ކިތަންމެ ގިނަ ބައަކު ނުރުހުނަސް ﷲ ތަޢާލާގެ ދީން ދާނީ ކުރިއަރަމުން. ސުވަރުގެ ވަންނަން ބޭނުންވުމާއި ނުވުން އޮތީ ހަމަ އެމީހަކަށް: ޝައިޚް މުޙައްމަދު ހޮބްލޮސް

ސިކުނޑިއެއް ލިބިފައިވީނަމަވެސް ލޮލަށް ފެނި ޔަޤީންވާ ކަންކަމަށް ނުވިސްނާނަމަ އެސިކުނޑި ބޮލުގައި އޮތުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ލޮލެއް ދެއްވަވައި އަދި ދެލޮލަށް ފެނުން ދެއްވެވިނަމަވެސް ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުނުކުރެވޭނަމަ ލޮލެއް ދެއްވެވުމާއި ފެނުން ދެއްވެވުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟  
ނިކަން ވިސްނައިބަލާށެވެ. އިސްލާމް ދީން ﷲ ތަޢާލާ ބާވައިލެއްވެވީންސުރެ އަބަދުވެސް އަންނަނީ އެދީނަށް ގެއްލުންދީ ނިކަމެތިކުރަން މަސައްކަތްކުރަމުންނެވެ. ސޯޝަލްމީޑިއާއާއި އެހެން މީޑިއާތަކާއި ހުރިހާ މީޑިއާތައް ގުޅިގެން އެންމެ ބޮޑު ކެންޕޭނެއް އިސްލާމް ދީނާއި ދެކޮޅަށް ހިންގާތާ ކިތައް އަހަރުވެއްޖެހެއްޔެވެ؟ 
ވަރަށް ކެރިހުރެގެން ބުނަމެވެ. ދުނިޔޭގައި އިސްލާމް ދީނާއި ދެކޮޅަށް ކުރާފަދަ ކެންޕޭނެއް އެހެން އެއްވެސް ދީނަކާއި ދެކޮޅަށް ކުރާނަމަ އެދީނެއްގެ ވަސްވެސް ފިލައިގެންދާނެތާ އެތައް ޤަރުނެއް ވެއްޖެއެވެ.  
ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އެންޓިކެންޕޭން ވަރުގަދަކުރާވަރަކަށް އިސްލާމް ދީން ދަނީ ކުރިއަރަމުން ނޫންހެއްޔެވެ؟ މިއަދުވެސް ދުނިޔޭގައި އެންމެ ބާރަށް ފެތުރެނީ އިސްލާމްދީން ނޫންހެއްޔެވެ؟   
ދެން ކުރަން އޮތް ސުވާލަކީ މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟ ސިކުނޑީން ވިސްނައި ލޮލަށް ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާނަމަ މިދެއްކި އެއްވެސް ވާހަކައަކަށް ކާފިރަކުވެސް ދެކޮޅެއް ނުހަދާނެއެވެ. މިއީ އެހައިވެސް ބޮޑު ޙަޤީޤަތެކެވެ.  
ވީމާ މުސްލިމުންނަށް ގޮވާލަން ބޭނުންވަނީ މަކަރުވެރިންގެ ކެހިވެރި މަޅިތަކުގައި ޖެހި ތާށިވެގެން ނުތިބެ އަވަހަށް ތައުބާވާށެވެ! ތައުބާވެގެން ތިބި މީހުން ތަޤްވާވެރިކަމުގައި ބާރަށް ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރާށެވެ. ކިތަންމެ ގިނަ ބައަކު ނުރުހުނަސް ﷲ ތަޢާލާގެ ދީން ދާނީ ކުރިއަރަމުންނެވެ. އެމީހަކު ސުވަރުގެ ވަންނަން ބޭނުންވުމާއި ނުވުން އޮތީ ހަމަ އެމީހަކަށެވެ.
 
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ