބޭފުޅަކު ސޯޝަލް މީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުން ދުވަހަކު ގުޅުން ގޯސްނުވާ މިންވަރަށް އިންޑިއާއާ އެކު ގުޅުން ގޯސްވިއެވެ. އެ ގައުމުގެ ބައެއް ނުފޫޒުގަދަ ބޭފުޅުން ރާއްޖެ ބޮއިކޮޓުކުރަން ވެސް ގޮވާލިއެވެ. އެ ކަންތައްގަނޑުގެ ތެރޭގައި ތިން ބޭފުޅުން މަގާމުން ވަކިކުރި ނަމަވެސް އޭގެ ތެރެއިން ދެ ބޭފުޅުން ވަނީ ސަރުކާރު ކުންފުނިތަކަށް އައްޔަންކޮށްފައެވެ. ސަރުކާރުން ފަހުން ވަނީ އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން، މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައެއް ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދޭން މޯދީ ވަޑައިގެންނެވިއެވެ. އެއީ، ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް އެހެން ގައުމެއްގެ އިސްވެރިއަކު ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ. އިދިކޮޅުގައި އޮތްއިރު 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ކެމްޕޭނެއް ހިންގި ޕީއެންސީއަށް ޚާރިޖީ ދާއިރާގެ ގިނަ ބައެއްގެ ފާޑުކިޔުން އެ ކަމުގައި ވެސް އަމާޒުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ