ސޫރަތުލް ފީލް: ފީލުބާގައިގެމީހުން ގެފުޅު މުގުރަން އައި ޙާދިޘާއަކީ ޙާދިޘާގެވާހަކަ!

ޢަލީ އިޙްޞާން ފިރާޤް
 
ފީލުބާގައިގެމީހުން ގެފުޅު މުގުރަން އައި ޙާދިޘާއަކީ ވަރަށް މަޝްހޫރު ޙާދިޘާއެކެވެ. މިވާހަކަ ސޫރަތުލް ފީލުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ ‎﴿١﴾‏ أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ ‎﴿٢﴾‏ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ‎﴿٣﴾‏ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ‎﴿٤﴾‏ فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ‎﴿٥﴾‏ 
މާނައީ: [އެތުގެ އެކުވެރިންނާމެދު (އެބަހީ: فيل ބާގައިމީހުންނާމެދު (ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟ އެކަލާނގެ އެއުރެންގެ މަކަރާއި حيلة، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟ އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ. ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ. ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ.]
އަލްޙާފިޡް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އައްޠަބަރީ ބަޔާން ކުރައްވާ ގޮތުގައި އެންމެ ފުރަތަމަ އެތެއް އޮޅުކޮށްގެން ގެންގުޅުނު މީހަކީ أَفْرِيدُونُ بْنُ أَثْفِيَان އެވެ. އެންމެ ފުރަތަމަ އަހުގައި ލަގަން ހަރުކުރި މީހަކީވެސް އެއީއެވެ. ނަމަވެސް އެންމެ ފުރަތަމަ އަސް އޮޅުކޮށް އޭގެ މައްޗަށް ސަވާރުވެ ދުއްވި މީހަކި طَهْمُورَثُ އެވެ. އޭނާއަކީ ދުނިޔޭގެ ތިންވަނަ ރަސްގެފާނުކަމުގައިވެސް ބުނެވެއެވެ. އަދި ބުނެވިފައިވެއެވެ. އެންމެ ފުރަތަމަ އަސް ދުއްވި ބޭކަލަކީ އިސްމާޢީލުގެފާނެވެ. ޢަރަބީންގެ ތެރެއިން އެންމެ ފުރަތަމަ އަސް ދުއްވި ބޭކަލަކީ އެކަލޭގެފާނުކަމުގައިވުމަކީވެސް އެކަށީގެންވާކަމެކެވެ. وَاللَّهُ تَعَالَى أَعْلَمُ! 
އިބްނު އިސްޙާޤު ބަޔާން ކުރައްވައެވެ. ޔަމަނުގެ صنعاء ގައި އަބުރަހަތު  القليس އޭ ކިޔުނު ކަނީސާއެއް ނުވަތަ ފައްޅިއެއް ބިނާކުރިއެވެ. އެއީ އެ ޒަމާނުގައި ދުނިޔޭގެ އެއްވެސް ތާކުން ފެނިފައިނުވާ ވަރުގެ ރަނގަޅު ފައްޅިއެކެވެ. މި ފައްޅި ބިނާކޮށް ނިންމައިފައި އަބުރަހަތު، ޙަބަޝާގެވެރި ނަޖާޝީއަށް ޚަބަރު ފޮނުވިއެވެ. [މީގެ ކުރިން އެއްވެސް ރަސްކަލަކު ބިނާކޮށްފައިނުވާ ވަރުގެ ފައްޅިއެއް ތިމަންނާ، ރަސްގެފާނަށްޓަކައި ބިނާކޮށްފީމެވެ. ޢަރަބީން އެތަނަށް ޙައްޖުކުރަން އަތުވެއްޖެއުމަށް ދާންދެން ތިމަންގެ ހިތަށް ފިނިކަމެއް ނުލިބޭނެއެވެ.] 
އަބުރަހަތު، ނަޖާޝީއަށް ފޮނުވި ސިޓީގެ ވާހަކަ ޢަރަބީންނަށް އެނގިއްޖެއެވެ. މި ޚަބަރު ކިނާނަތުވަންހައިގެ މީހަކަށް އެނގިގެން ސިއްރުން صنعاء ގެ ކަނީސާ ތެރެއަށްވަދެ އެތަނުގައި ނަޖިސް އުނގުޅާ ހަދައިފިއެވެ. މިކަން އަބުރަހަތަށް އެނގިގެން އޭނާ ވަރަށް ރުޅިއަތުވެއްޖެއެވެ. އަދި ގެފުޅު މުގުރާލުމަށް ހުވާކޮށްފިއެވެ. އެކަމަށްޓަކައި ބޮޑު ލަޝްކަރެއް ތައްޔާރު ކުރުމަށް ޙަބަޝީންނަށް އޭނާ އެންގިއެވެ. އަބުރަހަތު ބޮޑު ލަސްކަރަކާއެކު ނުކުމެ مُغَمِّسِ އޭ ކިޔުނުތަނުގައި ފޭލިގެ ޖަހައިފިއެވެ. އެއަށްފަހު ޙަބަޝާގެ الأسود بن مفصود އޭ ކިޔުނު މީހަކު މައްކާއަށް ފޮނުވިއެވެ. މީނާ މައްކާއަށް ގޮސް މީހުންގެ ތަކެތި ލޫޓުވައި ހެދިއެވެ. އޭގެ ތެރޭގައި عبد المطلب ގެފާނުގެ 200 ޖަމަލުވެސް ހިމެނެއެވެ. 
އަބުރަހަތު އަންގައިގެން عبد المطلب ގެފާނު، އޭނާގެ ގާތަށް ވަޑައިގަތުމުން އެކަލޭގެފާނުގެ މޫނުފުޅުމަތީގައި ހުރި ހައިބަވަންތަކަމެއްގެ ސަބަބުން އަބުރަހަތު ތަޚުތުންފައިބައި ދޫލަމަތީގައި އިށީންދެ އެކަލޭގެފާނާ ބައްދަލުކުރިއެވެ. އަބުރަހަތު، عبد المطلب ގެފާނަށް ބުންޏެވެ. [ތިބާ ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟] عبد المطلب ގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު ބޭނުމީ ރަސްގެފާނު ގެންގޮސްފައިވާ އަޅުގަނޑުގެ 200 ޖަމަލެވެ.]
އަބުރަހަތު ބުންޏެވެ. [އެންމެ ފުރަތަމަ ތިބާ ފެނިފައި އަހަރެންގެ ހިތުގައި ތިބާއަށް ޚާއްޞަ ޤަދަރެއް ދެވުނެވެ. ނަމަވެސް މިހާރު ތިޔަ ބުނި އެއްޗަކުން އެކަން ފިލާގޮސްފިއެވެ. ތިޔަ އެދުނީ އަހަރެންގެ ސިފައިން ހިފި 200 ޖަމަލު ދެއްވުމަށެވެ. ނަމަވެސް އަހަރެން ތިޔަބައިމީހުންގެ ގެފުޅު މުގުރަން އައުމުން އޭގެ އެއްވެސް ކަމަކާ ކަންބޮޑުވެ ވާހަކައެއް ނުދައްކަމުއެވެ.] عبد المطلب ގެފާނު ވިދާޅުވިއެވެ. [ރަނގަޅެވެ. އަޅުގަނޑަކީ ޖަމަލުތަކުގެ ވެރިމީހާއެވެ. ގެފުޅަށްވެސް ވެރިއަކުވެއެވެ. އެފަރާތުން އެތަން ރައްކާތެރި ކުރައްވާނެއެވެ.] 
ދެން އަބުރަހަތު އެކަލޭގެފާނަށް އެކަލޭގެފާނުގެ 200 ޖަމަލު އަނބުރާ ދެއްވައިފިއެވެ. عبد المطلب ގެފާނު މައްކާއަށް ވަޑައިގެން އެތަނުގެ އަހުލުވެރިން މައްކާ ދޫކޮށް ފަރުބަދަތައް މައްޗަށް އަރާ ރައްކާތެރިކަން ހޯދުމަށް އެންގެވިއެވެ. އެއަށްފަހު އަބުރަހާގެ މައްޗަށް ނަޞްރު ދެއްވުން އެދި ގެފުޅު ކަރީގައި ހުންނަވައިގެން ދުޢާފުޅު ކުރެއްވިއެވެ. އަނެއް ދުވަހުގެ ހެނދުނު އަބުރަހާގެ ލަޝްކަރުގެ ސިފައިން މައްކާއަށް އަރަން މިސްރާބު ޖަހައިފިއެވެ. އެ ލަޝްކަރުގައި އޮތް އެންމެ ބޮޑު އެތް މައްކާއާ ހަމައަށް ގޮސްފައި އެއްގޮތަކަށްވެސް ކުރިއަކަށް ނުދިޔައެވެ. ޔަމަނާ ދިމާއަށް އަނބުރާލުމުން ތެދުވެ ބާރަށް ދުއްވައިގަނެވެ. ޝާމުކަރައާ ދިމާއަށް އަނބުރާލުމުންވެސް ތެދުވެ ދުއްވައިގަނެވެ. ނަމަވެސް މައްކާއާ ދިމާލަށް އަނބުރާލުމުން ބަނޑުޖަހައެވެ. އެތުގެ ބޮލުގައި މަރުތޭލުން ތަޅައިގެންވެސް ކުރިއަކަށް ނުދިޔައެވެ. 
މިބައިމީހުން މިޙާލެއްގައި ވަނިކޮށް އަރަހުށި މާތްﷲ އެބައިމީހުންގެ މައްޗަށް ކަނޑުން ދޫނިތަކެއް ފޮނުއްވިއެވެ. އެ ސޮރުމެން އައީ ތުނބުންނާއި ދެފައިން ހިލަކޮޅުތަކެއް ހިފައިގެންނެވެ. އައިސް އެބައިމިހުންގެ މައްޗަށް އުކައިލިއެވެ. އެ ހިލަތަކުން ޖެހުނު ކޮންމެ މީހަކު މަރުވެގެން ވެއްޓެވެ. އެގޮތުން އެބައިމީހުން ހަލާކުވެގެން ހިނގައްޖެއެވެ. އިބްނު ކަޘީރު ވިދާޅުވަނީ މިކަމެއް ހިނގީ މާތް ރަސޫލާ صلّى اللّـه عليه وسلّم  އުފަންވެވަޑައިގެންނެވި އަހަރުކަމުގައެވެ. މިދަންނަވައިލެވުނީ އަލްބިދާޔަތު ވައްނިހާޔަތުގައި އިބްނު ކަޘީރު މިވާހަކަ ގެންނަވައިފައިވާ ގޮތުގެ ޚުލާޞާއެވެ.
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ