ޢިރާޤުގެ ޑޮލަރު ހިފަހައްޓައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ޢިރާޤުގައި ހަރަކާތްތެރިވާ އީރާނުގެ ތާއީދު އޮތް ހަތިޔާރުއެޅި ޖަމާޢަތްތަކުން ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ބަޣުދާދަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ގޮތުން، ތެލުގެ އާމްދަނީން ޢިރާޤަށް ލިބިފައިވާ ގާތްގަނޑަކަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ ހިފަހައްޓައި، އަސްކަރީ އަދި ޖާސޫސީ ގޮތުން އެއްބާރުލުން ދިނުން އެމެރިކާއިން މެދުކަނޑައިލައިފިއެވެ.
ޢިރާޤު ސަރުކާރުގެ މަޞްދަރުތަކުން ބުނީ، ނިއު ޔޯކްގެ ފެޑަރަލް ރިޒާވު ބޭންކުން ބަޣުދާދަށް ފޮނުވަންޖެހޭ މި ފައިސާގެ ޝިޕްމަންޓުތައް ހުއްޓައިލާފައި ވަނީ، ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދެމުންދާ ރެކޮޓު ޙަމަލާތައް ހުއްޓުވުމަށް ބަޣުދާދުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ކަމުގައެވެ. އެމެރިކާއިން އިސްވެ ޢިރާޤަށް އަރައި ފެށި ހަނގުރާމައަށް ފަހު، 2003 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ އުޞޫލުގެ ދަށުން، ޢިރާޤުގެ ތެލުގެ އާމްދަނީ ރައްކާކުރަނީ ނިއު ޔޯކްގެ ފެޑަރަލް ރިޒާވު ބޭންކުގައެވެ. އެ ބޭންކުން ކޮންމެ މަހަކުވެސް 450 މިލިޔަނާއި 500 މިލިޔަން ޑޮލަރާ ދެމެދުގެ ނަގުދު ފައިސާ ބަޣުދާދަށް ފޮނުވަމުންދެއެވެ.
ޢިރާޤުގެ މަރުކަޒީ ބޭންކުގެ އޮފިޝަލަކު ބުނީ، އެޕްރީލު މަހުގެ ފައިސާގެ ޝިޕްމަންޓު ލިބިފައި ނުވާއިރު، މޭ މަހުގެ ޝިޕްމަންޓާމެދު ވާނެ ގޮތް ވޮޝިންގްޓަނުން ސާފުކޮށްދީފައިނުވާ ކަމުގައެވެ. މި ފައިސާއަކީ ޢިރާޤުގެ ރައްޔިތުން ބޭސްފަރުވާއަށާއި، ބޭރު ޤައުމުތަކުގައި ތަޢުލީމު ހާސިލުކުރުމަށާއި، ދަތުރުފަތުރުގެ ބޭނުންތަކަށް ބޭނުންކުރާ ނަގުދު ފައިސާއެވެ. ނަމަވެސް، ވިޔަފާރީގެ މުޢާމަލާތުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޓްރާންސްފަރތަކަށް ބަދަލެއް ގެނެސްފައިނުވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
ޢިރާޤުގެ ޚާރިޖީ ވުޒާރާގެ މަޞްދަރަކުން ބުނީ، ބަޣުދާދުގެ ސަރުކާރުގައި ހިމެނޭ އަދި ޤާނޫނުހަދާ މަޖިލީހުގައި ތަމްސީލުކުރެވޭ ހަތިޔާރުއެޅި ޖަމާޢަތްތައް ކޮންޓުރޯލުކުރުމަށް ވޮޝިންގްޓަނުން އަންގާފައިވާ ކަމުގައެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެން ބައެއް ޖަމާޢަތްތަކުން ވަނީ ޢިރާޤުގެ އިތުރުން ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ މަޞްލަޙަތުތަކަށް ޙަމަލާދޭން ފަށާފައެވެ.
އޭގެ ތެރޭގައި ޢިރާޤުގައި ހުންނަ އެމެރިކާގެ އެމްބަސީއާއި ކޮންސިއުލޭޓްގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާ، ކުވަޔިތު، އެކުވެރި ޢަރަބި ޢިމާރާތް، ބަޙްރަޔިން، އުރުދުން އަދި ސޫރިޔާގައި ހުރި އެމެރިކާ އަމާޒުތައް ހިމެނެއެވެ. މިކަމާ ގުޅިގެން ސައޫދީ ޢަރަބިއްޔާ އާއި ބަޙްރަޔިނުން ވަނީ ޢިރާޤުގެ ސަފީރުން ހާޒިރުކޮށް ރަސްމީކޮށް އިހުތިޖާޖު ކޮށްފައެވެ.
އިޤުތިޞާދީ ފިއްތުންތަކުގެ އިތުރުން، އެމެރިކާއިން ވަނީ ޢިރާޤުގެ އަސްކަރިއްޔާއާއެކު ބާއްވާ ގުޅިފައިވާ ބައްދަލުވުންތަކާއި، ނިރުބަވެރި ޖަމާޢަތް އައިއެސްއާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ޙިއްޞާކުރާ ޖާސޫސީ މަޢުލޫމާތުތައް ފޯރުކޮށްދިނުން ވެސް ވަގުތީގޮތުން މެދުކަނޑައިލާފައެވެ. މިއީ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީގެ ސަރުކާރު ބޮޑު އިމްތިޙާނެއްގެ ތެރެއަށް ވައްޓައިލި ނިންމުއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ