އިރާނުގައި އިންޓަނެޓު ކަނޑާލާފަ އޮންނަތާ ހަތަރު ދުވަސް ވަނީ އިރާނުގައި އިންޓަނެޓު ކަނޑާލާފަ އޮންނަތާ ހަތަރު ދުވަސް ވަނީ

އިގްތިސާދީ ދަތިތަކާ ހުރެ އީރާނުގައި ފެށި މުޒާހަރާތައް ވަރުގަދަވެ، ގައުމުގެ މަސްލަހަތު ގެއްލެމުންދަނިކޮށް އެ މުޒާހަރާތަކަށް ހުރަސް އެޅުމަށް އެ ގައުމުގެ ސަރުކާރުން އިންޓަނެޓުގެ ހިދުމަތްތައް މެދުކަނޑާލިތާ ހަތަރު ދުވަސް ވާން ކައިރިވެއްޖެ އެވެ.
ސައިބަ ސެކިއުރިޓީ ވޮޗްޑޯގެއް ކަމަށްވާ ނެޓްބްލޮކްސް އިން މިއަދު ބުނި ގޮތުގައި އިރާނުގެ އިންޓަނެޓު ހިދުމަތް މެދުކެނޑިފައި އޮންނަތާ މިހަރު 84 ގަޑިއިރު ވެއްޖެ އެވެ.
އިރާނުގެ އިދާރާތަކުން އިންޓަނެޓާއި ޓެލެފޯނު ލައިނުތަކުގެ ހިދުމަތްތައް ކަނޑާލީ މުޒާހަރާތަކާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާ އަދި ސަލާމަތީ ހިދުމަތްތަކުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ބައިނަލްއަގުވާމީ މުޖުތަމައުއަށް ހާމަވުން ހުއްޓުވަން ކަމަށް އެ ގައުމުގެ އިދިކޮޅު ފަރާތްތަކާއި ބައިނަލްއަގުވާމީ މީޑިއާތަކުން ދަނީ ބުނަމުންނެވެ.
ނެޓްބްލޮކްސް އިން ބުނާ ގޮތުގައި ޖެނުއަރީ 8، އިން ފެށިގެން އިރާނުގެ އިންޓަނެޓު ކަނެކްޓިވީ ލެވެލް ވަނީ އެއް ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިކަމުގެ ސަބަބުން މުޒާހަރާތަކުގެ އަދި ސަލާމަތީ ހިދުމަތްތަކުން ހިންގާ އަމަލުތަކުގެ ފޮޓޯ އާއި ވީޑިއޯ އަދި ހަބަރުތައް ގެނެސްދިނުމުގައި ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ.
ސީއެންއެން އިން ރިޕޯޓުކުރާ ގޮތުގައި މިދިޔަ ޑިސެމްބަރު 28، އިން ފެށިގެން ކުރިއަށްދާ މުޒާހަރާތަކުގައި މިހާތަނަށް މަދުވެގެން 544 މީހުން ވަނީ މަރުވެފަ އެވެ. މަރުވެފައިވާ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑު ފެންނަ ވީޑިއޯތަކެއް ވެސް ދަނީ ދައުރުވަމުންނެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނާއި ސިފައިން ވެސް ހިމެނެ އެވެ.
އޭގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިންނަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ އިރާން ސަރުކާރުން އާންމުން މަރަން ފަށައިފިނަމަ، އެމެރިކާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް މަރާތީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ