ޝަމާޙް ވަކިކުރުން: ސްޓެލްކޯގެ ކޮރަޕްޝަނާއި ލީކުވި އޯޑިއޯގެ ކަންކަން ސާފުކޮށްދޭން ގޮވާލައިފި

ސަރުކާރުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯއަށް މި ސަރުކާރުން އައްޔަންކުރި ދެވަނަ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާޙް ރަޝީދު ވަކިކުރި މައްސަލައިގައި، އެ ކުންފުނީގެ ތެރޭ ހިންގި ކޮރަޕްޝަނާއި، ޝަމާޙް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯގެ މައްސަަލައިގައި ސަރުކާރުން ރައްޔިތުންނަށް ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް، އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ގޮވާލައްވައިފިއެވެ. މި ސަރުކާރުގެ ކުރީކޮޅު ސަރުކާރު މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް ޝަމާޙް އައްޔަންކުރިތާ ހަ މަސް ދުވަހުގެ ތެރޭ ދެ ފަހަރަށް ސަސްޕެންޑުކުރުމަށް ފަހު، މެއި 21، 2024ގައި އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ދެން އޭނާއަށް ދިނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމެވެ. އޭގެ ފަހުން މިދިޔަ ސެޕްޓެންބަރު މަހު މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އޭނާ އައްޔަންކުރީއެވެ. އެ މަގާމުން އޭނާ ވަކިކުރީ އިއްޔެއެވެ. https://sun.mv/216553 މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ޝަމާޙް ވަކިކުރިއިރު، އޭނާ ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމުގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އޭނާގެ މައްސަލައެއް ބަލަމުން އަންނަކަން މިއަދު ހާމަކޮށްފައެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަންކަމަށް އިޝާރާތްކުރައްވައި ޢަބްދުލްޣަފޫރު ވިދާޅުވީ، ސަރުކާރުން އެ ހުރިހާ ކަމަކަށް ޖަވާބު ދޭން ޖެހޭ ކަމަށެވެ. "މި އޯޑިއޯގަވެސް ވެރިފިކޭޝަން ހަދައި މިއީ ތެދެއްތޯ، ނުވަތަ ދޮގެއްތޯ ރައްޔިތުން ކުރިމަތީގަ ހާމަކުރެވެން ޖެހޭނެ،" ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. ހަމަ އެހެންމެ ޝަމާޙް ވަކިކުރި ސަބަބާއި ސްޓެލްކޯގެ ކޮރަޕްޝަން ހުރި މިންވަރު ރައްޔިތުންނަށް ހާމަކޮށްދޭން ޢަބްދުލްޣަފޫރު ގޮވާލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ސްޓެލްކޯގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވައްކަންކުރާ މައްސަލަތަކުގައި އެ ކުންފުނިތަކުން މީހުން ވަކިކޮށް، ރައްޔިތުންނަށް ސާފު މައުލޫމާތު ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެއެވެ. ސްޓެލްކޯގެ އެމްޑީ ކަމުން އިއްޔެ ވަކި ކުރެއްވި ޝަމާޙާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަލާމް ކުރައްވަނީ --- ފައިލް ފޮޓޯ: ރައީސް އޮފީސް ޝަމާޙް އިއްޔެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރިއިރު، ސޯޝަލް މީޑިއާގައި ޝަމާޙް ވާހަކަދައްކާ ކަމަށް ބުނާ އޯޑިއޯގައި، އޭނާ ކުންފުނީގެ އެތެރޭގައި 'ކުރަން އުޅުނު ކަންތައްތައް' އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒަށާއި އިތުރު އެހެން މީހަކަށް ކަމަށް ބުނެއެވެ. އެހެން އެކަން އޮއްވާ އަޒްހަދު ވެސް ވަނީ އިއްޔެ މަގާމުން ދުރުކޮށްފައެވެ. އެ މަގާމުން ދުރުކުރި ނަމަވެސް، އޭނާ ސްޓެލްކޯއަކުން ވަތްކެއް ނުކުރެއެވެ. އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ޝަމާޙް ރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށާއި، ދައުރުވަނީ ފޭކު އޯޑިއޯއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ