ވެރިކަންކުރާ ޕީއެންސީގެ ހަރުގެ ހަތަރު ފަންގިފިލާގެ އާ އިމާރާތް ރައީސް ހުޅުވައިދެއްވައިފި

ވެރިކަންކުރާ ޕީއެންސީގެ ހަރުގެ އޮފީހަކަށް ބޮޑުކޮށް، މިރޭ ހުޅުވައިފިއެވެ. މީގެ ކުރިން އިދިކޮޅު އެމްޑީޕީއާއި އޭގެ ފަހުން އެމްޑީޕީ ދޫކޮށް ދިޔަ މެންބަރުން އުފެއްދި ޑިމޮކްރެޓްސްއިން ބޭނުންކުރި ހަރުގެ ޕީއެންސީން ބޭނުންކުރަން ފެށީ ޖުލައި، 2024ގެ ކުރީކޮޅެވެ. އެ ތަން ބޮޑުކޮށް ހަތަރު ފަންގިފިލާއަށް ވަނީ އުސްކޮށްފައެވެ. ޕީއެންސީގެ މައި އޮފީސް ހުޅުވައިދެއްވީ އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެ ތަން ބޮޑުކުރުމަށް ޓަކައި އެ ސަރަހައްދުގައި މީގެ ކުރިން ހުރި ތޫމް ކެފޭ ވެސް ވަނީ ބަދަލުކޮށްފައެވެ. އާޓިފިޝަލް ބީޗު ކުރިމައްޗަށްވާހެން ޖަގަހައިގެ ފާރުގައި ބޮޑު ލެޑް ސްކްރީނެއް ވެސް ހަރުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި އެއީ ޕާޓީއާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށާއި، ބޮޑެތި ޖަލްސާތައް ކުރިއަށްދާ ވަގުތު އާންމުންނަށް އެ ޖަލްސާތަކުގެ ވާނުވާ ސާފުކޮށްދޭން ހަރުކޮށްފައިވާ ސްކްރީނެކެވެ. ބޭރު ފުށުން ފެންނަ ފެނުމަށް ބަލާއިރު، ބޮޑެތި ޚަރަދުތަކެއްކޮށްގެން ތައްޔާރުކުރި މި އޮފީސް އިމާރާތް ވާނީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިހާތަނަށް ހެދި އެންމެ ބޮޑު އޮފީހަށެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ވޭތުވެދިޔަ ހަ މަހުގެ ތެރޭ ޕީއެންސީއަށް ފަސްހާހަށްވުރެ މެންބަރުން ވަނީ އިތުރުވެފައެވެ. މިވަގުތު އެ ޕާޓީގައި 74،048 މެންބަރުން އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ