ޖަރުމަނުވިލާތުގެ ޗާންސެލަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފްރެޑްރިކް މާރޒް އިންޑިއާއަށް ވަޑައިގެންފިއެވެ. މި މަހުގެ 12 އިން 13 އަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
ޗާންސެލަރު މާރޒް އަހުމަދުއާބާދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ގުޖުރާތުގެ ގަވަރުނަރު އަޗާރިޔާ ދޭވްރަތެވެ. ބޮޑުވަޒީރު މޯދީއާއި ޗާންސެލަރު މާރޒް ވަނީ ސަބަރްމަތީ ރިވަރފްރަންޓްގައި ބޭއްވި ބައިނަލްއަގުވާމީ ކައިޓް ފެސްޓިވަލްގައި ބައިވެރިވެވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އަހުމަދުއާބާދުގައި ހުންނަ ގާންދީ އާޝްރަމަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ބެންގަލޫރަށްވެސް ކުރު ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގާންދީނަގަރުގެ މަހާތުމާ މަންދިރުގައި ދެ ގައުމުގެ ލީޑަރުން ބާއްވާ ބައްދަލުވުމުގައި، އިސްތިރާތީޖީ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. މި ދަތުރުފުޅު ދިމާވަނީ އިންޑިއާއާއި ޖަރުމަނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 75 އަހަރު އަދި ދެ ގައުމުގެ އިސްތިރާތީޖީ ބައިވެރިވުމަށް 25 އަހަރު ފުރުމާއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މުސްތަގުބަލަށް އޮތް ތަސައްވުރު އަލުން ކަށަވަރުވެ، ބައިނަލްއަގުވާމީ މުޖުތަމައަށް އޭގެ ފައިދާ ކުރާނެއެވެ. މި ދަތުރުފުޅަށްފަހު، އީޔޫ-އިންޑިއާ ސަމިޓު އޮންނާނެއެވެ.
ޖަރުމަންވިލާތުގެ ޗާންސެލަރ އިންޑިއާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ