ފޮރިން ސާވިސްއަށް އެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައި ތިބި މީހުން ނޫނީ އައްޔަނު ނުކުރެވޭނެ ގޮތް ހެދުން މުހިންމު: ފައްޔާޒް

ރާއްޖޭގެ ސިޔާސަތު ވާންވާނީ ގިނަ ބަޔަކާ ނުޖެހި، އަވައްޓެރިންނާ ގުޅިގެން އުޅެވޭ ސިޔާސަތަކަށް ކަމަށާއި އެކަން ކުރުމަށް ހާރިޖީ ދާއިރާއަށް އައްޔަން ކުރެވޭނީ އެ ދާއިރާއިން ތައުލީމު ހާސިލް ކޮށްފައި ތިބި މީހުން ކަމަށް ކަނޑައެޅުން މުހިންމު ކަމަށް, އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ. އަވައްޓެރި ސްރީލަންކާއަށް ދިގު މުއްދަތަކަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެތައް އިރަކު މަޑުކުރަން ޖެހޭތީ, އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު އިއްޔެ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ލަންކާ ނޫހަކަށް ދެއްވި އިންޓަވިއޫއެއްގައި މަސްއޫދު ވިދާޅުވީ ދިވެހީންނާ މެދު "ދޮންމަންމަ"އެއް ކަންކުރާ އުސޫލުން ލަންކާއިން ކަން ކުރާ ކަމަށެވެ. ދިވެހީންނަށް އެ ދަތިތައް ތަކުރާރުކުރުވާނަމަ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު ވެސް މަސްއޫދު ދެއްވިއެވެ. މި ބަސްމަގުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށާއި ސަރުކާރަށް އަމާޒުވެފައެވެ. އަދި މިއީ ގައުމެއްގެ ހާރިޖީ ސިޔާސަތު އޮންނަން ވާނެ ގޮތް ނޫން ކަމަށް ވެސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އިންޑިއާ އައުޓްގެ ކަންތައްގަނޑާއި އޭގެ ފަހުން މި ސަރުކާރުގައި ހިނގި ކަންކަމާ ގުޅިގެން އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. އޭގެ ފަހުން އަނެއްކާ ލަންކާއާ އޮތް ގުޅުން ގޯސް ވެދާނެތީ ވެސް މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. https://sun.mv/216476 މަސްއޫދުގެ މި ވާހަކަތަކުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ބިނާކޮށް "ސަން" ގައި މިއަދު ޝާއިއު ކުރި ރިޕޯޓެއް "އެކްސް" ގައި ހިއްސާކުރައްވައި، އެ ރިޕޯޓަށް ތާއީދު ކުރެއްވުމަށް ފަހު, ފައްޔާޒް ވިދާޅުވީ، ރާއްްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ޚާރިޖީ ސިޔާސަތު ކަމަށެވެ. https://x.com/faya_i/status/2009550384839405753 އެގޮތުން، މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ދިފާއީ ރޮނގަކީ ފޮރިން ސާވިސް ކަމަށާއި އެ ސާވިސްގެ ގާބިލުކަމާއި ހުޝިޔާރުކަން ހުންނަން ވާނެކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. އެއީ، ވީހާ ގިނަ ބަޔަކާ ނުޖެހި، ޚާއްސަކޮށް އަވައްޓެރިންނާ ގުޅިގެން އުޅެވޭނެ ސިޔާސަތަކަށް ވާންވާނެ ކަމަށް ފައްޔާޒް ގަބޫލުކުރައްވައެވެ. "ފޮރިން ސާވިސްއަށް އެ ދާއިރާގެ ފޯމަލް އެޑިއުކޭޝަނެއް ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެ ހެން ގާނޫނުގައި ކަނޑައެޅުން ރަނގަޅުވެދާނެކަމަށް ފެނޭ. އޭރުން ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ މިފަދަ ހާދިސާތައް ދިމާވުން މަދުވާނެ," ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒު އެފަދައިން ވިދާޅުވިއިރު، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ މެދު ގިނަ ބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުވެސް ކިޔަމުންނެވެ. https://sun.mv/216437 އެގޮތުން ސްރީލަންކާއިން ދިވެހީންނަށް ވިސާ ލިބުން ދަތިވެފައިވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭ އިންޑިއާއާ ވެސް މި ސަރުކާރު އައި ފަހުން ރާއްޖޭގެ ގުޅުން ވަރަށް ގޯސްވިއެވެ. އޭގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ބޮޑު ގެއްލުމަކާ ކުރިމަތިވިއެވެ. ނަމަވެސް ފަހުން ދެ ސަރުކާރުން ވަނީ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކޮށްފައެވެ. މި ސަރުކާރަށް ބަލާއިރު ވެސް ސަފީރުންގެ ގޮތުގައި ގިނައިން ކަނޑައަޅުއްވާފައި ތިއްބެވީ އެ ދާއިރާއިން ބޭރުގެ މީހުންނެވެ. ސަރުކާރުތަކުން މި ގޮތަށް އަމަލު ކުރާތީ ހާރިޖީ ދާއިރާއިން ތައުލީމާއި ތަމްރީނު ހޯއްދަވާފައިވާ އަދި އެ ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އެތައް ބަޔަކަށް ފުރުސަތު ނުލިބި ބާކީވެއެވެ. https://sun.mv/214476 ދިވެހި ރާއްޖެއަކީ ޒަމާނުންސުރެ ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭރުގެ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ލިބެމުން އައި ގައުމެކެވެ. ނަމަވެސް މި ސަރުކާރުގެ މިވީ ދެ އަހަރުގެ ތެރޭގައި އެ އެހީތައް ވެސް ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެކަން ވެސް ހާރިޖީ ސިޔާސަތާ ގުޅުވައެވެ. ލަންކާގައި މިހާރު ވެސް 1800 އެއްހާ ދިވެހީން ދިރިއުޅެއެވެ. އެ ގައުމުގައި ދިވެހީން ގިނައިން ދިރިއުޅެނީ ތައުލީމު އުނގެނުމަށާއި ބޭސްފަރުވާއަށެވެ. ކޮވިޑްގެ ކުރިން އެ ގައުމުގައި 15,000 އެއްހާ ދިވެހީން ދިރިއުޅުނެވެ. ނަމަވެސް، ކޮވިޑާއެކު ލަންކާއަށް ދިމާވި މާލީ ދަތިކަމުގެ ސަބަބުން ދިރިއުޅުން ދަތިވެ, އެތައް ހާސް ދިވެހީންނެއް ވަނީ އެ ގައުމު ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ