ރާޖަސްތާނުން ޗެންނާއި ބަލިކުރިއިރު، 15 އަހަރުގެ ސޫރްޔަވަންޝީ ވިދާލައިފި ރާޖަސްތާނުން ޗެންނާއި ބަލިކުރިއިރު، 15 އަހަރުގެ ސޫރްޔަވަންޝީ ވިދާލައިފި

ގުވަހާޓީ، އިންޑިއާ (މާޗް 31) - ދުނިޔޭގެ އެންމެ މަޝްހޫރު ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ 15 އަހަރުގެ ވައިބަވް ސޫރްޔަވަންޝީގެ މޮޅު ކުޅުމާ އެކު، ރާޖަސްތާން ރޯޔަލްސް އިން އަށް ވިކެޓުން ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) ބަލިކޮށް މޮޅަކުން ފަށައިފި އެވެ.
ގުވަހާޓީގެ ބަރްސަޕާރާ ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވީ ރާޖަސްތާން ރޯޔަލްސް އަށެވެ.
އަނިޔާގެ ސަބަބުން، މަހިންދުރަ ސިންގް ދޯނީ ނުލައި ކުޅެން ޖެހިފައިވާ، ޗެންނާއި ޓީމުން ކުޅެން އަރައި، 19.4 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 127 ލަނޑެވެ. ސަންޖޫ ސެމްސަން އާއި ރުތުރާޖް ގައިކްވާޑް، އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި އަރައި، ދެ ކުޅުންތެރިން ވެސް ހަ ލަނޑަށް ނުބައިވިއިރު، އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 36 ބޯޅައިން 43 ލަނޑަށް ނުބައިވި، ޖޭމީ އޮވާޓަން އެވެ. މި އިނިންސްގައި ރާޖަސްތާންގެ ޖޯފްރާ އާޗާ، ރަވިންދުރަ ޖަދޭޖާ އަދި ނަންދްރޭ ބާގާ، ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނުން ނަތީޖާ އަނބުރާލީ 12.1 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައިވިއިރު، 128 ލަނޑު ހަދައިގެންނެވެ. އޯޕަނިން ބެޓްސްމަނުންގެ ތެރޭގައި ކުޅެން އަރައި، ސޫރްޔަވަންޝީ ވަނީ 17 ބޯޅައިން 52 ލަނޑު ހަދައިފަ އެެވެ. މިއީ، އޭނާއާ އެކު ކުޅެން އެރި ޔަޝަޝްވީ ޖޭސްވާލް، ރާޖަސްތާނުގައި 2023 ވަނަ އަހަރު، 15 ބޯޅައިން 50 ލަނޑު ހަދައިގެން، ގާއިމްކުރި ރެކޯޑާ މިހާ ގާތަށް ކުޅުންތެރިއަކު ޖެހިލި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގައި ޔަޝަޝްވީ ނުބައިނުވެ، 36 ބޯޅައިން 38 ލަނޑު ހެދި އެވެ.
އައިޕީއެލްގައި މިރޭ އޮތީ ޕަންޖާބް ކިންގްސް އާއި ގުޖުރާތު ޓައިޓަންސް ބައްދަލުކުރާ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ