މާލޭގެ މޭޔަރުކަމަށް އިންތިހާބުވެއްޖެނަމަ މަގާމުގެ ފުރަތަމަ ދުވަހު މާލެއަށް ވެހިކަލް ރަޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލަން ސަރުކާރުގައި އެދޭނެ ކަމަށް މާލޭގެ މޭޔަރުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު އިން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އިންތިހާބު ވެއްޖެނަމަ މަގާމާ ހަވާލުވާތާ ހަ މަސްދުވަހުގެ ތެރޭގައި މާލޭގެ ވެހިކަލް ކެރީޔިން ކެޕޭސިޓީ ކަނޑައަޅުއްވާނެ ކަމަށެވެ، އަދި ވައުދު ހާސިލުނުވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް އަލީ އާޒިމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު މޭޔަރުކަމުގެ ފުރަތަމަ ދުވަހު، އަޅުގަނޑު ޓްރާންސްޕޯޓް މިނިސްޓްރީއަށް، ރައީސުލްޖުމްހުރިއްޔާއަށް ސިޓީ ފޮނުވާނަން. މާލޭގަ ވެހިކަލް ރަޖިސްޓްރީ ކުރުން މިވަގުތަށް އިހަށް މަޑުޖައްސާލަ ދޭށޭ. ގަވާއިދުތަކެއް، އުސޫލުތަކެއް، ހަމަތަކެއް ހެދެންދެން، ޕާކިން ފެސިލިޓީ ގެނެވެންދެން،" އާޒިމް ވިދާޅުވި އެވެ.
މާލޭގެ ޓްރެފިކް އާއި ޕާކިންގެ މައްސަލަ ހައްލުނުވަނީ ގާނޫނުތައް ރަނގަޅަށް ތަންފީޒުނުކުރެވޭތީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. މާލޭގެ މަގުތަކުގައި ރީނދޫ ރޮނގު ދަމާ ކޯނު ބެހެއްޓިޔަސް އެ މައްސަލަ ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ އަހަރުން ފެށިގެން މާލޭގެ މަގުމަތީ ހިނގާލަން ތަންކޮޅެއް ފަސޭހަވާނެ ވަރަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އޭގެ އިތުރަށް ވެސް ގާނޫނުގަ އޮތް ގޮތަށް ކަންކަން ކުރާނެ،" އާޒިމް ވިދާޅުވި އެވެ.
ފުލުހުންނާއި ގުޅިގެން މާލޭގެ މަގުތައް މޮނީޓާ ކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާކިން އަދި ޓްރެފިކުގެ މައްސަލަ އަކީ މާލެ ސަރަހައްދަށް ޖެހިފައި އޮތް އެންމެ ބޮޑު އެއް ތަކުލީފެވެ. މި ތަކުލީފަށް ލުއިކަމެއް ނުލިބެނީ ހުއްޓުމެއްނެތި މާލެއަށް ވެހިކަލް އެތެރެކުރަމުންދާތީ އެވެ.
މީގެ ކުރިން 2019 އިން 2024 އާ ދެމެދު ރާއްޖެއަށް 69,000 އަށްވުރެ ގިނަ ވެހިކަލު ރަޖިސްޓްރީކުރި ކަމަށް ސަރުކާރުން 2024 ގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވަނީ މާލެ ސަރަހައްދަށެވެ.
މި މައްސަލަ ހައްލުކުރަން ކަމަށް ބުނެ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފެށި އެވެ. އެއާއެކު ޕާކިން މައްސަލަ އިތުރަށް ގޯސްވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މި ނޫހުން ހޯދާފައިވާ މައުލޫމާތުން އެނގުނު ގޮތުގައި މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް މާލޭގެ ފަސް ސަރަހައްދަކުން ޕާކު ކުރަން 1120 ޖާގަ ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން 941 ޖާގައަކީ މަގުމަތިން ދޫކޮށްފައި ހުރި ޖާގަތަކެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިކަން ފަށައިގެން މި ނޫހަށް މައުލޫމާތު ދިން މުއްދަތާ ހަމައަށް ޕާކިން ޖާގަތަކުން އާމްދަނީގެ ގޮތުގައި 17.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މާލެއަށް ވެހިކަލް ރަޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލަން މޭޔަރުކަމުގެ ފުރަތަމަ ދުވަހު އެދޭނަން: އަލީ އާޒިމް މާލެއަށް ވެހިކަލް ރަޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލަން މޭޔަރުކަމުގެ ފުރަތަމަ ދުވަހު އެދޭނަން: އަލީ އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ