ފ. ނިލަންދޫ ރައްޔިތުންނާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20، ގައި ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ވައުދުވެވަޑައިގެންނެވި ގޮތަށް އެ ރަށުގެ ފެނުގެ މަޝްރޫއު މިދިޔަ އަހަރަކު ނުނިންމުނެވެ.
ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ފެނުގެ މަޝްރޫއުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި 2025 ވަނަ އަހަރުގެ ތެރޭގައި މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް ނިމިފައި މިހާރު މިހިރީ. އެހެންވީމާ، އަޅުގަނޑުމެން އަންދާޒާ ކުރަނީ ދެ މަހެއްހާ ދުވަހޭ އެންމެގިނަވިޔަސް ވާނީ. ކޮންމެގޮތެއްވިޔަސް، މި އަހަރު ތެރޭގައި ހަމަ ޔަގީނުން ވެސް އިރާދަކުރެއްވިއްޔާ ނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ނިލަންދޫ ކައުންސިލުގެ ރައީސް އަލީ އަހުމަދު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާތަނަށް ނިމުނީ މަސައްކަތުގެ 70 ޕަސަންޓު ކަމަށާއި މަސައްކަތް ފަށައިފިނަމަ ދެ މަހެއް ނުވަތަ ތިން މަހެއް ތެރޭގައި މުޅި މަޝްރޫއު ނިންމާލެވިދާނެ ކަމަށެވެ.
"ގޭގެ ހައުސް ކަނެކްޓްސްތަކަށް ވެސް ގާތްގަނޑަކަށް 50 ވަރަކަށް، 60 ވަރަކަށް އިންސައްތަ ހައުސް ކަނެކެޓްސް ހަދާ، ފެނުގެ ޓެސްޓުވެސްކޮށް ބޭރު އައުޓްފޯލް ހޮޅި ގުޅައި ޓޭންކުތައް ރާވާ ހަމަ ގާތްގަނޑަކަށް މަސައްކަތް ނިމިފައި އޮތް ކަމެއް މިއީ،" އަލީ އަހުމަދު ވިދާޅުވި އެވެ.
"މުޅި ޕްރޮޖެކްޓްގެ ގާތްގަނޑަކަށް 70 ވަރަކަށް ޕަސަންޓް ނިމިފައި އެހެރީ މިހާރު. މަސައްކަތް ކޮށްލައިފި ކަމަށްވަންޏާ ކުރިއަށް ގާތްގަނޑަކަށް ދެ މަހެއް ތިން މަހެއް ތެރޭގައި ހަމަ އެއްކޮށް ނިންމާ މީހުންނަށް ހިދުމަތް ދެވޭވަރުވާނެ."
އޭނާ ވިދާޅުވީ މިދިޔަ އަހަރު މަޝްރޫއު ނިންމަވާނެ ކަމަށް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ދެކެ ލޯބިވާތީ އާއި ކުރާ އުންމީދެއްގެ ބޮޑު ކަމުން ކަމަށެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެންދަނީ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ސަަރުކާރަށް ނުދެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ހަގީގަތުގަައި މިއަދު ރައްޔިތުންގެ މައްޗަށް އޮތް އުންމީދަކާއި ލޯތްބެއްގެ ބޮޑުކަމުން އެވާހަކަ ދެންނެވީ [މިދިޔަ އަހަރު މަޝްރޫއު ނިންމާނެ ވާހަކަ]. އެހެންނަމަވެސް އިދާރީ ގޮތުން މީގައި ބަލަންޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ،" އަލީ އަހްމަދު ވިދާޅުވި އެވެ.
"ބެލިއިރުގައި އެ ކުންފުންޏަށް ދޭންޖެހޭ އެތަކެއް މިލިއަން ރުފިޔާގެ ފައިސާ ނުދީ އޮތީ. އަަދި މިއަދާ ހަމައަށް ދާންދެން ވެސް ގިނަ ފައިސާތަކެއް އަދިވެސް ކޮންޓްރެކްޓަރަށް ނުދެވުމުގެ ނަތީޖާއެއް މިހާ ހިސާބަށް އައިއިރުވެސް ހަގީގަތުގައިވެސް މަސައްކަތް ނުނިމި މިއޮތީ."
ނިލަންދޫގެ ފެނުގެ މަޝްރޫއު ކުރިއަށްގެންދަނީ ލަންކާގެ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ނިލަންދޫގެ ފެނުގެ މަޝްރޫއު މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ކުރިއަށްދޔަ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި މަޝްރޫއު ފަހުން ހުއްޓުނީ އެވެ.
ތިޔަ ރަށުގެ ތަރައްގީ މަޝްރޫއުތައް ހުރީ ހުއްޓިފައިތަ؟ އެފަދަ މަޝްރޫއުތަކުގެ ފޮޓޯ، ވޯޑިއޯ ހިއްސާކޮށް ދޭށެވެ. ފޮނުވާނީ އަދަދު ނޫހުގެ އީމެއިލް ([email protected]) އަށް ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ޑައިރެކްޓު މެސެޖެއް ފޮނުވާށެވެ.
މުއިއްޒު ވިދާޅުވި ގޮތަށް ނިލަންދޫގެ ފެނުގެ މަޝްރޫއު މިދިޔަ އަހަރަކު ނުނިންމުނު މުއިއްޒު ވިދާޅުވި ގޮތަށް ނިލަންދޫގެ ފެނުގެ މަޝްރޫއު މިދިޔަ އަހަރަކު ނުނިންމުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ