އަންހެނެއްގެ ބޮލުގައި ޖަހައި، މާރާމާރީ ހިންގި މައްސަލަ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް

މާލެ، ގަލޮޅު، ހަލަވެލި ގޯޅީގައި ފިރިހެނަކު އަންހެނެއްގެ ބޮލުގައި ޖަހައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން، ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ. ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގި މައްސަލައެއް ފުލުހަށް ރިޕޯޓުކުރީ ރޭ ގާތްގަނޑަކަށް ނުވައެއް ޖަހާކަން ހާއިރެވެ. ސޯޝަލް މީޑިއާގައި ރޭ ދައުރުވި ވީޑިއޯއަކުން، ދެ ފިރިހެނުންނާއި އަންހެނަކު ފެނެއެވެ. އެ މީހުންގެ ތެރެއިން ޒުވާބެއްގެ އަޑުއިވޭއިރު، އެކަކު ދިޔައީ، އަންހެން މީހާއައި ދެން ހުރި ފިރިހެން މީހާގެ ދެމެދަށް ވަދެ، ދެ މީހުން ދުރުކުރަން މަސައްކަތް ކުރަމުންނެވެ. ވަކި ހިސާބަކުން އެ ފިރިހެން މީހާގެ އަތްދަށުން ސަލާމަތްވެ، ޓީޝާޓެއް ނުލައި ހުރި ފިރިހެނަކު، އަންހެން މީހާގެ ބޮލުގައި އެތައް ފަހަރަކު ބާރަށް ޖަހާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ދެން ފެނުނީ އެ ފިރިހެން މީހާ ދުވެފައި ގޮސް އެ ގޯޅިން ނިކުތް މަންޒަރެވެ. އެއާއެކު އަންހެން މީހާ އެ ފިރިހެން މީހާ ދިޔަ ދިމާލަށް އިނގިލި ދިއްކޮށް ވާހަކަ ދެއްކި މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ގ. ޝަރާޒް، ޢަލީ ޢިމްރާން ވަޙީދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ