ތިނަދޫގައި އެމްއާރްއައިގެ ޚިދުމަތް މިއަހަރު ފަށަނީ

ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުތެރޭ އެމްއާރްއައިގެ ޚިދުމަތް ފެށިގެންދާނެކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެމްއާރްއައިގެ ޚިދުމަތް ތިނަދޫގައި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
"އެމްއާރްއައި ތިނަދޫގަ ބެހެއްޓުމަކީ ރައީސްގެ ވަޢުދުފުޅުގެ ތެރޭގަ ހިމެނޭކަމެއް. އަޅުގަނޑުމެން މިހާރު އެމްއާރްއައި ބެހެއްޓުމަށް ހަވާލުކުރެވުނު ކުންފުނި، ތިނަދޫ އަށް ޒިޔާރަތްކޮށް ސައިޓް ބެލިފައެވަނީ، އަދި މިހާރު އަޅުގަނޑުމެން ވާނީ ރަސްމީކޮށް އެ ސައިޓް އެބޭފުޅުންނާ ހަވާލުކުރުމުގެ ލިޔުންވެސް ފޮނުވާފަ. އަޅުގަނޑުމެން ޤަބޫލުކޮށްގެން މިތިބީ މިއަހަރުގެ ފަހުކުއާޓަރގައި އެމްއާރްއައިގެ ޚިދުމަތް ތިނަދޫގަ ފެށިގެންދާނެކަމަށް." އަޝްރަފް ވިދާޅުވިއެވެ.
މީގެއިތުރުން، އޭއެސްއެމް ހޮސްޕިޓަލުގައި ހައިޕަރބެރިކް ޗެމްބަރއެއް ބެހެއްޓުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް އަޝްރަފް ވިދާޅުވިއެވެ. އަޝްރަފް ވިދާޅުވީ، މި ޚިދުމަތްވެސް މިއަހަރުތެރޭ އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް އެބަކުރަން ހައިޕަރބެރިކް ޗެމްބަރއަކަށް، އެހެންވީމަ އެ ޖާގަ އަޅުގަނޑުމެން މި ބަލަނީ ޚިދުމަތަށް މިއަހަރުތެރޭގައި އެމްއާރްއައިއަށްވުރެވެސް ކުރިން ޚިދުމަތަށް ގެނެވޭތޯ. ރައްޔިތުންނަށް އަބަދުވެސް ޚިދުމަތް ލިބިގެންދާނެކަމުގެ ޔަޤީންކަން ލިބިގެންދާނެ. 2026 ނިމުމުގެ ކުރިން އެމްއާރްއައިގެ ޚިދުމަތާއި، ހައިޕަރބޭރިކް ޗެމްޕަރގެ ޚިދުމަތްވެސް ފެށިގެންދާނެ." އަޝްރަފް ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން އޭއެސްއެމް ހޮސްޕިޓަލުގައި އެމްއާރްއައިގެ ޚިދުމަތާއި، ހައިޕަރބޭރިކް ޗެމްޕަރގެ ޚިދުމަތްވެސް ފެށިގެންދާނެކަމުގެ ޔަޤީން އަޝްރަފް ދެއްވިއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ދަނީ އެކި މަޝްރޫޢުތައް ހިންގަވަމުންނެވެ.
އެގޮތުން ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމަށް، ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި، އަތޮޅުތަކުގައި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހަރުދަނާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ