ބީއެމްއެލްއިން އަޅާ އިތުރު 1،190 އަގުހެޔޮ ފްލެޓުގެ ބިންގާ އަޅައިފި

ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެނަށް' ސިޔާސަތުގެ ދަށުން ހުޅުމާލެ ފޭސް 2ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1،190 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ރޭ ފަށައިފި އެވެ.
ވީ ކިހިނެއް؟ - ގައުމީ ބޭންކް، ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑްއިން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއޫގެ އަމަލީ މަސައްކަތް ފެށީ ރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލު - މި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ބީއެމްއެލް އަދި ބީޔޫސީޖީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެ އެވެ. އެގޮތުން:
މި މަޝްރޫއޫގެ ބިންގާ އަޅައިދެއްވީ ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހި ކޮންގް ޝިންހުއާ އަދި ބީއެމްއެލް އާއި ބީޔޫސީޖީގެ އިސްވެރިން
ބިންގާ އަޅައިދެއްވި ބޭފުޅުންނާ އެކު ރައީސް ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައި
'އެފޯޑަބަލް ހައުސިން' މަޝްރުއޫގެ ނަމުގައި ހިންގާ ބޯހިޔާވަހިކަމުގެ މި މަޝްރޫއު އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ބީއެމްއިލްއިން މާލެ ސަރަހައްދުގައި ޖުމްލަ 3،000އަށް ވުރެ ގިނަ ފްލެޓް އެޅުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން ރޭ ފެށި މަޝްރޫއާ އެކު އެފަދަ ހަތަރު މަޝްރޫއެއްގެ ބިންގާ އަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1،224 ހައުސިން ޔުނިޓް: ޗައިނާ މެޝިނަރީ އިންޖިނޭރިން ކޯޕަރޭޝަން (ސީއެމްއީސީ)ން ހުޅުމާލޭ ފޭސް 2ގައި 
300 ހައުސިން ޔުނިޓް: ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ން ވިލިމާލޭގައި
 182 ހައުސިން ޔުނިޓް: އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ފޭސް 1ގައި
މިއާ އެކު މިހާތަނަށް 2،896 ޔުނިޓްގެ އަމަލީ މަސައްކަތް މި މަސް ތެރޭ ވަނީ ފަށާފަ އެވެ. ބާކީ އޮތް 364 ޔުނިޓްގެ ބިންގާ އެޅުން މިއަދު އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މުޅި މަޝްރޫއުގެ މަސައްކަތް އޮގަސްޓު 2028އަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ  - ބިންގާ އެޅުން މިހާރު ގިނަވެފައިވާއިރު، އަންނަ ހޮނިހިރު ދުވަހަކީ ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓެއް އޮންނަ ދުވަހެވެ. އެ ދުވަސް ކައިރިވާ ވަރަކަށް ސަރުކާރުން ދަނީ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފަށަަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ