ރައީސްގެ ސްކޮލަޝިޕް: ބޭނުން ދާއިރާއަކުން ކިޔެވޭގޮތް އަލުން ހަދައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭ ގޮތަށް އުސޫލު އަލުން ބަދަލުކޮށްފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި އުސޫލެއްގައި ވަނީ، ރައީސްގެ ސްކޮލަޝިޕް ދޭނީ، އެ ވަގުތަށް މިނިސްޓްރީގައި ޝާއިއުކޮށްފައިވާ "ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި" ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ކަނޑައަޅާފަ އެވެ.
ނަމަވެސް ރޭ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުން ކިޔަވަން ބޭނުން ކޮންމެ ދާއިރާއެއްގައި ކިޔެވުމުގެ ފުރުސަތު ދެވޭ ގޮތަށް އުސޫލު އަލުން ބަދަލުކޮށްފަ އެވެ.
ރައީސްގެ ސްކޮލަޝިޕް ލިބިގެން ކިޔަވާ ދަރިވަރުން ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރަން ޖެހެ އެވެ. ހިދުމަތް ނުކުރާ ނަމަ ސްކޮލާޝިޕަށް ސަރުކާރުން ކުރި ހަރަދު، ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަން ޖެހެ އެވެ.
މިބަދަލުގެ އިތުރުންވެސް މުހިއްމު ބަދަލުތަކެއް އުސޫލަށް ގެނެސްފައިވެ އެވެ. އެގޮތުން ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފަ އެވެ. މި ބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ